ނުކުޅެދޭ ކުދިން އަވަހަށް ދެނެގަނެ، ފަރުވާގެ ޕްރޮޓޮކޯލްތަކެއް ކަނޑައަޅަނީ

ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް ވިދާޅުވީ، މިހާރު މިނިސްޓްރީން ކުރަމުންދާ އެންމެ ހާއްސަ އެއް މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޅަފަތުގައި އެކުދިން ދެނެގަތުމުގެ މަސައްކަތް ކަމަށެވެ.

ކުޑަކުދިންތަކެއް: ނުކުޅެދުންތެރިކަން ހުންނަ ކުދިން އަވަހަށް ދެނެގަތުމާއި ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް މިނިސްޓްރީން އިސްކަންދޭ -- ފޮޓޯ: އަވަސް

ނުކުޅެދުންތެރިކަން ހުންނަ ކުދިން ޅަ އުމުރުގައި ދެނެގަތުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ގައުމީ ފެންވަރުގެ ހާއްސަ ޕްރޮޓޮކޯލްތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓު މިނިސްޓްރީން ބުނެފި އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް ވިދާޅުވީ މިހާރު މިނިސްޓްރީން ކުރަމުންދާ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިން ޅަ އުމުރުގައި ދެނެގަނެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމާއި، އެކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުން ހިމެނޭ ކަމަށެވެ. 

"މިހާރުވެސް ވެކްސިން ކާޑުގެ ތެރެއިން ގްރޯތް މޮނިޓަރިން ޕާޓްތަކެއް އެބަހުރި ލެވިފައި. އަޅުގަނޑުމެން މިހާރު ކުރަމުން މިދާ މަސައްކަތަކީ ވަރަށް ބޮޑަށް ގްރޯތް މޮނިޓަރިންގެ ތެރެއިން ނުކުޅެދުންތެެރިކަމަކަށް ހުށަހެޅިދާނެ ކުދިން ދެނެގަތުން، އެއަށް ބޭނުންވާ މަސައްކަތްތައް" ސްޓޭޓް މިނިސްޓަރު އާތިފް ފާހަގަކުރެއްވި އެވެ. 

އާތިފް ވިދާޅުވި ގޮތުގައި މިހާރު ކުއްޖާ ހެދިބޮޑުވާ މިންވަރު ބެލުމުގެ ތެރެއިން، ނުކުޅެދުންތެރިކަމެއް ހުރެދާނެކަމަށް ލަފާކުރެވޭ ކުދިން ދެނެގަތުމުގެ މަސައްކަތަށް ހާއްސަ އެކްޝަން ޕްލޭންތަކެއް ވަނީ ކަނޑައެޅިފަ އެވެ. މީގެ ނަތީޖާއަކީ ތުއްތު އުމުރުގައި އެފަދަ ކުދިންނަށް ބޭނުންވާނެ ފުރިހަމަ އަޅާލުން ދެވި މުހިންމު ކަންތައްތަކެއް ހާސިލުވުން ކަމަށް އާތިފް ފާހަގަކުރެއްވި އެވެ. 

އާތިފް ދެން ފާހަގަކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޅަ އުމުރުގައި އަދި ފުރާވަރު އުމުރުގައި ދެމުން އަންނަ ތެރަޕީ ފަދަ އެކި ފަރުވާތަކާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް ގައުމީ ފެންވަރުގައި ހާއްސަ ޕްރޮޓޮކޯލްތަކެއް ކަނޑައެޅުމެވެ. 

"އަޅުގަނޑުމެންނަށް މި ފާހަގަވާ ކަމަކީ މި ދެވޭ ހިދުމަތްތަކުގައި ކަންބޮޑުވުންތަކެއް އެބަވޭ އާއިލާތަކުގައި. އެހެންކަމުން އަޅުގަނޑުމެން މިހާރު މަސައްކަތްތަކެއް ފަށައިފިން މި ހިދުމަތްދޭ ފަރާތްތަކާ އެކު ގައުމީ ފެންވަރުގައި ބައެއް ކަހަލަ ޕްރޮޓޮކޯލްސް ތަކެއް އެކުލަވާލައި އެއާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް ތަބާވުން" އާތިފް ވިދާޅުވި އެވެ. 

މިފަދަ ޕްރޮޓޮކޯލްތަކެއް އެކުލަވާލުމުގެ މުހިންމުކަމަކީ ސަރުކާރުންނާއި މައިންބަފައިންގެ ޖީބުން ހޭދަކޮށްގެން ކުދިންނަށް ދެވޭ ފަރުވާގެ ހިދުމަތްތަކުގެ ފެންވަރު ޔަގީންކުރެވުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.