މަޖިލީހުގެ ނައިބުރައީސްކަމަށް އިންތިހާބުވި ނާޒިމް ވަނީ މީގެ ކުރީގައި މަޖިލީހުގެ ރައީސްކަން ކުރައްވާފަ އެވެ. ނާޒިމް ނައިބު ރައީސްކަމަށް އިންތިހާބުކުރުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެވެ.
ޕީއެންސީގެ ހުށަހެޅުމާ އެއްގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިންތިހާބުކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރުމެވެ.
ނައިބު ރައީސްކަމުގެ މަގާމަށް ހުޅުވާލުމުން އެމަގާމަށް ނާޒިމްގެ ނަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސްކަމަށް މީގެ އިރުކޮޅެއް ކުރިން އިންތިހާބުވެވަޑައިގަތް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމްގެ ހުށަހެޅުއްވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއިދުކުރެއްވި އެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން ނައިބު ރައީސްކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ނަން ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު ހުށަހަޅުއްވައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ތާއީދުކުރެއްވި އެވެ.
ޖުމްލަ 93 މެންބަރުން ބައިވެރިވެވަޑައިގެންނެވި ސިއްރު ވޯޓުގައި ނައިބުރައީސްގެ މަގާމަށް ނާޒިމް އިންތިހާބުކުރުމަށް 80 މެންބަރުން ވޯޓު ދެއްވި އިރު، މެންބަރު އަހުމަދު ދީދީ އިންތިހާބުކުރުމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.
މަޖިލީހުގެ ރައީސްކަމަށް މީގެ އިރުކޮޅެއް ކުރިން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިންތިހާބުކުރި އެވެ. އަބްދުއްރަހީމްގެ އިތުރުން އިދިކޮޅު އެމްޑީޕީން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެ މަގާމަށް ވާދަކުރެއްވި އެވެ. އަބްދުއްރަހީމަށް 71 ވޯޓު ލިބިވަޑައިގަތް އިރު ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. އަދި ބާތިލު ވޯޓުގެ ގޮތުގައި ހަތް ވޯޓު ގުނި އެވެ.
މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ބޭއްވި ސިއްރު އިންތިހާބުގެ މަސައްކަތްތަކަށް، މަޖިލީހުގައި ހިމެނޭ ކޮންމެ ސިޔާސީ ޕާޓީއަކުން އެއް މެންބަރަކު ނެގި އެވެ. އެ ކޮމެޓީ އެކުލަވާލީ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހް ހުށަހެޅުއްވެވި ލިސްޓާ އެއް ގޮތަށެވެ. އެ ލިސްޓު ފާސްކުރުމަށް 92 މެންބަރުން ފެންނަކަމަށް ވޯޓުދެއްވި އެވެ.
މިއަދު މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްކަމަށް އިންތިހާބުވި ދެބޭފުޅުންނަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަގާމުތަކަށް ގެނައުމަށް ބޭނުންފުޅުވި ދެބޭފުޅުންނެވެ.
އަބްދުއްރަހީމަކީ ރައީސް މުއިއްޒުގެ އިސް އެޑްވައިޒަރެވެ. މަޖިލީހުގެ ދައުރު ފެށުމާ އެކު އެ މަގާމުން ވަކިވެވަޑައިގަންނަވާނެ އެވެ. އަބްދުއްރަހީމް ވަނީ މީގެ ކުރީން ފޮނަދޫ ދާއިރާގެ މެންބަރު ކަމުގެ މަގާމު ދެ ފަހަރެއްގެ މަތީން ފުރުއްވާފަ އެވެ. އެއީ 17 އަދި 18 ވަނަ މަޖިލީހު ގަ އެވެ.
ނާއިބަކަށް ގެންނަން ހަމަޖެއްސެވި ނާޒިމަކީ ވެސް ކުރީން ދިއްގަރު ދާއިރާގެ މެންބަރު ކަން ކުރައްވާފަައިވާ ބޭފުޅެކެވެ. މަޖިލީހުގެ ނާއިބު ރައީސް ކަން ވެސް ކުރައްވާފައިވެ އެވެ.
އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ނިމިދިޔަ 19 ވަނަ މަޖިލީހުގެ ރައީސްކަމަށް ފުރަތަމަ އިންތިހާބުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ނައިބު ރައީސްކަމަށް ކުރީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. އެމްޑީޕީގެ ތެރެ ބައިބައިވެ ދެބޭފުޅުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ތައްޔާރުވެފައި އޮއްވައި، ނަޝީދާއި އީވާ އިސްތިއުފާ ދެއްވި އެވެ.
އެންމެ ފަހުން މަޖިލީހުގެ ރައީސްކަން ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އަދި ނައިބުރައީސްކަމުގައި ހުންނެވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) އެވެ.
މިިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ކޮންގްރެސް އިން ވަނީ ސާފު މެޖޯރިޓީ ހޯދާ ފަ އެވެ. ކޮންގްރެސްގެ ޓިކެޓް ގައި ވާދަކުރި 89 ކެންޑިޑޭޓުންގެ ތެރެއިން 66 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރި އެވެ.
ކޮންގްރެސްގެ ޓިކެޓުގައި ވާދަނުކުރެއްވި ނަމަވެސް، ސަރުކާރުގެ ތާއީދު ލިބިގެން ވާދަކުރި އަމިއްލަ ގިނަ މެންބަރުންތަކަކާއި، ކޯލިޝަނުގައި ހިމެނޭ ތިން ޕާޓީއަކުން އިންތިހާބުގެ ހަތަރު މެންބަރުން ހިމެނުމުން، 93 މެންބަރުންނާ އެކު ފެށި 20 ވަނަ މަޖިލީހުގައި ތިއްބަވާ ސަރުކާރު މެންބަރުންގެ އަދަދު 80 އާ ގާތްކުރެ އެވެ.