ވީޑިއޯ އާންމުވެ ވަރަށް ބޮޑަށް ވަނީ ވައިރަލް ވެފަ އެވެ. އެ މައްސަލަ ބަލަން ޖެހޭ ކަމަށާ އެކަން ތަކުރާރު ވުމުގެ ފުރުސަތު ނުދިނުމަށް ވަރަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.
ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގެ ކުޑަ ދޮރުން ސިޑިގޮޅިއަށް ކުއްޖަކު ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ ވަރަށް ބޮޑަށް ވައިރަލް ވެފައިވަނިކޮށް އެ ކުއްޖާގެ މައްސަލަ ބަލަމުންދާ ކަމަށް އިދާރާތަކުން ބުނެފި އެވެ.
އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ކުޑަ އަންހެން ކުއްޖެއް ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގެ ކުޑަ ދޮރުން ސިޑިގޮޅިއަށް ފައިބާ މަންޒަރެވެ. އެއީ ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓެކެވެ. ނަމަވެސް އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެ ކުއްޖާ ވެއްޓުނު ނަމަ ބޮޑު އަނިޔާއެއްވެ ފުރާނައަށް ވެސް ނުރައްކާ ވުމުގެ ފުރުސަތު އޮންނާނެ އެވެ.
އެ ވީޑިއޯ އާންމުވެ ވަރަށް ބޮޑަށް ވަނީ ވައިރަލް ވެފަ އެވެ. އެ މައްސަލަ ބަލަން ޖެހޭ ކަމަށާ އެކަން ތަކުރާރު ވުމުގެ ފުރުސަތު ނުދިނުމަށް ވަރަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.
ފުލުހާއި ޖެންޑާ މިނިސްޓްރީން މިރޭ ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެއީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ވެ އެވެ. އެ ކުއްޖާ ތަކުރާރުކޮށް އެކަން ކުރަމުން ދާތީ އެކަން ޖެންޑާގެ ސަމާލު ކަމަށް ކުރީން ވެސް ވަނީ ގެނެސްފަ އެވެ. ޖެންޑާ އިން އެކަން އޭރު ބަލަން ފަށާފައިވާ ކަމަށް ވެ އެވެ.