ރަފަހަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އެހީގެ ގާފިލާތަކަށް ދޮރުތައް ހުޅުވާ އެހީ ފޯރުކޮށް ދިނުމުގެ ފުރުސަތު ތަނަވަސް ކޮށް ދިނުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފަ އެވެ.
އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ރަފަހަ ސިޓީގައި ކުރިއަށް ގެންދާ އަނިޔާވެރި ޖަރީމާތައް ހުޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަމުރު ކުރުމުން ކޯޓުގެ އެ ނިންމުމަށް އުފާކޮށް ދިވެހީންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އައިސީޖޭގެ މި އަމުރު އައީ ދެކުނު އެފްރިކާ އިން އެ ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ހުކުމް ގަ އެވެ. ދެކުނު އެފްރިކާ އިން އެެދިފައި ވަނީ އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން އިމާޖަންސީ ފިޔަވަޅުތަކެއް އަޅަން އަމުރުކޮށް ދިނުމަށެވެ. ހާއްސަކޮށް ގާޒާގެ އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދުމަށް މިވަގުތު ޖަމާވެފައިވާ ރަފަހަ ސިޓީއަށް ދެމުންދާ ހަމަލާތައް ހުއްޓާލާ އެ ސަރަހައްދުން އިޒްރޭލްގެ ޔަހޫދީ ސިފައިން ފޭބުމުގެ އަމުރަށެވެ.
އެ ކޯޓުން ވަނީ ރަފަހަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާާލާ އެހީގެ ތަކެތި ވެއްދުމަށް މަގު ފަހި ކޮށް ދިނުމަށެވެ. އަދި އެ އަމުރު ތަންފީޒު ކުުރުމަށް އަނިޔާވެރި އިޒްރޭލުން އަޅާ ފިޔަަވަޅުތައް އެ ކޯޓަށް އަންގަން ވެސް އަމުރުކޮށްފައިވެ އެވެ. މަސް ދުވަހުގެ ތެރޭގައި އެކަމާއި ގުޅޭ ރިޕޯޓް ހުށައަޅަން ޖެހެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ރައީސް ވިދާޅުވީ އައިސީޖޭގެ ނިންމުމަށް ރާއްޖޭން ވަރަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ކޯޓްގެ އެ ނިންމުމަށް އިޒްރޭލުން ވެސް ބޯލަނބާ ކިޔަމަންވާން ޖެހޭ ކަމަށް ވިދާޅުވި އެވެ. ރަފަހަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އެހީގެ ގާފިލާތަކަށް ދޮރުތައް ހުޅުވާ އެހީ ފޯރުކޮށް ދިނުމުގެ ފުރުސަތު ތަނަވަސް ކޮށް ދިނުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފަ އެވެ.
ފަލަސްތީން-އިޒްރޭލްގެ މައްސަލާ ގައި ދިވެހީންގެ ސްޓޭންޑަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮޅުގައި ތިބުމެވެ. އެ ސްޓޭންޑް ރައީސް މުއިއްޒުގެ ޒައާމަތުގައި އިތުރަށް ހަރުދަނާ ކުރައްވާފައިވެ އެވެ. ފަލަސްތީނުގެ ދިފާއުގައި ރައީސް ގެންދަވަނީ ވަރުގަދައަށް ވަކާލާތު ކުރައްވަމުންނެވެ.