"އަދިވެސް ގާނޫނުން ލާމަރުކަޒީ ނިޒާމަށް އެތަކެއް ހުރަސް އެބަހުރި"

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ބައެއް ގާނޫނުތައް ހުރިގޮތުން ކައުންސިލުތަކުން އެދޭ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށެވެ.

ސިޓީޒް މިނިސްޓަރު އާދަމް ޝަރީފް އުމަރު

އަދިވެސް ބައެއް ގާނޫނުތައް އޮތް ގޮތުން ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް އެތަކެއް ގޮންޖެހުންތަކެއް ހުރި ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅު ވެއްޖެ އެވެ. 

ލޯކަލް ގަވަމެންޓު މިނިސްޓްރީން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި އިރު، އަދިވެސް ގާނޫނުގައި ލާމަރުކަޒީ ނިޒާމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. 

"ލާމަރުކަޒީ ނިޒާމު 2008 ގައި ތައާރަފް ކުރެވިގެން ދިޔަ ނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި އަދިވެސް ހެދިފައި ހުރި ބައެއް ގާނޫނުތަކަކީ އޭގެ މާކުރިން ވުޖޫދުވެފަ ހުރި ގާނޫނުތައް. ބައެއް ކަހަލަ ގާނޫނުތަކަކީ ހަގީގަތުގައި މިއަދު ރާއްޖޭގައި މި ތަޖުރިބާ ކުރަމުންދާ ލާމަރުކަޒީ ނިޒާމަށް އެހާ ފަހި ރައްޓެހި ގާނޫނުތަކެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ މި ކަންކަން ކުރިމަތިލާން ޖެހެނީ ހަމައެކަނި ކުދި ރަށްރަށަށް ނޫން ކަމަށާއި، މާލިއްޔަތު ގާނޫނުގައި ހުރި ކަންކަމުގެ ސަބަބުން "ހައިރާންވާ ފަދަ" ކަންތައްތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
 
"އެނގިވަޑައިގަންނަވާނެ ފަދައިން ބައެއް ކަހަލަ މެޝިނަރީ، ނުވަތަ ބައެއް ކަހަލަ ސްޕެއާ ޕާޓްސް ހޯދުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް ޕަބްލިކް ވޯކްސްގެ ޔުނިޓްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަށް ވެފައި އެބަހުރި" އާދަމް ޝަރީފް ވިދާޅުވި އެވެ. 

ޕަބްލިކް ވޯކްސްގެ މަސައްކަތްތަކަށް ދިމާވާ ދަތިކަން ކިޔައިދެއްވަމުން މިސާލެއްގެ ގޮތުގައި މިނިސްޓަރު އާދަމް ޝަރީފް ދެއްކެވީ އެ ސިޓީގެ ޕަބްލިކް ވޯކްސް ޔުނިޓުގައި މުވައްޒަފުން ބޭނުންކުރާ ފާހާނާބަރިއެއް އެޅުމަށް އުފުލަން ޖެހުނު ތަކުލީފެވެ. 

"އެ މަސައްކަތް ލައްކަ ގިނަ ގޮތް ގޮތުން ކުރެވޭތޯ ބެލިއްޖެ. އެކަމަށް ބޭނުންވާ ތަކެތި ގަތުމަށް ހުއްދަ ހޯދާ، ތައްޔާރު ކުރަން ޖެހޭ ޑޮކިއުމަންޓު ތައްޔާރު ކޮށްގެން އެ ލިބެން ހުރިތަނަށް ދާއިރު އެ ތަކެތި ހުންނަނީ ހުސްވެފައި. އެ އުސޫލު އޮންނަ ގޮތުން މި ޖެހެނީ އަނެއްކާވެސް ޕްރޮކިއުމަންޓުން އެކަމަށް ރިކުއެސްޓް ކުރަން" މިިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ގާނޫނުގައި ހުރި ލާމަރުކަޒީ ގާނޫނާ ބީރައްޓެހި ކަންތައްތައް ބަދަލުކުރަން ޖެހޭ ކަމަށާއި، "އެ މޫސުން މިހާރު އަތުވެއްޖެ" ކަމަށެވެ. މިފަދައިން ވިދާޅުވެ މިނިސްޓަރު އިޝާރާތްކުރެއްވީ އިއްޔެ ހުވާކުރެއްވި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށެވެ. 

މިހާރު އޮތް ސަރުކާރަކަށް ކަންކަމާ ގުޅޭގޮތުން ދެއްކޭނެ ބަހަނާއެއް ނެތް ކަމަށް ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ، މި މަޖިލީހާ އެކު ގާނޫނުތަކަށް ބަދަލު ގެނެސް މައްސަލަތަކަށް ހައްލު ލިބޭނެ ކަަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.