ސަރުކާރުން ނިންމާފައި ވަނީ 1096 މީހަކަށް ގޯތި ބަދަލު ކުރަން ފުރުސަތު ދޭން ނިންމާފަ އެވެ. ނަމަވެސް ފުރުސަތު ހަމަވިިއިރު 2210 މީހަކު ވަނީ އެކަމަށް އެދި ފޯމް ހުށައަޅާފަ އެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރު ފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލު ކުރަން ބޭނުންވާ މީހުންނަށް ހުޅުވާލި ފުރުސަތު ގައި ގިނަ ބަޔަކު އެކަމަށް އެދި ފޯމް ހުށައަޅައިފި އެވެ.
ގޯތި ބަދަލުކުރަން ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހަމަވެފަ އެވެ. މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އިން ވަނީ 1096 މީހަކަށް ގޯތި ބަދަލު ކުރަން ފުރުސަތު ދޭން ނިންމާފަ އެވެ.
ނަމަވެސް ފުރުސަތު ހަމަވިިއިރު 2210 މީހަކު ވަނީ އެކަމަށް އެދި ފޯމް ހުށައަޅާފަ އެވެ. 1250 އަކަފޫޓުގެ ގޯތި ލިބުނު މީހުންގެ ތެރެއިން 1093 މީހަކު ވަނީ ގިރާވަރު ފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލު ކުރަން ހުށައަޅާފަ އެވެ. ނަމަވެސް ފުރުސަތު ލިބޭނީ 196 މީހަކަށެވެ.
1650 އަކަފޫޓުގެ 683 މީހަކަށް ގޯތި ބަދަލު ކުރަން ފުރުސަތު ދޭއިރު 880 މީހަކު ވަނީ ހުށައަޅާފަ އެވެ. 2050 އަކަފޫޓާއި 2450 އަކަފޫޓުގެ ގޯއްޗަށް ހުށައެޅީ ކަނޑައަޅާފައިވާ އަދަަދަށެވެ. ގިވާރަރު ފަޅުން ދޫކުރި 2050 އަކަފޫޓުގެ 234 ގޯތި، ގުޅިފަޅަށް ބަދަލު ކުރުމުގެ ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ. 2450 އަކަފޫޓުގެ ތިން ގޯއްޗެއް ބަދަލު ކުރަން ފުރުސަތު ދޭނެ އެވެ.
މިނިސްޓްރީން ބުނީ ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށައަޅާފައިވާ މީހުންގެ ތެރެއިން 1250 އާއި 1650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ މީހުންގެ އަދަދު ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައެޅިފައިވާ ގޯތީގެ އަދަދަށް ވުރެ ގިނަ ވުމުން ގުޅީފަޅަށް ގޯތި ބަދަލުކުރެވޭ މީހުން ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުން ކަމަށެވެ.
މި ގުރުއަތު ނެގުން ޖޫން 4، އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ވަނީ ގޯތި ބަދަލުކުރަން ހުށައެޅި މީހުންގެ ލިސްޓު ވެސް އާންމުކޮށްފަ އެވެ. އަދި އެ ލިސްޓަށް ޝަކުވާއެއް އޮތް ނަމަ ހުށައަޅަން ވެސް ފުރުސަތު ހުޅުވާލާފައިވެ އެވެ. ޝަކުވާ ހުށައެޅުމުގެ ސުންގަޑި އަކީ މެއި 31، ރޭގަނޑު 11:00 އެވެ.