ކައުންސިލުގެ ބެލުމުގެ ދަށު ގައި މާލެ ސިޓީގައި 22 މިސްކިތެއް ހުރެ އެވެ. ހުޅުމާލޭ ގައި 10 މިސްކިތް އަދި ވިލިމާލޭ ގައި ދެ މިސްކިތް ހުރެ އެވެ.
މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި މިއަދުން ފެށިގެން ހަރަކާތްތެރި ވާނީ މުޅީން ވެސް ދިވެހި މުވައްޒިފުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މިސްކިތްތަށް ސާފުކޮށް ބެލެހެއްޓުމަށް ފެބްރުއަރީ މަހު 114 ދިވެހީން ހޯދުމަށް އިއުލާންކުރި އެވެ. އެކަމަކު އެ ފަހަރު ލިބުނީ އެންމެ 14 ދިވެހީންނެވެ. ދިވެހީން އެެކަމަށް ކުރިމަތި ނުލަނީ ކޮންޓްރެކްޓްގެ މުއްދަތު އަހަރު ދުވަހަށް އޮންނާނީ އެވެ.
އެހެން ކަމުން ސިޓީ ކައުންސިލުން ވަނީ އެ މުއްދަތު ތިން އަހަރަށް ބަދަލުކޮށް ދިވެހި މުވައްޒިފުން ހޯދާފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލަހައްޓަމުންދާ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގައި ބިދޭސީންގެ ބަދަލު ގައި މިއަދުން ފެށިގެން ހަރަކާތްތެރިވާނީ މުޅީން ވެސް ދިވެހި މުވައްޒިފުން ކަމަށެވެ. ކައުންސިލުގެ ބެލުމުގެ ދަށު ގައި މާލެ ސިޓީގައި 22 މިސްކިތެއް ހުރެ އެވެ. ހުޅުމާލޭ ގައި 10 މިސްކިތް އަދި ވިލިމާލޭ ގައި ދެ މިސްކިތް ހުރެ އެވެ.
މި މިސްކިތްތައް ސާފުކުރުން ކުރީން އޮންނަނީ ކުންފުނިތަކަކަށް ދީފަ އެވެ. އެ ކުންފުނިތަކުން އެކަން ކުރުވަނީ މުޅީން ހެން ބިދޭސީން ލައިގެންނެވެ. އެއީ ހަރަދުގެ ގޮތުން ކުންފުނިތަކަށް ފައިދާ ބޮޑު ގޮތެކެވެ. ނަމަވެސް އެކަށީގެންވާ ގޮތެއްގައި މިސްކިތްތައް ސާފުކޮށް ނުބެލެހެއްޓި އެ ތަންތަނުގެ ސާފުތާހިރުކަން ގެއްލުނެވެ. އެއީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.