ފްލެޓް ޑައިރީ: ވަރަށް ދުވަސް ވަރަށް ޝުކުރިއްޔާ

މި ފްލެޓުތައް މުވައްޒަފުންނަށް ހަވާލު ކުރުމާއެކު ރީތި އެ ފްލެޓްތަކަށް އެންމެ މަދު ވެގެން 700 އަށްވުރެ ގިނަ މީހުން ވަންނާނެ އެވެ. އެމްއޭސީއެލްއަށް ގިނަ ހިދުމަތްތަކެއް ކުރަމުން ގެންދާ މުވައްޒަފުންގެ ވަރަށް ދުވަސްވީ އުންމީދުތައް ހަގީގަތަކަށް ވެގެން ދާނެ އެވެ. އަދި އެ މީހުން ދިރިއުޅޭހައި ހިނދަކު ޝުކުރުވެރި ހިތަކާއެކު އުޅެމުންދާނެ އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް އަޅައިދިން އޭރޯ ރެސިޑެންސް -- އެމްއޭސީއެލް ފޮޓޯއެއް

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، މުހައްމަދު ހަލީމް (ކުޑަހަލީމް) ރާއްޖޭގެ މައި ދޮރާށި، ބަލަހައްޓާ ކުންފުނި، އެމްއޭސީއެލްގައި އުޅޭތާ 20 އަހަރުވީ އެވެ. ގައުމީ ބޮޑު ހިދުމަތެއްގައި ކޮންމެ ދުވަހަކު ގިނަ ވަގުތު އާއިލާއާ ދުރުގައި އުޅުނު ނަމަވެސް މާލޭގެ އެހެން މީހުނެކޭ އެއްގޮތަށް އޭނާއަށް ވެސް އޮތީ ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފަ އެވެ. އެކަށީގެންވާ ބޯހިޔާވަހިކަން ނެތުމުގެ ކެކުޅުމުގެ ޝަކުވާތައް އޭނާގެ އާއިލާއިން ދިޔައީ ކުރަމުންނެވެ. އެހެންވެ ދެކެމުން އައި ހުވަފެނަކީ ރަނގަޅު ބޯހިޔާވަހިކަމެއް ލިބުމެވެ. އޭނާގެ އެ ހުވަފެން ހަގީގަތަށް ވެގެން މިހާރު ހުރީ އުފަލުން ފޮޅިފަ އެވެ. އެމްއޭސީއެލުން އެ ކުންފުނީގެ މުވައްޒަފުންނަށް ހަދައިދިން ރީތި ފްލެޓުން އޭނާއަށް ބޯހިޔާވަހިކަން ލިބުނީ އެވެ. އޭނާ ފަދަ އެތައް ބަޔަކު އެބަތިއްބެވެ. އެ މީހުން މި ދުވަހަށް ލައްކަ ދުވަހު އިންތިޒާރު ކޮށްފި އެވެ.

"ވަރަށް ފަހުރުވެރި ވަގުތު ކޮޅެއް މިއީ. އެންމެ އުފާވަނީ ވަޒީފާގައި އުޅޭ ކުންފުނިން ފްލެޓެއް ހޯދައި ދިނުމުން. މި ކަމަށް ސަރުކާރުން ދިން އަހަމިއްޔަތުކަމާއެކު ކުންފުނިން ކުރި މަސައްކަތަށް ވަރަށް އުފާ ކޮށް ޝުކުރުއަދާ ކުރަން،" ވެލެންސިއާގެ ކުރީގެ މަޝްހޫރު ފޯވަޑް "މި" ނޫހަށް ބުންޏެވެ.

އެމްއޭސީއެލް ފްލެޓު ލިބުނު ކުރީގެ ފުޓްބޯޅަ ތަރި ކުޑަ ހަލީމް: ފްލެޓް ލިބުމުން އޭނާއަށް ލިބުނު އުފާ ބަޔާންކޮށްދޭނެ ނޭނގޭ ކަމަށް ބުނި -- މި

މޯލްޑިވްސް އެއާޕޯޓް ކުންފުނިން، ޗައިނާގެ ބީޔޫސީޖީއާ ހަވާލު ކޮށްގެން ކުރިއަށް ގެންގޮސް ޑިވެލޮޕް ކުރި މި މަޝްރޫއުގައި އެޅި ފްލެޓް ޓަވަރުން އެމްއޭސީއެލްގެ 384 މުވައްޒަފުންގެ އާއިލާއަކަށް ފްލެޓު ލިބުނެވެ. ފްލެޓު ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު އެމްއޭސީއެލްގައި ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނެވެ. އޭގެ ތެރެއިން އެކަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުރި ނަމަވެސް އެމްއޭސީއެލްގައި އޭނާ މަސައްކަތް ކުރާތާ 34 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާއަށް އެމްއޭސީއެލް ފްލެޓް ލިބުނު އެކަކެވެ.

އޭނާއަށް ފްލެޓާއެކު ލިބުނު އުފާ "މި" އަށް ކިޔައި ދިނީ އޭނަގެ އަންހެން ދަރިފުޅު މައިޝާ މެދުވެރިކޮށެވެ، މައިޝާ ބުނި ގޮތުގައި އެ އާއިލާ ކުރިން އުޅުނީ އެހެން ވެސް ގިނަ މީހުން އުޅޭ ގޮތަށް ކުލީ ކޮޓަރީގައި ދަތިކޮށެވެ. ނަމަވެސް ފްލެޓާއެކު އާއިލާގައި އޮތް ބޮޑު ހިތްދަތި ކަމާއި އުނދަގޫ ދިރިއުޅުން ނެތުނީ އެބެ. އެންމެނަށް ވެސް ލިބިގެން ގޮސްފައި ވަނީ ވަރަށް ބޮޑު އުފަލަކެވެ. ހާއްސަކޮށް ބައްޕަ ވަނީ ވަރަށް ބޮޑަށް އުފާވެފަ އެވެ.

"ކުރިންސުރެ އެއް ގެއިން އަނެއް ގެއަށް ބަދަލު ވަމުން ދިޔަ ދިރިއުޅުމެއް އުޅެމުން މިއައީ. އެކަމަކު އާއިލާގައި އަނެއްހެން މަސައްކަތް ކުރާ މިހުރީ ބައްޕަ އެކަނި. އެހެންވެ މިއީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް. މި ލިބުނީ އަމިއްލަ ގެއެއް،" މައިޝާ ބުންޏެވެ.

މައިޝާ އޭނާގެ ބައްޕައާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: މައިޝާގެ ބައްޕަ އެމްއޭސީއެލްގައި މަސައްކަތް ކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވޭ -- މި

މުއްސަނދި އެމްއޭސީއެލުން ފްލެޓު އަޅަން އެ ކުންފުނިން 400 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އެ ފްލެޓުތައް ހައްގުވެރީންނަށް ދީފައި ވަނީ އެންމެ ފުރިހަމައަށް ނިންމައި ވެސް ދީފަ އެވެ. ފްލެޓަށް ވަންނަ މީހަކަށް ޖެހޭނީ ހަމައެކަނި އެނދެއް ވައްދާށެވެ. ފްލެޓުގެ ބަދިގެ ފުރިހަމަކޮށްފައި ހުރިއިރު މިއީ "ސެމީފާނިޝް" ފްލެޓެކެވެ.

މި ރީތި ފްލެޓު ލިބުނު އެއް މުވައްޒަފަކީ މުހައްމަދު ނިޔާޒެވެ. އެމްއޭސީއެލްގެ ޝޮޕްގައި އިސްކޮށް މަސައްކަތް ކުރާ ނިޔާޒުގެ ވެސް އުމުރުގެ ބޮޑުބައި ހިދުމަތް ކޮށްދީފައި ވަނީ އެ ކުންފުންޏަށެވެ. މިއަދު އޭނާ ހުރީ ވަރަށް އުފާވެފަ އެވެ. ނިޔާޒަށް ލިބުނީ އެއް ކޮޓަރީގެ ފްލެޓެކެވެ. އެ ފްލެޓަށް އޭނާ އިންތިޒާރު ކުރާތާ ކިތަންމެ ޒަމާނެކެވެ.

"މާލޭ މީހަކަށް ވިޔަސް ބަހާލައިގެން ގެއިން ލިބުނީ ކުޑަ ބިން ކޮޅެއް! އެހެންވެ ވަރަށް ދަތީގައި މިހާތަނަށް އުޅެމުން ދިޔައީ. އެކަމަކު މިހާރު ލިބިފައި މިވަނީ ވަރަށް ބޮޑު އުފަލެއް، ވަރަށް ޝުކުރިއްޔާ!" ނިޔާޒު ބުންޏެވެ.

ނިޔާޒު ފްލެޓު ލިބުމުގެ އުފަލާއެކު ހެވިފައި: އެމްއޭސީއއެލްގެ ގިނަ މުވައްޒަފުންކަށް ފްލެޓު ލިބުނު -- މި

ފްލެޓު ލިބުނު މުވައްޒަފުންގެ ތެރޭގައި ވީއައިއޭ އެއާޕޯޓްގެ ގާޑްނާ އަކަށް މަސައްކަތް ކުރާތާ 23 އަހަރުވީ ޝަރަފުއްދީން އިސްމާއީލް ހިމެނެ އެވެ. ޝަރަފުއްދީން ބުނި ގޮތުގައި ދުވަހަކު ވެސް އެފަދަ ފްލެޓެއް އޭނާއަށް ލިބޭނެ ކަމަށް އުންމީދެއް ނުކުރެ އެވެ. އެކަމަކު މި ރީތި ފްލެޓް އޭނާއަށް ލިބުމުން ލިބުނު އުފަލުގެ ކޮޅެއް ނެތެވެ.

"މިހާތަނަށް އަޅުގަނޑު ވަރަށް ދަތީގައި އުޅެމުން މި ގެންދަނީ، ބޮޑު ކުލި ދައްކައިގެން އެހައި ކުޑަ ތަންކޮޅެއްގައި. އެހެންވީމަ މި ލިބިގެން ދިޔައީ ވަރަށް ވެސް ބޮޑު އުފަލެއް، އެމްއޭސީއެލްގެ ހުރިހާ ވެރިންނަށް އަޅުގަނޑު ހިތުގެ އަޑީން ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޝަރަފުއްދީން އޭނާގެ ޝުއޫރުތައް ބަންޑުކޮށްލި އިރު އުފަލުން ރޮވޭވަރުވެފައި ހުއްޓެވެ.

އެމްއޭސީއެލްގެ ފްލެޓު ލިބުނު ޝަރަފުއްދީން: ކުންފުނީގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ޝަރަފުއްދީނު މިހާރު ހުރީ ފަހުރުވެރިވެލައިގެން -- މި

އެމްއޭސީއެލްގެ އޭރޯ ރެސިޑެންސް ވެގެން ދާނީ މިފަދަ އެތައް ދިވެއްސެއްގެ ދިރިއުޅުން ބަދަލު ކޮށްލާނެ ބޮޑު ވެގެންވާ ބަދަލަކަށެވެ. މި ފްލެޓްތައް ހިމެނޭ ފްލެޓް ޓަވަރުތަކުގެ މަޝްރޫއަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކާ ހަވާލު ކޮށްގެން ހިންގި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ބައެކެވެ. ނަމަވެސް މި ފްލެޓްތައް ހައްގުވެރިންނާ ހަވާލު ކޮށްފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާގައި މިވެރިކަމުގަ އެވެ. މި ފްލެޓުތައް މުވައްޒަފުންނަށް ހަވާލު ކުރުމާއެކު ރީތި އެ ފްލެޓްތަކަށް އެންމެ މަދު ވެގެން 700 އަށްވުރެ ގިނަ މީހުން ވަންނާނެ އެވެ. އެމްއޭސީއެލްއަށް ގިނަ ހިދުމަތްތަކެއް ކުރަމުން ގެންދާ މުވައްޒަފުންގެ ވަރަށް ދުވަސްވީ އުންމީދުތައް ހަގީގަތަކަށް ވެގެން ދާނެ އެވެ. އަދި އެ މީހުން ދިރިއުޅޭހައި ހިނދަކު ޝުކުރުވެރި ހިތަކާއެކު އުޅެމުންދާނެ އެވެ.

ކޮމެންޓް

1
450
އާބިދު
1 year ago

ވަރަށް ފުރިހަމަ ލިޔުމެއް ޝކުރިޔާ އަފްރާހު ވަރަށް އުފާވެއްޖެ މި ގޮތަށް މި ވާހަކަ ގެނެސް ދިނީތީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.