ރާއްޖޭގައި މިހާރު އޮތް ހުޅަނގު މޫސުމުގެ ވިއްސާރަ ރަނގަޅުވުމުން އީއައިއޭގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫން ރާއްޖޭގައި ފަށާ ފުރަތަމަ މަޝްރޫއުގެ ގޮތުގައި 150 މެގަވޮޓުގެ ފްލޯޓިން ސޯލާގެ މަޝްރޫއުގެ ޕްރިމިލިނަރީ ދިރާސާތައް ފަށައިފި އެވެ.
ރާއްޖޭގެ ތާރީހުގައި ހިންގާ އިޔާދަ ކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ފެނިގެންދާނެ މި މަޝްރޫއު ހިންގަނީ ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް ދިރިއުޅޭ ގްރޭޓާ މާލެ ސަރަހައްދުގަ އެވެ. މި މަޝްރޫއު ހިންގުމުގެ ހުއްދަ އެސްއީޒެޑް ގާނޫނުގެ ލިބިގެންދާ ހާއްސަ އިހުތިޔާރުގެ ދަށުން ދީފައި ވަނީ ކެނެޑާގެ އެބެކްސް ޕަވާ ކުންފުންޏަށެވެ. މި ކުންފުންޏާއެކު މި މަޝްރޫއުގައި ފަންނީ ކަންކަމުގައި ސަން ގްލޯ ޕަވާ ސަޕްލައި ކޯޕަރޭޝަން ހަރަކާތްތެރި ވާނެ އެވެ. މި ދެ ކުންފުންޏަކީ ވެސް މި ބާވަތުގެ މަސައްކަތްތަކުގައި ދުނިޔޭގައި މަޝްހޫރު ދެ ކުންފުންޏެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ އަޕްޓޭޑް ދެއްވަމުން އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިހާރު ކުރަމުންދަނީ މަޝްރޫއު ފެށުމުގެ ކުރިން ފުރަތަމަ ކުރަން ޖެހޭ ޕްރިމިލިނަރީ ދިރާސާތައް ކަމަށާ މޫސުން ރަނގަޅު ވުމުން ތިމާވެށީގެ ގޮތުން ހަދަން ޖެހޭ ދިރާސާތައް ފެށިގެން ދާނެ ކަމަށެވެ. މީގެ އިތުރުން ކަނޑުން އަޅާ ކޭބަލްގެ ޓެކްނިކަލް އެސެސްމަންޓްތައް ވެސް ކުރާނެ ކަމަށެވެ.
"އިންޓަނޭޝަނަލް ޓެކްނިކަލް އެކްސްޕާޓުން ހިމަނައިގެން އެ ބޭފުޅުންގެ ގައުމުތަކުގައި ފަންނީ މަސައްކަތް ކުރިއަށް އެބަދޭ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ އިތުރުން މި މަޝްރޫއު ފެންނާނެ ގޮތަކަށް މޮޑެލްއެއް ހެދުމުގެ މަސައްކަތް ވެސް މަހެއްގެ ތެރޭ ނިންމާލާނެ ކަމަށެވެ. މީގެ ބޭނުނަކީ މި މަޝްރޫއު އޮންނާނެ ގޮތް ފެންނާނެ ގޮތެއް ހެދުން ކަމަށް ވަޒީރު ވިދާޅުވި އެވެ.
"ޕްރޮޖެކްޓަށް ހުށަހަޅަން ޖެހޭ ގެރެންޓީތައް ކުރިއަށް އޮތް މަހެއްގެ ތެރޭ ކުރިއަށްދާނެ،" ސައީދު ވިދާޅުވި އެވެ.
ރައީސުލް ޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ) ޑޮލަރެވެ. އެހެންވެ މި މަޝްރޫއު 100 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ އެވެ.