މި ޕްރަގްރާމްގެ ދަށުން މާލީ އެހީތެރިކަން ދިނުމާއި މިނިސްޓްރީގެ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތާއި އެ މިނިސްޓްރީގެ ފަރާތުން ޓެކްނިކަލް އެހީތެރިކަން ވެސް ދޭނެ އެވެ.
ޖަމިއްޔާތަކަށް މާލީ އެހީ ދޭން ނިންމާ އެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ފުރުސަތު ހުޅުވާލީ އިއްޔެ އެވެ.
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ މިއީ ވަރަށް ގިނަ ޖަމިއްޔާތަކުން އުންމީދު ކުރަމުން އައި ކަމެއް ކަމަށެވެ. އިއްޔެ މި ފުރުސަތު ހުޅުވާލީ އެކަމަށް ވަރަށް ރަނގަޅު އުސޫލެއް ހެދުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕްރަގްރާމް ހިންގުމުގެ މައިގަނޑު މަގުސަދަކީ ޖަމިއްޔާތަކަށް އެހީތެރިވުމެވެ. މި ޕްރަގްރާމްގެ ދަށުން މާލީ އެހީތެރިކަން ދިނުމާއި އެ މިނިސްޓްރީގެ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ޖަމިއްޔާތަކަށް ދޭނެ އެވެ. އަދި އެ މިނިސްޓްރީގެ ފަރާތުން ޓެކްނިކަލް އެހީތެރިކަން ވެސް ދޭނެ އެވެ.
އެހީ އަށް އެދި ޖެހޭނީ ޕްރޮޕޯސަލެއް ހުށައަޅާށެވެ. މާލީ އެހީތެރިކަން ދޭނީ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްވެސް ބަޔަކަށް "ހަމަ ހުރެފައި އެހީތެރިކަން ނުދޭނެ" އެވެ. ވަރަށް ރަނގަޅު އުސޫލެއް އެކުލަވާލާފައިވާއިރު އެހީ ވެދޭ ޖަމިއްޔާތަކުގެ މަސައްކަތްތައް ވެސް ބަލާނެ އެވެ.
"ހުށައަޅަން ޖެހެނީ ޕްރޮޕޯސަލް އެއް. ދެން އަޅުގަނޑުމެން މިކޮޅުން އިވެލުއޭޓް ކޮށްފައި -- ދެން ގަބޫލު ކުރައްވާނެ އަޅުގަނޑުމެންގެ އަތުގައި މާބޮޑު ބަޖެޓެއް އޮތީކީއެއް ނޫން. ނަމަވެސް އޮތް ވަރަކުން އަޅުގަނޑުމެން މި ބަލަނީ ހުރިހާ ބޭފުޅުންނަށް ވެސް މި އެހީތެރިކަން ދެވޭތޯ،"
މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ޖުލައި ހަތަރެއްގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ޕްރޮޕޯސަލް ޖެހޭނީ މެއިލް ކުރާށެވެ.