ޒީނާ މަގާމާ ހަވާލުވިއިރު ޕީއެސްއެމް ތިޖޫރީގައި އޮތީ ހަތް ރުފިޔާ، 261 މިލިއަންގެ ދަރަނި

ވިދާޅުވީ ކުންފުނީގެ އެކައުންޓްގައި ފައިސާކޮޅެއް ހުރި ނަމަވެސް ތިޖޫރީގައި އޮތީ ހަތް ރުފިޔާ ކަމަށެވެ. އަދި އެތެރެއާ ބޭރުގެ ދަރަނި ހުރީ 261 މިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ ކުންފުނީގައި ތިޖޫރީގައި އޮތީ ހަތް ރުފިޔާ ކަމަށާ ކުންފުނީގެ ދަރަނި 261 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެމްޑީ ޒީނާ ޒާހިރު ވިދާޅުވެއްޖެ އެވެ.

މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޒީނާއާ ކުންފުނީގެ އިސްވެރީން މިއަދު ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަވާފަ އެވެ. 

ޒީނާ ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާ ހަވާލުވެވަޑައިގެންނެވިއިރު ކުންފުނި އޮތް މާލީ ހާލަތެވެ. ވިދާޅުވީ ކުންފުނީގެ އެކައުންޓްގައި ފައިސާކޮޅެއް ހުރި ނަމަވެސް ތިޖޫރީގައި އޮތީ ހަތް ރުފިޔާ ކަމަށެވެ. އަދި އެތެރެއާ ބޭރުގެ ދަރަނި ހުރީ 261 މިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަވާލުވިއިރު ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ފައިސާ ފޮއްޗެއް ވެސް ނެތް. މި ދެންނެވީ އެންމެ 10 ރުފިޔާގެ މިންވަރު ވެސް ޕީއެސްއެމްގެ ތިޖޫރީގައި ނެތޭ،"

މީގެ އިތުރުން ޑޮލަރު އެކައުންޓް ގައި ވެސް އެންމެ ޑޮލަރެއްގެ މިންވަރު ވެސް ނެތް ކަމަށެވެ. އެ ކުންފުނިން ބޭރުން ހޯދާ ހިދުމަތްތަކަށް ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށް ވާތީ އަބަދުވެސް ޑޮލަރުގެ ރިޒާވެއް ގެންގުޅެން ޖެހޭ ކަމަށް ޒީނާ ވިދާޅުވި އެވެ. ޑޮލަރު ގަތުގެ ނަމުގައި މުއާމަލާތްތަކެއް ހިންގާފައިވީނަމަވެސް އެންމެ ޑޮލަރެއް ވެސް ކުންފުންޏަށް ލިބިފައި ނެތް ކަމަށް ވިދާޅުވި އެވެ. ޑޮލަރު ހޯދުމުގެ ނަމުގައި ހަތަރު އަހަރުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަން ލިޔެކިޔުންތަކުން ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މަގާމާއި ހަވާލުވިއިރު 261 މިލިއަން ރުފިޔާގެ ދަރަނި އޮތްކަން ފާހަގަކޮށް ޒީނާ އެ ތަފްސީލު ވެސް ދެއްވި އެވެ.

  •  ސަރުކާރު ކުންފުނިތަކަށް ދައްކަން ޖެހޭ 122 މިލިއަން
  •  އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ 26 މިލިއަން
  •  ބޭރުގެ ފަރާތްތަކަށް 24 މިލިއަން
  •  ލޯނުތަކަށް 87 މިލިއަން

ޒީނާ ވިދާޅުވި ގޮތުގައި މިހާތަނަށް ނުވަ މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އެއީ އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ދެ މިލިއަން ރުފިޔާއާ ބޭރުން ހޯދި ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ހަތަރު މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ބުންޏެވެ.

ކޯޓް މަރުހަލާ ގައި އޮތް އެކި މައްސަލަތަކާއި ގުޅިގެން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ދެ މިލިއަން ރުފިޔާ ވެސް ދައްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަރަށް ބޮޑު އިސްކަމެއް ދީގެން ކުންފުނީގެ ހަރަދު ކުޑަކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އެ ގޮތުން މިދިޔަ ހައެއްކަ މަސް ދުވަހު ކުންފުނީގެ ހަރަދު 20 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.