ފައިނޭންސް ހެޑާ ގުޅޭ މައްސަލާގައި ޖިނާއީ ކަންތައްތަކެއް ފާހަގަ ކުރެވޭތީ އެކަންކަން ބަލައިދިނުމަށް ފުލުހަށް ވެސް ހުށައަޅާފައިވާނެ ކަމަށް ޒީނާ ވިދާޅުވި އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޑިރެކްޓަރު ފައިނޭންސްގެ މަގާމުގައި ހުންނެވި އަހްމަދު ހަނީފް މަގާމުން ވަކިކޮށްފި އެވެ.
ފައިނޭންސް ޑިޕާޓްމަންޓުން ޕޭމަންޓުތަކާއި ކޭޝްފްލޯ މެނޭޖް ކުރުމުގައި ކޯޕަރޭޓް އުސޫލާ ހިލާފަށް ކަންކަން ކުރަމުންދާ ކަން ފާހަގަ ވުމާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުން ފެށިގެން އޭނާ ހުރީ މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށްފަ އެވެ.
ޕީއެސްއެމްގެ ވެރީން ބައިވެރިވެވަޑައިގެން ނޫސްވެރީންގެ ބައްދަލްވުމެއް ގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ފައިނޭންސް ޑިޕާޓްމަންޓުން ޕޭމަންޓުތަކާއި ކޭޝްފްލޯ މެނޭޖް ކުރުމުގައި ކޯޕަރޭޓް އުސޫލާ ހިލާފަށް ކަންކަން ކުރަމުންދާ ކަން ފާހަގަވުމުން އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ކުރިއަށް ގެންގޮސް ދިނުމަށް އޮޑިޓް އޮފީހުގައި އެދިފައިވާނެ ކަމަށެވެ. އެދިފައި ވަނީ 2017 ވަނަ އަހަރުން މި މަހުގެ ނިޔަލަށް ހާއްސަ އޮޑިޓެއް ކޮށް ދިނުމަށެވެ.
އަދި ފައިނޭންސް ހެޑާ ގުޅޭ މައްސަލާގައި ޖިނާއީ ކަންތައްތަކެއް ފާހަގަ ކުރެވޭތީ އެކަންކަން ބަލައި ދިނުމަށް ފުލުހަށް ވެސް ހުށައަޅާފައި ވާނެ ކަމަށް ޒީނާ ވިދާޅުވި އެވެ.
ޒީނާ ވިދާޅުވީ އެ ނޫން ވެސް ވަރަށް ގިނަ މައްސަލަތަައް ހަނީފާމެދު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ކުންފުނީގެ މުވައްޒިފުންގެ އަތުން ފަހުން ދޭ ގޮތަށް ބޮޑެތި އަދަދުތަކުން ފައިސާ ނަގާ އެ ފައިސާ ނުދީ ހުރި މައްސަލަތަކާއި ޑޮލަރު ގަތުމުގެ ނަމުގައި ހިންގާފައިވާ ހިޔާނާތުގެ ގިނަ އަމަލުތަކެއް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމީން ރަޝީދު ވިދާޅުވީ އެ ކުންފުނިން ބޭރުން ހޯދާ ހިދުމަތްތަކަށް ޑޮލަރުން ފައިސާ ދައްކަން ޖެހޭތީ އަބަދުވެސް ޑޮލަރު ގަތުމުގެ މުއާމަލާތައް ހިންގަން ޖެހޭ ކަމަށެވެ. އެ ނަމުގައި މިދިޔަ ހަތަރު އަހަރު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަަމަށާ ނަމަވެސް އެ ފައިސާ އަށް ގަތް ޑޮލަރު ކުންފުންޏަށް ލިބިފައި ނުވާ ކަމަށެވެ.
އެފަދަ ވަރަށް ގިނަ މައްސަލަތަކަށް ބެލުމަށް ފަހު އޭނާ ކުންފުނިން ވަކިކުރީ އެއީ ކުންފުންޏަށް އެންމެ މަސްލަހަތު އޮތް ގޮތް ކަމުގައިވާތީ ކަމަށް ވިދާޅުވި އެވެ. އޭނާ މަގާމުން ވަކިކުރީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް ވެސް ވިދާޅުވި އެވެ.