އައިޔޫއެމްގެ ލެކްޗަރާއެއްގެ ވަޒީފާ އަދާކުރައްވާ ޑރ. ހަސަން އަލް ކުރުދީގެ ދަރިންނާއި އަނބިކަނބަލުން މިހާރު ވަނީ ސަލާމަތުން ރާއްޖެ ގެނެސްފަ އެވެ. މިއަދު އައިޔޫއެމްގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ކުރުދީގެ އާއިލާއާ ބައްދަލުކުރައްވާފަ އެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ވަޒީފާ އަދާކުރައްވާ ފަލަސްތީނުގެ ޕްރޮފެސާ ޑރ. ހަސަން އަލް ކުރުދީގެ އާއިލާ ރާއްޖެ ގެނެސްފި އެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުގައި ދެމުން އަންނަ ބިރުވެރި ހަމަލާތަކުގައި ޑރ. ކުރުދީގެ އާއިލާ ގާޒާގެ ރަފާހްގައި ދިރިއުޅެމުން ގެންދިޔަ ގެ ސުންނާފަތި ކޮށްލުމުން އެ އާއިލާ ތިބީ ހާލުގައި ޖެހިފަ އެވެ. އަދި ފަލަސްތީނުގައި އޮތް ހާލަތުގެ ސަބަބުން އެންމެ ޒަރޫރީ ބޭނުންތަކުން ވެސް މަހްރޫމް ވެފަ އެވެ.
ޑރ. ކުރުދީގެ އާއިލާ ސަލާމަތުން ރާއްޖެ ގެނެސްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ އެހީތެރިކަމާ އެކު މިސްރަށް ގެންގޮސްގެނެވެ. އެ އާއިލާއިން ރާއްޖެއަށް ހިޖުރަކުރުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް މިއަދު އައިޔޫއެމްގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.
އެ ރަސްމިއްޔާތުގައި އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު އާއި، އިސްވެރިން އަދި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
އައިޔޫއެމްގެ ރަސްމިއްޔާތުގައި ޑރ. ކުރްދީ އާއި އޭނާގެ އާއިލާއަށް، އެ ޔުނިވާސިޓީއިން ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދިނެވެ. މި ރަސްމިއްޔާތުގައި ކުރުދީގެ އަނބިކަބަލުން ވަނީ އެ އާއިލާއަށް އެހީވުމަށް ރާއްޖެއިން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފަ އެވެ.
މީގެ ކުރިން ވެސް ވަނީ، ދިވެހިންގެ އެހީގައި ފަލަސްތީނުގެ ދެ މީހަކު ރަފަހް އިން ނެރެފަ އެވެ. މިސްރުގައި ދިރިއުޅޭ ދިވެހި ދަރިވަރެއް ކަމުގައިވާ، މަރިޔަމް ބަރްޝާ އޭނާގެ އެކުވެރިޔާ ނަދާ މަހްމޫދު އަބްދުﷲ އާއި އޭނާގެ މަންމަ މިސްރަށް އެތެރެވެވުނީ ދިވެހިން ހަދިޔާ ކުރި ފައިސާއިންނެވެ.