ފުނަދޫގައި ހުރި ތާންގިތައް ބަދަލު ކުރަނީ ކ. މާގިރި ގަޅު ހިއްކައިގެން އެތަނަށެވެ. މި ފަޅު އޮންނަނީ ތިލަފުށި ކައިރީގަ އެވެ.
ރާއްޖޭގެ ތެޔޮ ރައްކާކުރާ މައި ރަށް "ގުއި ފުނަދޫ" ގައި ހުރި ބިޔަ ތެޔޮ ތާނގިތައް ބަދަލު ކުރަން ޗައިނާ ކުންފުންޏަކަށް ހަވާލު ކޮށްފި އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ތެޔޮ ތާންގިތައް ބަދަލު ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ޗައިނާ ކުންފުންޏަކަށް ހަވާލުކޮށްފައިވާ ކަމަށާ އެ މަސައްކަތް 18 މަސްތެރޭ ނިމޭނެ ކަމަށެވެ. މި ތާންގިތައް ބަދަލު ކުރަނީ ކ. މާގިރި ފަޅަށެވެ.
"އެތަން ހިއްކައި ބޮޑު ހިލަ ޖަހައި ޓޭންކްތައް ހަދަން 18 މަސް ދުވަަސް ބޭނުންވޭ،" ސައީދު ވިދާޅުވި އެވެ.
ފުނަދޫގައި މިހާރު ގާތްގަނޑަކަށް 50،000 ޓަނުގެ ޑީސަލާއި 10،000 ޓަނުގެ ޕެޓްރޯލް ރައްކާ ކޮށްފައި ހުރެ އެވެ.
ފުނަދޫ ހުސްކުރުމަށްފަހު ސަރުކާރުން ވަނީ މިތަނުގައި ފައިނޭންޝަލް ހަބެއް ހަދަން ނިންމާފަ އެވެ. މި މަސައްކަތް ކުރިއަށް ގެންދަން ދުބާއީގެ އެންމެ ބޮޑު ފްރީޓްރޭޑް ޒޯން ކުންފުނި ކަމަށްވާ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިން ރާއްޖޭގައި އިންވެސްޓް ކުރަން ނިންމައި ސޮއި ކޮށްފި އެވެ.
އިފްޒާ - އިފްޒާ އުފެދެނީ ޔޫއޭއީގެ ދުބާއީގައި އެންމެ އިތުބާރު ހުރި އަދި އެންމެ އަގު ހެޔޮ އެއް ފްރީ ޒޯންގެ ގޮތުގަ އެވެ. މި ކުންފުންޏަކީ ދުބާއީގައި ފްރީޓްރޭޑް ޒޯންގެ ފެސިލީޓީތައް ގާއިމްކޮށް އެންމެ ފުޅާކޮށް އިންވެސްޓް ކުރަމުން ގެންދާ އެއް ކުންފުންޏެވެ. މިއީ ފްރީޓްރޭޑް ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ދުބާއީގައި އެންމެ ފުރިހަމަ ވަސީލަތް ފޯރުކޮށްދޭ ކުންފުންޏެވެ. މި ކުންފުނި މެދުވެރިކޮށް ދުބާއީގައި ފޮރިން ޑައިރެކްޓް ގިނަ އިންވެސްޓްމަންޓްތަކެއް ކޮންމެ އަހަރަކު ވެސް ކުރަމުން ގެންދެ އެވެ. މި ކުންފުނިން ބޭންކިން އާއި އިންޝުއަރެންސާއި ކޮމާޝަލް ރިއަލް އެސްޓޭޓުގެ ވިޔަފާރީގައިވެސް ހަރަކާތެރިވެ އެވެ. މި ކުންފުނީގެ ވިޔަފާރި ދުބާއީން ބޭރުން ޗައިނާ އާއި ޖަރުމަނާއި ސްވިޒަލެންޑާއި ސްޕެއިން އާއި ސީޝެލްސްގައިވެސް އޮވެ އެވެ.
ރައީސުލް ޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ. މިއި 2014 ވަނަ އަހަރު ފާސްކުރި ގާނޫނެވެ. މިގޮތުން އެންމެ ކުޑަ އެއިން ޒޯނެއްގައި ހިމެނޭ އެންމެ ކުޑަ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ) އެވެ. މި ގާނޫނުގެ ދަށުން ގާނޫނުން ރާއްޖޭގައި ފަށާ ފުރަތަމަ މަޝްރޫއުގެ ގޮތުގައި 150 މެގަވޮޓުގެ ފްލޯޓިން ސޯލާގެ މަޝްރޫއެއް ހިންގަން ކެނެޑާގެ ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފަ އެވެ. މި ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އޮފްޝޯ ފައިނޭންސިން ކުންފުނި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން އޮފްޝޯ ފައިނޭންސިން ރާއްޖޭގައި ފަށަން ބޭނުންވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ - މިފްސާ) ވަނީ އުފައްދާފަ އެވެ.
މާލެ ކައިރީގައި "މާގިރި" ނަން އޮންނަ ދެ ފަޅެއް އޮވެއެވެ. އޭގެ އެއް ފަޅު އޮންނަނީ މަޝްހޫރު ޑައިވްޕޮއިންޓެއް އޮންނަ މާގިރި ބައްތި ޖަހާފައިވާ ކަނޑުއޮތްގިރި ކައިރީގަ އެވެ. އެހެންވީމާ މިއީ މުޅިން ދެ ތަނެކެވެ. ތިލަފުށީ ކައިރީގައި އޮތް މާގިރި ފަޅަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނުވަތަ ތިލަފުއްޓާއި ގާތްގަނޑަކަށް ހަތް ކިލޯމީޓަރުގެ ރާސްތާ އެކެވެ. ގާތްގަނޑަކަށް 1,723,826.42 އަކަފޫޓުގެ އެތަނަކީ ގުއިފުނަދު އަށް ވުރެ މާބޮޑު ތަނެކެވެ. އަދި އެ ސަރަހައްދު ވަށައިގެން ކަނޑު އޮތުމުން އެތަނަކީ ފިއުޗާގައި ތެލުގެ ބޮޑު ބަނދަރަށް ހެދޭން އޮތް ފުރުސަތުވެސް އޮތް ތަނެކެވެ. ފުނަދޫ އާއި މާގިރި ފަޅުގެ ދުރުމިން 7.7 ކިލޯ މީޓަރުގެ ރާސްތާ އެވެ. އެތަން ތަރައްގީ ކުރަން އެންމެ ފުރަތަމަ ޖެހެނީ ފަޅު ހިއްކާށެވެ. އަދި އިންޓަނޭޝަނަލް ބޮޑެތި އާގުބޯޓު ފަހަރަށް ކައިރި ކުރެވޭ ވަރުގެ ބޮޑު ބަނދަރެއް ބަންކަރިން ހިދުމަތާއެކު ހަދަން ޖެހޭނެ އެވެ. އެއަށްފަހު އެންމެ ބުރަ މަސައްކަތަކަށް ވާނީ ފުނަދޫގައި ހުރި 15 ވަރަކަށް ތެޔޮ ތާނގީ ނަގައި މުޅި ތެޔޮ ފެސިލިޓީ ބަދަލު ކުރުމެވެ. ފުނަދޫގައި މިހާރުވެސް އެތައް މިލިއަން މެޓްރިކް ޓަނެއްގެ ޕެޓްރޯލާއި ޑީސަލް އެބަހުއްޓެވެ.