އެމްޕީއެލުން އެ ފަށައިގަތީ | ބަންގާޅު އަންނައުނު ފެކްޓަރީތައް ޔޫރަޕާ ގުޅުވައިދޭން

އެމްޕީއެލް ސީޓް އެއާ ކާގޯ ވިޔަފާރީގެ ސަބަބުން ރާއްޖެއަށް ވަންނަ ޑޮލަރު ވަރަށް ބޮޑަށް އިތުރު ވާނެ އެވެ. އަދި މިވަގުތު މުދާ ޔޫރަޕަށް އުފުލަނީ ޓާކިޝް އެއާލައިންއާ ގުޅިގެންނެވެ.

ބަންގާޅު އަންނައުނު ފެކްޓްރީއެއްގައި މަސައްކަތް ކުރަނީ

"އެޗްއެންޑްއެމް" އާއި "ޒާރާ" އަދި އެފަދަ ގިނަ ބްރޭންޑްތައް ނުކުންނަނީ ބަންގާޅު ފެކްޓަރީތަނުންނެވެ. ސަރުކާރު ކުންފުނި އެމްޕީއެލުން އަލަށް ފެށި ކަނޑު މަގުން އަންނަ މުދާ ފޮށިތައް ވައިގެ މަގުން ބޭރު ކުރުމުގެ "ސީ - ޓް - އެއާ" ވިޔަފާރި އޮތީ ބަންގާޅު ފެކްޓަރީތަކުގެ މި ހުރިހާ އަންނައުނެއް އުފައްދާ، އަދި ދުނިޔޭގެ "ދެވަނައަށް އެންމެ ބޮޑު ފެކްޓްރީ" ކަމަށްވާ ބަންގާޅުން އަންނަ މުދާ ޔޫރަޕަށް ބޭރު ކުރުމެވެ.  

އެމްޕީއެލްގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާ ވިދާޅުވި ގޮތުގައި މިވަގުތު ޓާކިޝް އެއާލައިން މެދުވެރިކޮށް ދެމުން ގެންދާ މި ހިދުމަތުގެ ދަށުން ގިނައިން އުފުލަނީ ބަންގްލަދޭޝްގެ ފެކްޓްރީތަކުން ޔޫރަޕަށް ގެންދާ މުދަލެވެ.
 
ވިޔަފާރިއަށް މިވަގުތު އެންމެ ބޮޑު ޑިމާންޑެއް އޮތީ ބަންގާޅު ފެކްޓްރީތަކުން ޔޫރަޕަށް ބޭރުކުރާ މުދަލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކޮށްދޭ ކަމަކީ ކޮންޓެއިނަރުގައި މުދާ ރާއްޖެ ބަނދަރަށް އައީމަ އެ އެއާޕޯޓަށް އުފުލައި ދިނުން، ދެން އެ ބޭރު ކުރުން. މިވަގުތު ގިނައީ އަންނައުނު،" ޝިމްލާ ވިދާޅުވި އެވެ. 

އެއާލައިންތަކުގެ ޑިމާންޑް ދަނީ އިތުރުވަމުން

ކުރިން ވެސް އެކި ވެރިކަންތަނުގައި މި ވިޔަފާރި ފަށަން އެމްޕީއެލްއާ އެއާލައިންތަކުން ވާހަކަ ދެއްކި އެވެ. އެކަމަކު އެމްޕީއެލްއިން އެކަށީގެންވާ ޝައުގުވެރިކަމެއް އޭރު ނެތުމުން އެކަން ނުވެ ދިޔައީ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެމްޑީ މުހައްމަދު ވަޖީހު މި މަސައްކަތް ފެއްޓެވި އެވެ. މިއީ އެމްޕީއެލްއަށް އިތުރު ބޭރު ފައިސާ ވަންނާނެ ބޮޑު ވިޔަފާރިއަކަށް ކުރިއަށް އޮތްތަނުގައި ވާނެ އެވެ. 

އެމްޕީއެލް އިން ސީ - ޓް - އެއާ ކާގޯ ހިދުމަތުގައި ޝިޕްމެންޓެއް ފުރަތަމަ ފަހަރަށް ބޭރުކޮށްފައި ވަނީ މިދިޔަ ހަފުތާގަ އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި މޯލްޑިވްސް ސްޓޭޓް ޝިޕިން އާއި އެމްއޭސީއެލް އެއާލައިންތަކާ ގުޅިގެން ފެށި ހިދުމަތުގައި ފުރަތަމަ ހިދުމަތް ދިނީ ޓާކިޝް އެއާލައިންއިންނެވެ. ޓާކިޝް އެއާލައިންއިން ސީ - ޓް - އެއާ ހިދުމަތް ހޯދަމުން އައީ ލަންކާ މަގުންނެވެ. ނަމަވެސް މުދާ އުފުލުމަށް އޮތް ޑިމާންޑަށް ބާލާއިރު، ލަންކާއަށް ކޭޓާއެއް ނުކުރެވެ އެވެ.

އެމްޕީއެލް ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް

އެ ކުންފުނީގެ ޗީފް އޮޕަރޭޝަން އޮފިސަރު އިލްޔާސް މުހައްމަދު ވިދާޅުވި ގޮތުގައި މި ފުރުސަތަކީ އެހެން އެއާލައިންތަކަށް ވެސް އޮތް ފުރުސަތެކެވެ. އެކަމަށް ޝައުގުވެރިކަން ވެސް އެބަހުއްޓެވެ.

"ވަރަށް ފަރުވާތެރި ކަމާއެކު ރޭވިގެން ކުރަން ޖެހޭ ކަމެއް މިއީ. އެކަން އަޅުގަނޑުމެން މި ކުރަނީ،" އިލްޔާސް ވިދާޅުވި އެވެ. 

މަލްޓި ބިލިއަން ޑޮލަރުގެ މާކެޓެއް

ބަންގާޅުގައި އެތައް ހާސް ފެކްޓްރީތަކެއް ހުރެ އެވެ. މި ތަންތަނުން އުފައްދާ އަންނައުނުގެ ބޮޑު ބައެއް ދަނީ ޔޫރަޕަށެވެ. އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އިން އަންދާޒާ ކުރާ ގޮތުގައި ޔޫރަޕުގައި ވިއްކާ އަންނައުނު ބްރޭންޑްތަކުގެ 80 ޕަަސެންޓަކީ ބަންގްލަދޭޝް ފެކްޓްރީތަކުގެ އުފެއްދުންތަކެވެ. މިއީ މަލްޓި ބިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރިއެކެވެ. އެހެންކަމުން އެ ގައުމުން ފެކްޓްރީތަކުން ބޭރު ކުރާ އަންނައުނު ޔޫރަޕަށް ގެންދަން ބޮޑު ފުރުސަތެއް އޮވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.