މި މަސައްކަތް ކުރާނީ ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އިން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގަމުން އަންނަ ހުޅުލެއާއި މާލެ އަދި ފުލްމޫން މޮނޮރެއިލް އިން ގުޅާލުމުގެ މަސައްކަތް ކުރާނީ ދުބާއީގެ އެންމެ ބޮޑު ފްރީޓްރޭޑް ޒޯން ކުންފުނިން އިފްޒާއިން ކަމަށް ސަރުކާރުން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މޮނޮރޭލް އިން ގުޅާލަން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކުންފުންޏަކީ ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) ކުންފުންޏެވެ.
މި މަޝްރުއޫ ކުރިއަށް ގެންދިއުމަށް ފުނަދޫ ގައި ހުރި ދުވަސްވީ ފިއުލްފާމް އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާލެއާ ފުނަދުއާ ހުޅުލެއާ މި ގުޅާލަނީ ސިންގަލް ޓްރެކް މޮނޮރެއިލްއަކުން. އެ މަސައްކަތަށް ފައިނޭންސް ކުރުމަށް ވަނީ ބަޔަކާ ސޮއިކުރެވިފައި. އެއީ އިފްޒާއާ އެކު." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ފުނަދޫ ގައި ގާއިމުކޮށްފައިވާ ތެޔޮ ފާމް އެހެން ތަނަކަށް ބަދަލުކޮށް ނިމޭން ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގާނީ ވެސް އިފްޒާ އިން ކަމަށް މިނިސްޓްރު ސައީދު ވިދާލުވި އެވެ.
އިފްޒާ - އިފްޒާ އުފެދެނީ ޔޫއޭއީގެ ދުބާއީގައި އެންމެ އިތުބާރު ހުރި އަދި އެންމެ އަގު ހެޔޮ އެއް ފްރީ ޒޯންގެ ގޮތުގަ އެވެ. މި ކުންފުންޏަކީ ދުބާއީގައި ފްރީޓްރޭޑް ޒޯންގެ ފެސިލީޓީތައް ގާއިމްކޮށް އެންމެ ފުޅާކޮށް އިންވެސްޓް ކުރަމުން ގެންދާ އެއް ކުންފުންޏެވެ.
މިއީ ފްރީޓްރޭޑް ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ދުބާއީގައި އެންމެ ފުރިހަމަ ވަސީލަތް ފޯރުކޮށްދޭ ކުންފުންޏެވެ. މި ކުންފުނި މެދުވެރިކޮށް ދުބާއީގައި ފޮރިން ޑައިރެކްޓް ގިނަ އިންވެސްޓްމަންޓްތަކެއް ކޮންމެ އަހަރަކު ވެސް ކުރަމުން ގެންދެ އެވެ. މި ކުންފުނިން ބޭންކިން އާއި އިންޝުއަރެންސާއި ކޮމާޝަލް ރިއަލް އެސްޓޭޓުގެ ވިޔަފާރީގައިވެސް ހަރަކާތެރިވެ އެވެ. މި ކުންފުނީގެ ވިޔަފާރި ދުބާއީން ބޭރުން ޗައިނާ އާއި ޖަރުމަނާއި ސްވިޒަލެންޑާއި ސްޕެއިން އާއި ސީޝެލްސް ގައި ވެސް އޮވެ އެވެ.