މެކްސިކޯގެ ނިއުވޯ ލިއޯން ސްޓޭޓްގެ ގަވަރުނަރު ވިދާޅުވީ 50 ވަރަކަށް މީހުންނަށް އަނިޔާ ލިބިފައިވާ ކަމަށާއި ވެއްޓުނު ސްޓޭޖުގެ ދަށުގައި ތާށިވެފައި ތިބި ބައެއް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މެކްސިކޯގައި ބުދަ ދުވަހު ބޭއްވި ކެމްޕޭން އެއްވުމެއްގައި ގަދަ ވަޔާއެކު ސްޓޭޖެއް ވެއްޓި ހަ މީހަކު މަރުވެ ރިޔާސީ ކެނޑިޑޭޓަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފިއެވެ.
ކެނޑިޑޭޓް ޖޯޖް އަލްވަރޭޒް މާނޭޒް ވިދާޅުވީ، އުތުރުއިރުމަތީގެ ސިޓީއެއް ކަމަށްވާ ސެން ޕެޑްރޯ ގާޒާ ގާސިއާގައި ބުދަ ދުވަހު ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން ހިނގި މި ހާދިސާގައި އޭނާއަށް ބޮޑު އަނިޔާއެއް ލިބިފައި ނުވެ އެވެ. މެކްސިކޯގެ ނިއުވޯ ލިއޯން ސްޓޭޓްގެ ގަވަރުނަރު ވިދާޅުވީ 50 ވަރަކަށް މީހުނަށް އަނިޔާތައް ލިބިފައިވާ ކަމަށާއި ވެއްޓުނު ސްޓޭޖުގެ ދަށުގައި ތާށިވެފައި ތިބި ބައެއް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސްޓޭޖް ގަދަ ވަޔާއެކު ވެއްޓި މީހުންނަށް އަނިޔާ ވެއެވެ. މެކްސިކޯގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ބުދަ ދުވަހުގެ މެންދުރުން ފެށިގެން އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ވައިގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 70 ކިލޯމީޓަރު (ގަޑިއަކު 43 މޭލު) ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އަލްވަރޭޒް މާނޭޒް ފަހުން ވިދާޅުވީ ވެއްޓުމަށް ފަހު ކެމްޕެއިންގެ ހުރިހާ ހަރަކާތެއް މެދުކަނޑާލަމުން އަންނަ ކަމަށާއި ނަމަވެސް ހާލަތު ބެލުމަށާއި އަނިޔާ ލިބުނު ފަރާތްތައް މޮނިޓާ ކުރުމަށް ސްޓޭޓުގައި މަޑު ކުރައްވާނެ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން އަލްވަރޭޒް މޭނޭޒް ވިދާޅުވީ އިވެންޓްގެ ކުރިން ސިވިލް ޑިފެންސް ޓީމުތަކުން "ސެޓުގެ ސްޓްރަކްޗާ" ބެލި ކަމަށާއި ނަމަވެސް ވައި ގަދަ ކަމުން މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގަން މެދުވެރިވީ ކަމަށެވެ. ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ އެ މައްސަލަ އިގެ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށެވެ.
ގަވަރުނަރު ގާސިއާ ވަނީ ވައިގަދަވެ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު ދީ، އެ ސަރަހައްދުގެ ރައްޔިތުން ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.
ސިޔާސީ ހަމަނުޖެހުންތަކާއި މީހުން މެރުމުގެ އަމަލުތައް އިތުރުވަމުންދާ މެކްސިކޯގައި ޖޫން މަހުގެ ދޭއް ގައި ބާއްވާ އެންމެ ބޮޑު އިންތިޚާބާ ދިމާލަށް މިސްރާބު ވަނީ ޖަހާފައެވެ. މިއަހަރުގެ މިހާތަނަށް 28 ކެނޑިޑޭޓަކަށް ހަމަލާދީ 16 މީހުން މަރާލާފައިވާ ކަމަށް ދިރާސާ ގްރޫޕް ޑޭޓާ ސިވިކާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.