މޭޔަރު އާޒިމް ވިދާޅުވީ ފަލަސްތީނަކީ ދިވެހިންގެ ހިތާ ގުޅިފައި އޮތް ތަނެއް ކަމަށާ މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައިގެން ނަން ކިއުމަކީ އެދޭ ކަމެއް ކަމަށެވެ.
މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވާ "ފަލަސްތީނު ހިނގުން" ކިޔަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މިކަން ސިޓީ ކައުންސިލަށް ހުށަހެޅީ މޭޔަރު އާދަމް އާޒިމް އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ ފަލަސްތީނަކީ ވަރަށް ބޮޑަށް ދިވެހިންގެ ހިތާ ގުޅިފައިވާ ބައެއް ކަމަށެވެ. އެފަދަ ގައުމަކަށް ދިވެހިންގެ އިހްތިރާމް އަދާކުރުމަށް އެގައުމާ ގުޅުވައި މަގަކަށް ނަން ކިއުމަކީ އެދޭ ގޮތެއް ކަމުގައި އާޒިމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އެބަހުރި ނަން ނުކިޔާ ދެމަގެއް، އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އެތަނުން މަގަކަށް ނުވަތަ އެހެން މަގަކަށް ނަމަވެސް ފަލަސްތީނު ހިނގުން ނަމަވެސް ނަމެއް ކިއުން ކިހިނެއްތޯ ފެނިވަޑައިގަންނަވަނީ " މާލެ ސިޓީ ކައުންސިލަރުން ގެ ހިޔާލަކަށް އެދި މިއަދުގެ ޖަލްސާގައި މޭޔަރު އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެފަދަ ނަމެއް ކިޔަންވާނީ ރަނގަޅު މަގަކަށް ކަމަށެވެ.
މިކަމަށް ތާއީދުކުރައްވައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ސައިފް ފާތިހް (އައިކޮ) އެވެ. ސައިފް ވިދާޅުވީ، އާޒިމް ހުށަހެޅުއްވީ ރަނގަޅު ހުށަހެޅުއްވުމެއް ކަމަަަށެވެ.
"މިވަގުތު ހިތްވަރު ދިނުމުގެ ގޮތުން ވަރަށް މުނާސަބު ރީތި، އަހުލާގީ ގޮތުން ވެސް ރީތި ކަމެއް ކަމުގައި އަޅުގަނޑު ދެކެން މޭޔާ ތި ހުށަހެޅުއްވި ކަންތަކަކީ،" ސައިފް ވިދާޅުވި އެވެ.
އެ ހުށަހެޅުމަށް މާލެ ސިޓީގެ ހުރިހާ ކައުންސިލަރުން ވެސް ތާއީދު ކުރި އެވެ. މޭޔަރު އާޒިމް ވިދާޅުވީ ނަންކިޔާނެ މަގެއް ކަނޑައެޅުމަށް ފަހު އެކަން ހާމަކުރާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ނަމުން މަގަށް ނަންދެވުން ރަސްމިއްޔާތެއްގެ ގޮތުގައި ފާހަގަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައިގެން ނަން ކިއުމަށް ނިންމާފައި ވަނީ އިޒްރޭލުން ފަލަސްލަތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު އެތައް ދުވަހަކަށް ދިގުދެމިގެން ގޮސްފައި ވަނިިކޮށެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދެ މަސްދުވަހު ގާޒާއަށް މެދުނުކެނޑި ބޮންއަޅާތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.