ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ތަރައްގީގެ ހުރަސްތައް ހައްލު ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ބައިނަލްއަގުވާމީ މުޖުތަމައުން ހޯދައި ދޭން ޖެހެ އެވެ.
އަމިއްލަ ވިޔަފާރީގެ ދާއިރާގައި އިންވެސްޓުމެންޓްތައް އިތުރު ކުރަން ފަހި މާހައުލެއް ސަރުކާރުތަކުން ގާއިމުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އިންތިޒާމުކޮށް، ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ހަވާސާގައި ކުރިޔަށްގެން ދިޔަ "ދި ޕިވޮޓަލް ރޯލް އޮފް ޕްރައިވެޓް ސެކްޓަރ ފައިނޭންސިން ފޯ ކްލައިމެޓް ރިޒިލިއެންސް" ބައްދަލުވުމުގައި ރައީސް މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި އިގްތިސޯދު ސިންދަފާތު ކުރެވޭނީ ވިޔަފާރީގެ އާންމު އުސޫލުތައް މުރާޖައާކޮށްގެނެވެ.
ވިޔަފާރީގެ އާންމު އުސޫލުތައް މުރާޖައާ ކުރުމުގެ ގޮތުން އަމިއްލަ ވިޔަފާރީގެ ދާއިރާގައި އިންވެސްޓުމެންޓުތައް އިތުރު ކުރުމަށްފަހު، ފަހި މާހައުލެއް ގާއިމު ކުރަންޖެހޭ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އަމިއްލަ ވިޔަފާރީގެ ދާއިރާގެ ތެރޭން އަގު ނުކުރެވޭ ފަދަ ތަޖުރިބާތަކާއި އީޖާދީ ވިސްނުމާއި، ގާބިލު ކަމުގެ ގޮތުން ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނުވާކަމަށެވެ.
ރާއްޖޭގެ މިސްރާބު މިހާރު ހުރީ އިގްތިސޯދު ސިންދަފާތު ކުރަންކަން ފާހަގަ ކުރައްވައި އެ މަސައްކަތުގައި ސިއްހީ ވަސީލަތްތައް އިތުރަށް ކުރިއެރުވުމާއި މުވާސަލާތީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާއި، ރިއަލް އެސްޓޭޓު ވިޔަފާރިއާއި ޓްރާންސް ޝިޕްމެންޓު ބަނދަރުތަކާއި، ވައިގެ ބަނދަރުތައް ފަދަ އުމްރާނީ ވަސީލަތްތައް މުހިއްމު ދައުރެއް އަދާ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ރައީސް ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން ރަސްމާލެ ތަރައްގީކުރާނީ ޒަމާނީ ދެމެހެއްޓެނެވި މޫސުމީ ބަދަލުތަކަށް ވިލުންތެރި ސިޓީއެއްގެ ގޮތުުގަ އެވެ. އަދި އެ ސިޓީގެ ސަބަބުން އިގްތިސޯދީ ތަނަވަސްކަން އިތުރުވެ، ތަރައްގީގެ ފޮނިމީރުކަމާއި ތަނަވަސްކަން އެންމެން ހިމެނޭހެން ލިބި ދިރިއުޅުމުގެ ފަސޭހަތަކަށް މަގުފަހިވާނެ އެވެ.
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުވައިލައްވައި ވިދާޅުވީ ބޭރުން ކާބޯތަކެތި އެތެރެ ކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ވާހަކަފުޅު ނިންމަވައިލެއްވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ތަރައްގީގެ ހުރަސްތައް ހައްލު ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ބައިނަލްއަގުވާމީ މުޖުތަމައުން ހޯދައި ދިނުމަށް އެދިވަޑައިގަންނަވަމުންނެވެ.