ތުލުސްދޫއަށް އެ ކުއްތާ އެތެރެކުރީ ރަށު މީހުންނާއި ވަރަށް ސިއްރުންނެވެ. އެ ރަށުގެ މީހުންނަށް އެކަން ފަޅާ އެެރީ ކުއްތާގެ ވެރިމީހާ ހުރި ގެސްޓް ހައުސްއަށް ރީޑިން ނަގަން ދިޔަ އިންޖީނުގޭގެ މުވައްޒިފަކަށް އެ ކުއްތާ ފެނުމުންނެވެ.
ކ. ތުލުސްދޫއަށް ފަތުރުވެރިއަކު ކުއްތާއެއް ބާލާ ގެންގުޅެފައި ވަނީ ހުއްދައާ ހިލާފަށް ކަމަށާ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ކުއްތާއަކީ ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިބިގެން ނޫނީ ރާއްޖެ ގެނެވޭ އެއްޗެއް ނޫނެވެ. ކަސްޓަމުން ބުނީ ތުލުސްދޫއަށް ބޭލި ކުއްތާއަކީ މި މަހުގެ 16 ވަނަ ދުވަހު ސެއިލިން ޔޮޓެއްގައި ރާއްޖެ ގެނެސްފައިވާ އެއްޗެއް ކަމަށާ ހަމަ އެކަނި އެ ޔޮޓްގައި ޕެޓް ޑޯގެއް ގޮތުގައި ގެންގުޅުމަށް ޑިފެންސް އިން ހާއްސަ ހުއްދައެއް ދީފައިވާ ކަމަށެވެ.
އަދި އެ ޔޮޓް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރި ނަމަވެސް ޔޮޓުން ކުއްތާ ނުބޭލޭނެ ކަމަށް ހުއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"ނަމަވެސް ހުއްދައާ ހިލާފަށް ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައިވާ ކަމަށް ބެލެވޭތީ މި މުއައްސަސާ އިން މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ވާހަކަ ދެންނެވީމެވެ،" އާންމުންގެ ރުޅިއާ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ މައްސަލައާ ގުޅިގެން ކަސްޓަމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ތުލުސްދޫއަށް އެ ކުއްތާ އެތެރެކުރީ ރަށު މީހުންނާއި ވަރަށް ސިއްރުންނެވެ. އެ ރަށުގެ މީހުންނަށް އެކަން ފަޅާ އެެރީ ކުއްތާގެ ވެރިމީހާ ހުރި ގެސްޓް ހައުސްއަށް ރީޑިން ނަގަން ދިޔަ އިންޖީނުގޭގެ މުވައްޒިފަކަށް އެ ކުއްތާ ފެނުމުންނެވެ. އެއާއެކު ރަށު މީހުން އެ ގެސްޓްހައުސް ކައިރިއަށް އެއްވެ އެކަމާއި ދެކޮޅު ހެދުމުން ފުލުހުން އައިސް އެ ފަތުރުވެރިޔާއާ ކުއްތާ އަނބުރާ ޔޮޓަށް ފޮނުވީލީ އެވެ.
ރަށު މީހުން ބުނާ ގޮތުން އެ ގެސްޓްހައުސް ގައި ކުއްތާ ގެންގުޅޭތާ އޭރު ދެތީން ދުވަހެއް ވެދާނެ އެވެ. އެއީ ރަށުން ބޭރު މީހަކު ތުލުސްދޫގައި ހިނގަމުންދިޔަ ގެސްޓް ހައުސް އެކެވެ.