ސުކޫލުތަކަށް ފޮނުވި ސާކިއުލާ ގައި ބުނެފައި ވަނީ މިއީ މޫސުން ގޯސް ދުވަސްވަރެއް ކަމުން އަންނަ އާދިއްތަ އިން އަންގާރަށް ކިޔެވުން ކުރިއަށް ގެންދާ ވަގުތު ބޮޑުތަނުން ކުރު ކުރުމަށެވެ.
ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން 3-2 ގަޑިއިރަށް ފައްތައިގެން ކުރިއަށް ގެންދަން ސުކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ އެވެ. އާދިއްތަ ދުވަހު ކިޔެވުން ފެށޭއިރު ރާއްޖޭގެ މޫސުން މި ދުވަސްވަރު ވަރަށް ގޯހެވެ. މުޅި ރާއްޖެއަށް ހެން ބޯކޮށް ދަނީ ވާރޭވެހެމުންނެވެ. އަތޮޅުތަކަށް ޗުއްޓީއަށް ދިޔަ ވަރަށް ގިނަ ދަރިވަރުންނާއި އާއިލާތައް ތިބީ މާލެ އާދެވޭނެ ގޮތެއް ވެސް ނެތިފަ އެވެ.
އެހެން ކަމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ހާލަތަށް ބަލާ ފިޔަވަޅުތަކެއް އަޅާފަ އެވެ. ސުކޫލުތަކަށް ފޮނުވި ސާކިއުލާ ގައި ބުނެފައި ވަނީ މިއީ މޫސުން ގޯސް ދުވަސްވަރެއް ކަމުން އަންނަ އާދިއްތަ އިން އަންގާރަށް ކިޔެވުން ކުރިއަށް ގެންދާ ވަގުތު ބޮޑުތަނުން ކުރު ކުރުމަށެވެ.
އެ ގޮތުން ކޮންމެ ދަންފަޅިއެއްގައި ވެސް ކިޔެވުން 3-2 ގަޑިއިރަށް ފެއްތުމަށް އަންގާފައިވެ އެވެ. ދަރިވަރުންގެ ދުޅަހެޔޮ ކަމަށް ރައްކާތެރިވުމަށާއި އެ ނޫން ބައެއް ކަންކަމަށް ވެސް ސަމާލުކަންދީ ބައެއް ކަންކަން ތަންފީޒު ކުރަން އަންގާފައިވެ އެވެ. އެއް ކަމަކީ ދަރިވަރުންނަށް އިހްތިރާމް ކުރަން ދަސްކޮށްދީ އެކަމަށް އާދަ ކުރުމަށް މަސައްކަތް ކޮށް ދިނުމަށެވެ. އަދި ފުރައްސާރައާ ބުލީ ކުރުން ފަދަ ކަންކަމާ ދެކޮޅު މަސައްކަތް އިތުރުކޮށް ދަރިވަރުންގެ ކިބައިން އެކަންކަން ނައްްތާލުމަށް މަސައްކަތް ކުރުމެވެ.