އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި މި ހިދުމަތް ދޭން ގިނަ ފަރާތްތަކުން ޝައުގުވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން މި ހިދުމަތް ފަށަން ވިސްނަނީ މި އަހަރުގެ ފަހުކޮޅު އެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ބިޑަށް ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި ސަރުކާރުން ވައުދު ވެފައިވާ ގޮތަށް މިހާރު ފިނޭންސް މިނިސްޓްރީގެ ތެރޭގައި ކުރިއަށްދާ މަސައްކަތްތަކަށް ފަހު ދެ ހަފުތާގެ ތެރޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ރާއްޖެއާއި ރާއްޖޭން ބޭރުގައި އިއުލާނު ކުރާނެ އެވެ.
"ޕޮއިންޓް ޓް ޕޮއިންޓް އޮޕަރޭޝަނެއް ފަށަން [ހެލިކޮޕްޓަރުގެ] ދަތުރު ފަށަން ވަނީ ކެބިނެޓުން ނިންމާފަ. އެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދޭ. ސަލާމަތާ ރައްކާތެރިކަމުގެ އެންމެ މަތީ ފަންތީގައި އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް އޮތޯރިޓީގެ ސްޓަޑީއެއް ހެދުމަށް ފަހު ބުނާ ސްޓޭންޑަޑުގައި ފަށާނީ،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މުޅި މަސައްކަތުގެ ހަރުދާހުގެ މަސައްކަތް އޮތީ ނިމިފައި ކަމަށާ ނަމަވެސް ލަސްވަނީ މާލިއްޔަތު ގާނޫނުގެ ތެރޭން ނިންމަން ޖެހޭ ކަންކަން ކުރުމަށް ކަމަށެވެ.
"އޭޖީގެ ލަފާގެ މަތިން ނިންމަން ޖެހޭ ނިންމުމެއް އޮތީ. ނަމަވެސް އެކަން ނިންމައި ދެ ހަފުތާތެރޭ ޝާއިއު ކުރެވޭނެ. އެ ސާކިއުލޭޓް ކުރީމަ މި ވިޔަފާރި އޮތް ގޮތުން ވަރަށް ރަނގަޅު ކޮމްޕޯނެންޓެއް ބަލި މީހުން އުފުލުމަކީ އެއާ އެމްބިއުލާންސުގެ ހިދުމަތަކީ،" އަމީން ވިދާޅުވި އެވެ.
"މިރާ" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ވިސްނަވަނީ މި އަހަރުގެ ފަހުކޮޅު ހިދުމަތް ރާއްޖޭގައި ފެށުމެވެ. މި ހިދުމަތް ފެށުމާއެކު ޕޮއިންޓުން ބަލި މީހުން ނަގައިގެން ހޮސްޕިޓަލަށް ގެނެވޭނެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައުމާ ހަމައަށް މި ހިދުމަތް ދިނީ އިންޑިއާ ސިފައިންނެވެ. ނަމަވެސް ސަރުކާރުން ވަނީ ސީޕްލޭން އާއި މޯލްޑިވިއަންގެ ބޯޓެއްގައި މި ހިދުމަތް ދިވެހިން ދޭން ފަށާފަ އެވެ.