ދިރިއުޅުމުގައި އަދާ ކުރަންޖެހޭ ޒިންމާތައް މެނޭޖްކުރާނީ ކިހިނެއް؟

ދިރިއުޅުމުގެ ވައްޓަފާޅިއަށް އެންމެ ފައިދާހުރި ސްޓްރެޓެޖީތައް ހޯދުމަކީ ދިރިއުޅުމަށް ކުރެވޭ ވަރަށް ބޮޑު އަދި މުހިންމު އިންވެސްޓްމަންޓެކެވެ.

ބައެއް ފަހަރު ކުރަން ޖެހޭ ކަންކަން ގިނަ ކަމުން ތިޔައީ ހަތަރު މީހުން ނަމައޭ ހިތަށް އަރާ ހެއްޔެވެ؟ ހުރިހާ ކަމެއް ވެސް ވަރަށް އޮމާން ކަމާއެކު ފަސޭހައިން ކުރެވޭ ދުވަސްތައް ވެސް އާދެއެވެ. އަދި އަނެއްބައި ފަހަރު އޭގެ އިދިކޮޅު އާދެ އެވެ. ހުރިހާ ކަމެއްގައި ވެސް އުނދގޫތަކާއި ގޮންޖެހުންތައް ކުރިމަތި ވެއެވެ. މިހެން ދިމާވުމުން ހުރިހާ މަސްއޫލިއްޔަތު ތަކެއް މެނޭޖް ކުރަން އުނދަގޫހެން ހީވެދާނެ އެވެ. ނަމަވެސް، ވަގުތުގެ އިތުރުން މުޅި ސިއްހަތާއި ދުޅަހެޔޮކަން އެންމެ ރަނގަޅަށް މެނޭޖް ކުރުމަށް ޓަކައި ތަފާތު ސްޓްރެޓެޖީތައް އެކުލަވާލަން ޖެހެއެވެ. 

ތިމާއަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އެންމެ ފައިދާހުރި ސްޓްރެޓެޖީތައް ހޯދުމަކީ ދިރިއުޅުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެކެވެ. ހަނދާނުގައި އަބަދުވެސް ބަހައްޓަންޖެހޭ ހަތަރު ކަމެއް ވެއެވެ.


4
ސާފު ބައުންޑަރީތަކެއް ކަނޑައެޅުން

ތިމާއަށް ކުރެވިދާނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ރަހުމަތްތެރިންނާއި، މަސައްކަތުގެ މާހައުލުގައި އަދި އާއިލާގެ މީހުނަށް ވެސް އަންގާފައި ބާއްވާށެވެ. ހަގީގަތުގައި ވެސް ކުރެވޭ ވަރަކުން ކަންކަން ކުރަން އުޅޭށެވެ. އެއްވެސް މީހަކީ ސުޕަހީރޯއެއް ނޫނެވެ. ބައެއް ފަހަރު އޮފީހުގަ އާއި އާއިލީ ޒިންމާ ތަކުގައި ތިބާއަށް ހުރިހާ ކަމެއް ކުރަން ހަވާލުވެ ވެނީ މި ބުނާ ބައުންޑަރީގެ ރަތް ރޮނގު ދަމާ ނުލެވުމުގެ ސަބަބުންނެވެ. "ނުވާނޭ ނޫނެކޭ" ވެސް ބުނަން ޖެހެ އެވެ. އަމިއްލަ ނަފްސަށް ނުވިސްނައިފި ނަމަ ތިބާއާއި ދޭތެރޭގައި ވިސްނާނެ އިތުރު މީހަކު އައުމަކީ ނާދިރު ކަމެކެވެ.


3
ޑިވައިސްތަކާއި މަސައްކަތްތައް ދޫކޮށް ހުސްވަގުތު ހޯދުން

އެމްއައިޓީގެ ޕްރޮފެސަރު ޝެރީ ތުރުކަލް ވަނީ ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ގިނަ ފޮތްތަކަކާއި ދިރާސާތަކެއް ލިޔުއްވާފަ އެވެ. އޭނާ ބުނާ ގޮތުން ޑިވައިސްތަކަށް ހޭދަ ކުރާ ވަގުތުތަކާއި މަސައްކަތްތައް އެއްފަރާތް ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ޑިވައިސްތައް ތިރިކޮށް، އާއިލާ އާއި މުޖުތަމައާއި ގުޅުން ބަދަހި ކުރުމެވެ. 

ނިދުމުގެ އެތައް ގަޑިއިރެއް ކުރިން ޑިވައިސްތައް ނިއްވާލައި، ކޮޓަރި އަނދިރި ކޮށްލުމަކީ ނިދުމުގެ ވައްޓަފާޅި ރަނގަޅު ވުމަށް މަގުފަހި ކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން ކޯޓިސޯލް ދަށްވެ، ސްޓްރެސް ދައްކު ރުމަށް މަގުފަހިވާ ކަމަށް ވެސް ޕްރޮފެސަރު ޝެރީ ތުރުކަލްގެ ދިރާސާއިން ދައްކައެވެ. އާއިލާ އާއެކު އުޅޭ ވަގުތުގައި ނުވަތަ ނިދަން އުޅޭ ވަގުތު އޮފީހުން ކުއްލިއަކަށް އަންނަ މަސައްކަތްތަކާއި ފޯނު ކޯލް ނުވަތަ އީމެއިލް ތަކަށް މީހާގެ ހުސް ވަގުތުތައް ގުރުބާން ކުރުމަކީ މުޅިން ރަނގަޅު ގޮތެއް ނޫނެވެ.


2
އަމިއްލަ ނަފުސަށް އިސްކަން ދިނުން

ފުޅާ ލަފުޒެއް ނަމަވެސް، އަމިއްލަ ނަފްސަށް ވަގުތު ހުސް ކުރުމަކީ އަމިއްލަ ނަފްސަށް އަޅާލުމާއި ހަރުދަނާ ދިރިއުޅުމެއް ބެލެހެއްޓުމުގެ އަސާސެވެ. ބައެއް މީހުނަށް ޒިންމާ ތަކުގައި އުޅެފައި އަމިއްލަ ނަފުސަށް ވަގުތެއް ހުސްކޮށް ކޮންމެވެސް ކަމެއް ކުރުމަށް ނިންމުމަކީ ކުށެއް ކުރެވުންހާ ބޮޑު މައްސަލައެއް ކަމަށް ހީވެއެވެ. 

އެކަމަކު އަމިއްލަ ނަފުސަށް ބޭނުންވާ ކަންކަން ކުރުމަކީ މީހާގެ ޒިންމާތައް ރަނގަޅަށް އަދާ ކުރުމަށްވެސް އެހީތެރި ވެދޭ ކަމެކެވެ. ތިބާ އުފާވެރިކޮށް ހުރުމަކީ އެންމެ މުހިއްމުކަން ކަމަށް ބަލާށެވެ. ދިރިއުޅުމުގައި ތަފާތު ރޯލުތައް މެނޭޖް ކުރާއިރު، އަމިއްލަ ނަފްސު ދޫކޮށްލައި ވަށައިގެންވާ ދިރިއުޅުމުގެ ތެރެއަށް ގޮސް ހުސްވުމަކީ އެންމެ ރަނގަޅުގޮތްތޯ އަމިއްލަ ނަފުސާއި ސުވާލު ކޮށްލާށެވެ.


1
ވަގުތު ހުސްކޮށް ބޭރަށް ނުކުމެ އުޅުން

ދިރިއުޅުން ހަމަޖެހިފައި ހުންނަ ގޮތުން ގިނަ ފަހަރު އޮފީހުން ގެއަށް ގެއިން އޮފީހަށް ފިޔަވާ ބޭރަށް ނުކުމެލާނެ ވަގުތު އޮންނަނީ ނުލިބިފަ އެވެ. ކޮންމެ ދުވަހަކު އެއްގޮތަކަށް ތާވަލުތައް ބައްޓަން ކުރުމުގެ ބަދަލުގައި ބައެއް ދުވަސްތަކުގައި އާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ބޭރަށް ނުކުމެ ގުދުރަތީ މާހައުލުން ލިބޭ ސާފު ވަޔާއި ހިތްހަމަ ޖެހުން ހޯދުމަކީ ވެސް ކުރުން ވަރަށް މުހިއްމު ކަމެކެވެ. 

ގުދުރަތީ މާހަލަށް ނުކުމެ އުޅުމުން މީހާގެ ހާސްކަން ފިލުވައިދީ ހިތްހަމަޖެހުން ލިބެއެވެ. ބޭރަށް ނުކުމެ ހިނގުން ނުވަތަ ކަސްރަތުކޮށް އުޅުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ފައިދާހުރި ކަމެކެވެ. 

ކޯނެލް ޔުނިވާސިޓީގެ ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު މަދުވެގެން 10 މިނެޓު ބޭރުގައި އުޅުމަކީ ސްޓްރެސް ލެވެލް ދަށްކޮށްދޭ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަށްޓަކައި، ގުދުރަތީ މާހައުލުން ފައިދާ ލިބިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.