މިރުޒާ މަރާލި ނަޒީފަށް ވާރިސުން މައާފު ދިނަސް މުޖުތަމައުގެ ހައްގު ނުކެނޑޭ: ދައުލަތް

އަދި މި މައްސަލައިގައި އެންމެ ބޮޑު ހައްގެއް ލިބިފައި ވަނީ މިރުޒާގެ ވާރިސުންނަށް ކަމަށްވާއިރު، އެމީހުން މައާފު ދީފައިވާއިރު ދައުލަތުގެ ބާރު ބޭނުންކޮށްގެން ހަރުކަށި އަދަބު ނުދެވޭނެ ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފް މިއަދު ކްރިމިނަލް ކޯޓުގައި --

ވިލިމާލޭގައި 2011 ގައި ހިންގި މާރާމާރީއެއްގައި މަރުވި، ނ. މާޅެންދޫ، ވައިޓް ހައުސް، އަހްމަދު މިރުޒާ މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފަށް ވާރިސުން މައާފު ދިނުމުން އޭނާއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ދައުލަތުން އެދިއްޖެ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފް އަދި ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު އަށެވެ. އޭގެ ތެރެއިން ނަޒީފް މެރުމަށް ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އަދި، ޝިފާއުއަށް 17 އަހަރާ ހަ މަހުގެ ހުކުމެއް އެ ކޯޓުން ވަނީ އިއްވާފަ އެވެ.

ނަޒީފްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ދަމަހައްޓަން ހައިކޯޓުން ނިންމުމުން އޭނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ. މައްސަލަ އިސްތިއުނާފް ކޮށްފައި ވަނިކޮށް މިރުޒާގެ ވާރިސުން ވަނީ ކޯޓަށް ހާޒިރުވެ ނަޒީފަށް މައާފު ދީފަ އެވެ. އެހެންވެ ނަޒީފްގެ މައްޗަށް ގިސޯސް ހިފުމުގެ ހައްގު ވަނީ ކެނޑިގެން ގޮސްފަ އެވެ.

ވާރިސުން މައާފު ދިނުމުން ސުޕްރީމް ކޯޓުން ވަނީ މި މައްސަލައިގައި އަލުން އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. 

ނަޒީފުގެ މައްޗަށް އަދަބު ކަނޑައެޅުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ އޭޕްރީލް 11، 2011 ގައި ނަޒީފް މިރުޒާއަށް ހަމަލާ ވަނީ ލަކުޑި ބުރިއަކުން ބޮލުގައި ޖަހައިގެން ކަމަށެވެ. އެ އަމަލު ހިންގާފައި ވަނީ އެއްވެސް ފަރުވާލެއް ނެތި އަނިޔާވެރިކޮށް ކަމަށާއި އެހެންކަމުން އަދަބުގެ ދަރަޖަ މަތި ކުރަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ފަނޑިޔާރަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބު މަތި ކުރަން ވެސް ދައުލަތުން އެދުނެވެ.

"ވާރިސުންނަށް ލިބިދޭ ބާރުގެ ދަށުން [މައާފު ދިނުމުން] އޭނާގެ މައްޗަށް ގިސޯސްގެ ހައްގު ކެނޑިގެން ދިޔަސް މުޖުތަމައުގެ ހައްގުތަކެއް ނުކެނޑޭ،" ދައުލަތުން ބުންޏެވެ.

އެހެންކަމުން އޭނާގެ މައްޗަށް 17 އަހަރާ ހަ މަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ދައުލަތުން މިއަދު ވަނީ އެދިފަ އެވެ.

ނަޒީފަށް މިރުޒާގެ ވާރިސުން މައާފު ދިން ސުޕްރީމް ކޯޓުގެ އަޑުއެހުން: އޭނާގެ މައްޗަށް އަލުން އަދަބު ކަނޑައަޅަން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައި --

ނަޒީފްގެ ދިފާއީ ވަކީލް ހަމްޒާ ލަތީފް ވިދާޅުވެފައި ވަނީ ފަނޑިޔާރަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބާ މެދު ގޮތެއް ކަނޑައަޅާއިރު އޭގެ މަންފާ ހަގީގަތުގައި ލިބެން ޖެހޭނީ ދިފާއަށް ކަމަށެވެ. ނަޒީފަކީ 13 އަހަރު ވާންދެން، އޭނާގެ މައްޗަށް ކަނޑައެޅޭ ވަކި އަދަބެއް ނޭންގި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމަށާއި ބަންދުގައި ހުރިއިރު އޭނާގެ ފަރާތުން އިތުރު އެއްވެސް ކުށެއް ކޮށްފައި ނުވާ ކަމަށެވެ.

އަދި މި މައްސަލައިގައި އެންމެ ބޮޑު ހައްގެއް ލިބިފައި ވަނީ މިރުޒާގެ ވާރިސުންނަށް ކަމަށްވާއިރު، އެމީހުން މައާފު ދީފައިވާއިރު ދައުލަތުގެ ބާރު ބޭނުންކޮށްގެން ހަރުކަށި އަދަބު ނުދެވޭނެ ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

މި މައްސަލައިގައި އަދަބު ކަނޑައަޅާއިރު ނަޒީފްގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތް ކޮށްދިނުމަށް ވެސް ހަމްޒާ އެދިވަޑައިގަތެވެ. އެގޮތުން، އޭނާގެ ހުވަފަތް ބަލި މަންމައެއް ދުނިޔޭގައި އިން ކަމަށާއި ހާލުގައި އުޅޭ ބެއިންތަކެއް އުޅޭކަން ފާހަގަކުރެއްވި އެވެ. މުޖުތަމައުއަށް އޭނާ ނުކުންނައިރު މަންމައަށް އަޅާ ލެވޭ މީހަކަށް އޭނާ ވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަވަހަށް އަދަބު ކަނޑައަޅައިދޭން ނަޒީފް އެދުނު

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ނަޒީފް ބުނީ، އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވާތީ ޖަލު ތެރޭގައި ހިންގާ އެއްވެސް ހަރަކާތެއް އަދި ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ނުލިބޭ ކަމަށެވެ. އޭނާ ކިޔަވަން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑު އެދެނީ ވީހާ ވެސް އަވަހަށް މައްސަލަ ނިންމަން. އަދި އަޅުގަނޑަށް ވީހާވެސް ކުޑަ ހުކުމެއް ކޮށްދޭން. އަޅުގަނޑުގެ ޕޮލިސް ރިޕޯޓަށް ބެލިޔަސް އިނގޭނެ ބޭރުގައި [މިނިވަނެއްގެ ގޮތުގައި] އުޅުނުއިރު އަޅުގަނޑަކީ މާރާމާރީގެ މައްސަލައެއް ވެސް އޮތް މީހެއް ނޫން،" ނަޒީފް ބުންޏެވެ.

އޭނާގެ ފަރާތުން މިފަދަ އެއްވެސް އަމަލެއް ނުފެންނާނެ ކަމަށް ވެސް ނަޒީފް ވަނީ ބުނެފަ އެވެ.

ދެފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެފައި ވަނީ މިހަފްތާގެ ބުދަ ދުވަހު ހެނދުނު 9:00 ގައި ނަޒީފްގެ މައްޗަށް އަދަބު ކަނޑައަޅަން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.


ވާރިސުން މައާފު ދިނުން - މިއީ މަރުގެ ހުކުމް އިއްވާފައި ވަނިކޮށް އެންމެ މަތީ މަރުހަލާގައި ވާރިސުން ގާތިލަށް މައާފުދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި މައްސަލައިގައި ދަށު ކޯޓުން މަރުހަލާގައި ހުރިހާ ވާރިސުން ވެސް ބުނެފައި ވަނީ ގިސޯސް ހިފަން ބޭނުންވާ ކަމަށެވެ. ނަޒީފްގެ ބައްޕަ އިބްރާހިމް ހަސަން ސުޕްރީމް ކޯޓުގައި ބުނެފައި ވަނީ ނަޒީފްގެ އާއިލާގެ ފަރާތުންނާއި ނަޒީފްގެ ފަރާތުން މައާފަށް އެދި ދެއްކި ވާހަކަތުން ވަރަށް ދެރަވި ކަމަށެވެ. އޭނާ އެކަމުން މިންޖުވެ، މަހުޝަރު ބިމުގައި އެކަމުން ސަލާމަތްވާން ބޭނުންވާ ކަމަށް އެދުމުން މައާފު ދިނީ ކަމަށެވެ. މައާފު ދިނުމުގެ ކުރިން ދީނީ އިލްމުވެރިއަކާ ވެސް ވާހަކަ ދެއްކި ކަމަށް މިރުޒާގެ ބައްޕަ ބުނެފައިވެ އެވެ. ނަޒީފަށް މައާފު ދިން އަޑުއެހުމުގައި މިރުޒާގެ ބައްޕައާއި މިރުޒާއާއި އެއްބަނޑު އެއްބަފާ ތިން މީހުން ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.