ކޮންހާ ފޮންޏެއް: ލޮނު ވާހަކައަކީ ސަރުކާރުތަކުން ދައްކާ ފޮނި ވާހަކައެއް

ލޮނު އުފައްދަން މިދިޔަ ތިން ވެރިކަމުގައިވެސް ވާހަކަ ދެއްކި އެވެ. އެކަމަކު އަމަލީ އެއްވެސް މަސައްކަތެއް ނުފެނެ އެވެ. ފެނުނީ މުޅިންވެސް ލޮނުގެ ރަހައެއް ނެތް ފޮނު ސުރުހީތަކެކެވެ.

ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު: ވާހަކައިން ރަނގަޅު ސުރުހީ އަތުލުއްވާ

މިހާރު ރާއްޖޭގައި ތިބި މެދުއުމުރާއި ދޮށީ އުމުރުގެ ގިނަ ބަޔަކު ކެއުމުގައި ކުރިން ބޭނުން ކުރީ ފުރެއްދަ ލޮނެވެ. އިންޑިއާއިން ގެންނަ މި ލޮނު ހުންނާނީ ރާއްޖެ ގެންނައިރު ސުތުލި ގޯނީގަ އެވެ. ގިނަ ބަޔަކު ގަރުދިޔަ ކެއްކުމާއި ބަތް ކައްކަން ބޭނުން ކުރަނީ އެ ލޮނެވެ. އެކަމަކު ގޯނީގައި ހުންނަ ނުސާފު ހަޑި އެ ލޮނުގެ ސަބަބުން ބައެއް ބަލިތައް ޖެހެމުންދާ ކަމަށް ދިރާސާއިން ދެއްކުމާއެކު މި ލޯނު ބޭނުން ކުރުން ހުއްޓުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. 

އަދި އެ ދުވަސްވަރުން ފެށިގެން ރާއްޖޭގައި ލޮނު އުފެއްދުމުގެ ވާހަކަ ދެކެވެން ފަށައިފި އެވެ؛ ރާއްޖޭގައި ކައްކާ ލޮނު ނުވަތަ "ކުކިން ސޯލްޓް" އުފެއްދުމަށް މިދިޔަ 20 އަހަރު ތެރޭ އެތައް ވާހަކައެއް ދައްކާފައި ވެއެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ މަސް ކުންފުނިން ލޮނު އުފައްދަން މަސައްކަތް ކުރާ ކަމަށް ކަމަށް ބާރަށް ވާހަކަ ދެކެވުނެވެ. އޭރު އެމްޑީގެ މަގާމުގައި ހުންނެވީ އަލީ ފާއިޒެވެ. އެ ދުވަސްވަރު އެ ކުންފުނީގެ ފެކްޓަރީތަކުގައި މިކަމަށް އިންވެސްޓްމަންޓްތަކެއް ވެސް ހަދާފައިވެ އެވެ. އެކަމަކު 50 ކިލޯގެ ލޮނު ވެސް އުފެއްދުނު ކަމަށެއް ނުވި އެވެ. 

އެ ވެރިކަން ބަދަލުވެ ދެން އައި ވެރިކަމުގައި ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ވެސް ލޮނު އުފައްދަން ވާހަކަ ދެއްކި އެވެ. އެ ފަހަރު މި ވާހަކަ ދެއްކި ވަރަށް ދުވަހަކު ވެސް އަދި ލޮނު އުފައްދާ ވާހަކައެއް ނުދައްކަ އެވެ. 

އޭރު ވާހަކަ ދެކެވުނީ ފެން ކުންފުނިން ފެން ނަގަން މާކަނޑުގެ އަޑިން ނަގާ ފެނުގައި ހުންނަ ސޯލްޓް ވަކިކޮށް އެ ރާއްޖޭގެ ބްރޭންޑަކަށް ބަދަލު ކުރުމަށެވެ. އެ ވާހަކައިގައި ހައި ކޮލިޓީ ޕްރިމިއަމް ސޯލްޓް ބްރޭންޑެއް އުފައްދާނެ ކަމަށް ވާހަކަ ދެކެވުނެވެ. އެކަމަކު ފަހުން އެ ލޮނަށްވީ ގޮތެއް ނޭނގުނެވެ. 

އޭގެފަހުން މިދިޔަ ވެރިކަމުގައި ސަރުކާރުގެ ބޮޑު ކުންފުނި އެސްޓީއޯއިން 2022 ވަނަ އަހަރުގެ ފަހުކޮޅު ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެން ރާއްޖޭގައި ލޮނު އުފައްދަން ދިރާސާއެއް ކުރަން ނިންމި އެވެ. އެ ނިންމުމުގެ ނަތީޖާއިން ނުކުތީ ލޮނެއްކަން ނުވަތަ ފެނެއްކަން އެނގޭނެ އިންސާނެއް ރާއްޖެކު ނެތެވެ. 

މިހެން އެކަން އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަނެއްކާ ވެސް މިވަނީ ލޮނުގެ ވާހަކަ ދައްކާފަ އެވެ. -- ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ހަމައިން މިނިސްޓަރު ސައީދު ފާހަގަ ކުރެވިފައި ވަނީ "ފޮނި ވާހަކައިން ސުރުހީ އަތުލައްވާ މިނިސްޓަރެއް" ގެ ގޮތުގަ އެވެ.

ދާދި ފަހުން މިނިސްޓަރު ސައީދު ވަނީ މި ފަސް އަހަރުތެރޭ ރާއްޖޭގައި ލޮނު އުފައްދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ދިރާސާ ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވުމުން އެކަން ވަނީ ވަރަށް ބޮޑު ސުރުހީއަކަށް ވެފަ އެވެ. 

ލޮނު އުފެއްދުމާބެހޭ ސުރުހީތައް

ލޮނުގެ ހުރިހާ ސުރުހީ ތަކަށް ބަލާއިރު ލޮނުގެ ވާހަކައިގެ މުޅިން އާ 30 އަކަށް ސުރުކީ މިދިޔަ 15 ވަރަކަށް އަހަރު ދިވެހި ނޫސްތަކުގައި އަޅާފައި ވެއެވެ. މި ސުރުހީތަކުގައި މުޅިންވެސް ހުރީ ލޮނު އުފައްދާ ވާހަކަ އާއި އެކަމަށް ދިރާސާ ކުރާ ވާހަކަ އާއި އެއީ ރަނގަޅަށް ކުރެވިދާނެ ކަމެއް ކަމަށް ބުނެ ދައްކާފައިވާ ފޮނި ވާހަކަ ތަކެވެ. 

ލޮނު އުފައްދަން ސަރުކާރުތަކުން ކަނޑާފައިވާ ފޮންޏަކުން ދިވެހި އެއްވެސް ރައްޔިތެއްގެ ލޮލަކަށް ފެނުނު ލޮނެއް ނެތެވެ. އެހެންވެ އާ ސަރުކާރުގައި ސުރުހީ ހައްދަވާ މިނިސްޓަރު ސައީދު އަނެއްކާ ވެސް ދެއްކެވި ލޮނު އުފެއްދުމުގެ ވާހަކައަށް ދިވެހިން އެ ތިބީ ބަލާށެވެ.

ލޮނުގެ ވާހަކަ މި ސަރުކާރުގެ މިނިސްޓަރު ދެއްކެވުމާއެކު މިދިޔަ ސަރުކާރުގެ އެސްޓީއޯގެ އެމްޑީގެ މަގާމު އަދާ ކުރެއްވި ހުސެއިން އަމްރު ވިދާޅުވެފައިވާ ގޮތުގައި އެސްޓީއޯއިން ވަނީ މީގެ ކުރިން މިކަމުގެ ދިރާސާ ވެސް ހަދާފަ އެވެ.

"މި [ލޮނު އުފެއްދުމަށް] ދާނެ ހަރަދާއި ލޮނު އުފެއްދުމުގެ ޕްރޮސެސްތެ ރޭގަ އުފެއްދޭނެ އިތުރު ބާވަތްތައް ވެސް ހިމަނައިގެން ހެދިފަވާ ފުރިހަމަ ދިރާސާއެއް،" އަމްރު ހިޔާލު އެކްސް އަށް ދޫކޮށްލަމުން އޭނާ ވިދާޅުވެފައި ވެއެވެ.

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު

ދިވެހިން ނުކުރިޔަސް ދުނިޔޭގައި އާންމުކަމެއް

ދިވެހިން ލޮނު ވާހަކަ ދައްކާތާ ތިރީހަކަށް އަހަރުވެގެން ދިޔައިރު، އަދި ލޮނުގެ ރަހަ ނުލައި ލޮނު އުފެއްދުމަކީ ރާއްޖޭގައި މާބޮޑު ކަމަށް ވެގެން އުޅުނު ނަމަވެސް މިކަމަކީ ފަސޭހައިން ދުނިޔޭގައި އެކި ފެންވަރުގައި ކުރާ ކަމެކެވެ. އަދި މިއީ ގޭގައި އަމިއްލައަށް ވެސް ކޮށްއުޅޭ ވަރަށް އާދައިގެ ކަމެކެވެ. 

އެކަމަކު މިކަން ފެކްޓްރީ ލެވެލަށް ގެންގޮސް ހައި ޕްރޮޑަކްޝަން އުފައްދާނަމަ އިންވެސްޓްމަންޓެއް ބޭނުންވެ އެވެ. މީގެ 10 އަހަރު ކުރިން ޕާކިސްތާނުގެ އެސްއެމްއީއަކުން ގެނައި ކައްކާ ލޮނު އުފެއްދުމުގެ ޕްރިމިލިނަރީ ދިރާސާއެއްގައިވާ ގޮތުން ފުރިހަމަ ވަސީލަތް ގާއިމް ކުރަންދާ އިންވެސްޓްމަންޓް 300،000 ޑޮލަރު ވަރު އަރަ އެވެ. އަދި ލޮނަކީ ސާކުގެ ގިނަ ގައުމުތަކުގައި އާއްމުކޮށް އުފައްދާ ވެސް ބާވަތެކެވެ.

މި ސަރަހައްދުގައި އޮތް ލޮނުގެ އެންމެ ބޮޑު "މައިން" އޮތީ އިންޑިއާގަ އެވެ. އަވަށްޓެރި އިންޑިއާއަށް ބަލާއިރު މޫދާއި ކައިރި ހިސާބުތަކުގައި ހުންނަ ވިލެޖުތަކުގެ އާއްމުން މިކަން ފުޅާކޮށް ކުރެ އެވެ. ދިވެހިން އާއްމުކޮށް އިންޑިއާގެ ކެރެލާއާ ގުޅުންހުރި ސިޓީތަކުން ދަތުރު ކުރާއިރު ބޮޑެތި އުސް ވެލިފުނީގެ ގޮތުގައި ލޮނު އުފައްދާ ތަންތަން ފެންނާނެ އެވެ. އެ ތަންތަނަކީ ދިވެހިން ކުރިން ކެއުމުގައި އާއްމުކޮށް ބޭނުން ކުރާ ފުރެއްދެ ލޮނު އުފައްދާ ކާރުހާނާތަކުގެ ފެސިލިޓީތަކެވެ. 

މޫދުން ލޮނު ގެނެސް އަޅައިގެން ލޭބަރުން ބޭނުންކޮށްގެން ހިންގާ މި މަސައްކަތަކީ ލޮނު އުފެއްދުމުގެ އެންމެ ލޯކޮލެޓީގެ އުފެއްދުންތަކެވެ. ލޮނު އުފެއްދުމުގައި ޗައިނާ ނަގާފައި ދެވަނަށް އެންމެ ބޮޑު ގައުމަކީ ވެސް އިންޑިއާ އެވެ. ޗައިނާ އިން އަހަރެއްގެ މައްޗަށް 53 މިލިއަން ޓަނުގެ ލޮނު ދުނިޔޭގެ ބާޒާރަށް ނެރެ އެވެ. އެމެރިކާ އިން 42 މިލިއަން ޓަނު ނެރޭއިރު އިންޑިއާއިން އަހަރެއްގެ މައްޗަށް 30 މިލިއަން ޓަނުގެ ލޮނު ދުނިޔޭގެ ބާޒާރަށް ނެރެ އެވެ.

އިންޑިއާގައި ލޮނު އުފައްދާ ސަރަހައްދެއްގައި ބަސްތާއަށް ލޮނު އަޅަނީ

އެންމެ އަގު ބޮޑު ލޮނު ކޮރެއަން ޕާޕަލް ބެމްބޫ

ލޮނުގެ އުފެއްދުމުގެ ވާހަކަ މިއަދު ދައްކާއިރު ލޮނު ނަގައިގެން ކައްކަން 12 ވައްތެއްގެ އުފެއްދުން އުފައްދަ އެވެ. ލޮނުގެ ވައްތަރުތަކުގެ ތެރޭން އެންމެ އަގު ބޮޑު ކައްކާ ލޮނަކީ ކޮރެއާގެ ޕާޕަލް ބެމެބޫ ލޮނެވެ. މީގެ ލޮނުގެ އެންމެ އައުންސެއްގެ އަގު ދުނިޔޭގެ ބާޒާރުގައި ހުރީ 43 ޑޮލަރު ނުވަތަ 600ރ. އަށެވެ. 

މި ލޮނަކީ ކޮރެއާގައި އަންޒަމާނުއްސުރެން ފެށިގެން ބޭސްވެރި ކަމުގައި ބޭނުން ކުރަމުން ދިޔަ ލޮނުގެ ބާވަތެކެވެ. ފަރުވާތެރި ކަމާއެކު އޮނު ބުރިއެއްގެ ތެރޭގައި ބާއްވައިގެން ހޫނުމިން މަތިކޮށް އުފައްދާ މި ލޮނަކީ ދުނިޔޭގެ ބާޒާރުގައި އެންމެ އަގު ބޮޑު ލޮނެވެ. 

މި ލޮނު ނޫންނަސް ލޮނުގެ އަގު ބޮޑު އެތައް ބާވަތް ދުނިޔޭގައި ހުރެ އެވެ. ހައި ކޮލެޓީ ލޮނުގެ ބްރޭންޑްތައް ހުރެ އެވެ. ލޮނު އުފެއްދުމަކީ ދުނިޔޭގައި ކާމިޔާބު ކަމާއެކު ކުރަމުންދާ ބިލިއަން ޑޮލަރުގެ ވިޔަފާރި އެކެވެ. މި މާކެޓުގެ ސައިޒް 14 ބިލިއަން ޑޮލަރުގައި ދުނިޔޭގައި އޮތް މިކަމަކީ ދިވެހިރާއްޖޭގައި ވެސް ކުރެވިދާނެ ކަމެކެވެ.

ރާއްޖެއަށް 33 މިލިއަން ޑޮލަރުގެ ލޮނު އެތެރެކުރޭ

ރާއްޖެއަކީ ކޮންމެ އަހަރު 33 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 500 މިލިއަން ރުފިޔާގެ ލޮނު އިމްޕޯޓް ކުރާ ގައުމެކެވެ. ރާއްޖެ އެތެރެ ކުރާ ލޮނުން ކުޑަ ޕަސެންޓެއް މަދުކޮށް ލެވުނަސް އެއީ ވެސް ބޮޑު ވަރެކެވެ. އަދި ރާއްޖެއަކީ ބިލިއަން ޑޮލަރުގެ ހައި އެންޑް ޓޫރިޒަމް އޮތް ގައުމެކެވެ. އެހެންވެ މި މާކެޓަށް ވެސް ކޮލިޓީ އުފެއްދުން ބޭނުންވާނެ އެވެ. 

މީގެ އިތުރުން ރާއްޖޭން ރީއެކްސްޕޯޓް މާކެޓެއް އުފައްދަން ސަރުކާރުން ފްރީޓްރޭޑް ޒޯންތައް ހަދަން މަސައްކަތް ކުރަމުން ދާއިރު ދިވެހި ޕްރިމިއަމް އުފެއްދުމެއް ތައްޔާރު ކުރެއްވިއްޖެނަމަ އެވާނީ ދިވެހި އުފެއްދުންތެރިކަމަށް ލިބޭނެ ހެވަކަށެވެ. އަދި ރާއްޖެއަކީ ފެކްޓްރީތަކުން ކަނޑު ހަޑިކުރާ ގައުމަކަށް ނުވާއިރު މިފަދަ އުފެއްދުމެއް ތައްޔާރު ކުރެއްވިއްޖެނަމަ އެ އުފެއްދުން މާކެޓު ވެސް ކުރެވިދާނެ އެވެ.

އެކަމަކު މިހާރު އޮތް ސުވާލަކީ މިނިސްޓަރު ސައީދު މެނަށް ކައްކާ ލޮނު އުފެއްދޭނެ ތޯ އެވެ؟ ލޮނު ވިއްކޭނެ ތޯއެއް ވެސް ނޫނެވެ. މިފަހަރު މިކަން ކުރާނެ ހެއްޔެވެ؟ ދިވެހިންނަށް މިފަހަރު ލޮނުގެ "ފޮނި ރަހަ" ލާނެތޯ އެވެ؟ 

ކޮމެންޓް

1
450
ބާބޫ
3 months ago

ސަޢީދުމެންނަށް ތެޅޭނީ ---. ކުރީ ސަރުކާރުގަ ވެސް ފެނަކަ ސަޢިދުކިޔާ މީހަކު ވަރަށް ބޮޑު ކަނޑާފައި އުޅުނު. ވީކަމެއް ޙަރާން ގޮވީ އަތައް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.