"މުސްތަގުބަލުގައި ދިވެހި ބަހަށް ނުރައްކާ އެބައޮތް"

"މިހާރު އެންމެ ދެރަ ކަމަކަށް މި ފެންނަނީ އަޅުގަނޑުމެންގެ ބޮޑެތިވަމުން އަންނަ ކުދިންނަށް، އާ ޖީލުތަކަށް ދިވެހި ބަހުން މުއާމަލާތު ކުރަން ފުރުސަތު ނެތުން. ދިވެހި ބަހުން ވިސްނަން ފުރުސަތު ނެތުން. އަޅުގަނޑުމެން ޖެހޭނީ އެ ފުރުސަތު އުފައްދަން،"

ދިވެހި ބަހާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު: ދިވެހި ބަހަށް އޮތް ނުރައްކަލުން ސަލާމަތް ކުރަން ބަސް ކިޔަވާދޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައި --

މިހާތަނަށް ކުރެވިފައި ހުރި އިލްމީ ދިރާސާތަކަށް ބަލާއިރު މުސްތަގުބަލުގައި ދިވެހި ބަހަށް ނުރައްކާ އެބަ އޮތް ކަމަށާއި އެކަމުގެ އެއް ފަރުވާއަކީ ދިވެހި ބަސް ކިޔަވައިދޭ ގޮތް ބަދަލު ކުރުން ކަމަށް ދިވެހި ބަހާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީރު ވިދާޅުވީ ދިވެހި ބަހަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތް ވެވޭނީ އެކަން ދިމާވާ ސަބަބު ދެނެގަނެވިގެން ކަމަށެވެ. 

"މިހާރު އެންމެ ދެރަ ކަމަކަށް މި ފެންނަނީ އަޅުގަނޑުމެންގެ ބޮޑެތިވަމުން އަންނަ ކުދިންނަށް، އާ ޖީލުތަކަށް ދިވެހި ބަހުން މުއާމަލާތު ކުރަން ފުރުސަތު ނެތުން. ދިވެހި ބަހުން ވިސްނަން ފުރުސަތު ނެތުން. އަޅުގަނޑުމެން ޖެހޭނީ އެ ފުރުސަތު އުފައްދަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ވުޒާރާގެ ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ ނިޒާމުގެ މައިގަނޑު އެއް ބޭނުމަކީ އެ ފުރުސަތު އުފެއްދުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަމަށްޓަކާ ދިވެހި ބަސް ކިޔަވައިދޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގަ އެބައެއްގެ މާދަރީ ބަސް ކިޔަވާދޭ ގޮތަށް އަޅުގަނޑުމެންނަށް މިއަދަކު ނެތް ދިވެހިންނަށް މާދަރީ ބަސް ކިޔަވާދެވޭކަށް. ސަބަބަކީ މިއަދު ގިނަ ކުދިން ވިސްނަނީ ދިވެހި ބަހަކުން ނޫން. ގިނަ ކުދިން ވިސްނަނީ އެހެން ބަހަކުން. އެހެންވީމަ މިހާރު ކުދިންގެ މިހުރި ހާލަތަށް ބޭނުންވާ ދިރާސާތައް ހެދުމަށްފަހު އެކަމަށް ބޭނުންވާ ބަދަލުތައް ގެންނަން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ވުޒާރާގެ ގައުމިއްޔަތު އިޔާދަކުރުމުގެ ނިޒާމުގެ ތެރޭގައި އެކަން ހިމަނާފައިވާ ކަމަށެވެ. އަދި، އެކަން ރަގަޅަށް ތަންފީޒު ކުރެވޭނަމަ ރަގަޅު ބަދަލަކާއި ފަރުވާއެއް ލިބިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ކުދިންގެ މެދުގައި ދިވެހި ބަހާއި ގައުމިއްޔަތަށް ލޯބި ޖެއްސުމަށް، ސްކޫލްތަކުގައި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެކަމަށް ބޭނުންވާ މަސައްކަތްތައް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ގައުމިއްޔަތު ދިރުވާ އާލާ ކުރުމަށް "ދިވެހި ގައުމީ ތަރިކަ ކޮލެޖު" އުފެއްދުމުގެ މަސައްކަތް ދިވެހި ބަހާއި ތަރިކައާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ. މިނިސްޓަރު މިއަދު ވިދާޅުވީ ކޮލެޖު އުފެއްދުމުގެ ކަރުދާހީ މަސައްކަތް ނިމި، އިދާރީ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، ކޮލެޖުގެ ސިގްނޭޗާ ރިސާޗް ޕްރޮގްރާމްތައް އުފައްދާ އޭގެ މުގައްރަރުތައް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.