ސިޑްސް ކޮންފަރެންގެ ހަވާސާގައި ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކުގެ ނައިބުރައީސް އެމްބަރައޮސް ފަޔޮލްއާ ބައްދަލުކުރައްވައި މުހިމު ބައެއް މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ރައީސް މަޝްވަރާކުރެއްވި
މޫސުމީ ބަދަލުތަކުން ދަފަރާވުމަށް މުހިއްމު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކުގެ ނައިބު ރައީސް އެމްބަރައޮސް ފަޔޮލްއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާ ކުރައްވައިފި އެވެ.
ފަޔޮލްއާ ރައީސް ބައްދަލު ކުރެއްވީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް މިހާރު ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއަށް ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކުން ވެދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެބޭންކަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އެއާއެކު ރާއްޖެއާއި އެ ބޭންކާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ފަޔޮލްއަށް ރައީސް ދެއްވިއެވެ.
މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފެނުގެ ނިޒާމު ޤާއިމުކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ފަދަ މޫސުމީ ބަދަލުތަކުން ދަފަރާވުމަށް އިސްކަންދޭ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމާމެދު މަޝްވަރާ ކުރައްވާފަ އެވެ.
އޭގެ އިތުރަށް ރާއްޖޭގައި ކާމިޔާބު ކަމާއެކު އިއާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގޭނެ ގޮތްތަަކާމެދު މި ބައްދަލުވުމުގައި ދެބޭފުޅުން ޚިޔާލު ބަދަލު ކުރެއްވި އެވެ. އަދި މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމާއެކު، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަމާމެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ސިޑްސްގެ ބައްދަލުވުމުގައި ރައީސް ގެންދަވަނީ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ކުދި ޖަޒީރާ ޤައުމުތަކަށް އެކި ދާއިރާއިން ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަ ކުރައްވަމުންނެވެ. އެގޮތުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ ލިބުމަށް ހުރި ދަތިތައް ފާހަގަކުރައްވައި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އަމަލުކުރުމުގެ މުހިއްމުކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.
ސިޑްސްގެ ރަސްމީ ހަރަކާތްތަކުގެ އިތުރަށް އެ ކޮންފަރެންސްގެ ހަވާސާގައި އދގެ އަމީން އާންމާއި، ބައެއް ޤައުމުތަކުގެ އިސްވެރިންނާއި މާލީ މުއައްސަސާތަކުގެ މަންދޫބުންނާ ރައީސް ގެންދަވަނީ ބައްދަލުކުރައްވައި މުހިއްމު ކަންކަމާމެދު މަޝްވަރާ ކުރައްވަމުންނެވެ.