ތާރީހު

އޮލިމްޕަހަށް 65 އަހަރު: ނާސިރު އިސްކަން ދެއްވި ފަހުރެއް

އޮލިމްޕަހުގައި އެންމެ ކުލަގަދަ ގޮތެއްގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އޮތީ، 1960 ގެ އަހަރުތަކާއި 1970 ގެ އަހަރުތަކުގައިކަން ފާހަގަ ކުރެވެއެވެ.

  •  ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތާރީޚުގެ އެންމެ ފަަހުރުވެި ބިނާ

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ މެދުގައިވާ އެންމެ މުހިންމު މަގު، މަޖީދީމަގު ފަޚުރުވެރިވާ ދިވެހިރާއްޖޭގެ އިމާރާތްތަކުގެ "ރަސްގެފާނު" ކަމުގައި ހިމެނުނު ތާރީޚީ ބިނާއަކީ އޮލިމްޕަހެވެ.

މޭ 1959 ގެ، "ސިނަމާ" މަޖައްލާގައި މިހެން ލިޔެފައި ވެއެވެ: "މީގެ ދެ އަހަރު ކުރިއެވެ؛ މަޖީދީ މަގުގައި ހުރީ އާގަރާ ގޯތީގައި ހުރީ ގޯނބިލި ގަހާއި ކުދި ވިނަގަސްތަކެކެވެ. އޭގެ ދެ އަހަރު ފަހެވެ. އެ ބިމުގައިވާ ބިޔަ ބޮޑު އިމާރާތަކީ މުޅި މަޖީދީ މަގު ފަޚުރުވެރިވާ ދިވެހިރާއްޖޭގެ ޢިމާރާތްތަކުގެ "ރަސްގެފާނެވެ". 

މިއިން ދޭހަވަނީ މީގެ 65 އަހަރު ކުރިން ހުޅުވި "އޮލިމްޕަސް" ތިއޭޓަރަކީ މާލޭގައި އަދި މުޅި ރާއްޖޭގައި ވެސް އޭރު ހުރި މިފަދަ އެންމެ ފުރިހަމަ އެއް ބިނާ ކަމެވެ.

އޮލިމްޕަސް ހުޅުވުން

"އޮލިމްޕަސް" ހުޅުވީ މޭ 21، 1959 ދުވަހުގެ ރޭ 8:00 ޖެހިއިރު އެވެ. ރަސްމީ ގޮތުން އެ ބައިސްކޯފުގެ ހުޅުއްވައި ދެއްވީ ދިވެހިރާއްޖޭގެ ރަސްގެފާނު އައްސުލްތޯން މުހައްމަދު ފަރީދުލްއައްވަލް ކީރިތި މަހާރަދުންނެވެ. މި ތާރީހީ އިޙްތިފާލްގައި ދައުލަތުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

އޮލިމްޕަސް މަޝްރޫއު އައި ގޮތް

އޮލިމްޕަސް އިމާރާތް ކުރުމުގެ މަޝްރޫއުގެ ޚިޔާލު ފާޅުކުރެވުނީ ސިނަމާ ކުންފުނިން ހިންގަން ފެށި ފުރަތަމަ ސިނަމާ "ފަރީދީ ސިނަމާ" -- މިހާރު ރިޔާސީ ވެހިކަލް ގަރާޖު ހުރި ބިން -- އެއަށް ވުރެ ފުރިހަމަ ސިނަމާއެއް ދިވެހިރާއްޖޭގައި ހުންނަން ވެއްޖެ ކަމަށް ދެކެވުނު ވާހަކަތަކެއްގެ ތެރެއިންނެވެ. މި މަޝްވަރާތައް ކުރީ 1957 ގައި ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރުގަ އެވެ. އަދި އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އޮލިމްޕަސް މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެ އަހަރު، 1957 ގައި ފެށި އެވެ.

މި މަޝްރޫއުގެ މަސައްކަތުގައި ރޭވިފައި އޮތް ގޮތަކަކީ ރާއްޖޭގައި އެ ދުވަސްވަރު ނެތް ފަދަ ރީތި ފުރިހަމަ ބޮޑު އިމާރާތެއް ކުރާ ގޮތަށެވެ. ދެކުނު އޭޝިޔާގެ ސަރަޙައްދުގައި ހުރި ރަނގަޅު ސިނަމާތަކާއި އެއް ފެންވަރުގެ ފުރިހަމަ ސިނަމާއެއް މާލޭގައި ބިނާ ކުރުމަށެވެ. 

އެހެން ކަމުން މިފަދަ މަސައްކަތެއް ކުރެވޭ ވަރުގެ ގާބިލްކަން ހުރި ބަޔަކާއި މަސައްކަތް ހަވާލުކުރުމަށް ނިންމައި އެ މަސައްކަތް ޙަވާލުކުރީ  ސިލޯނުގެ ކަމާ ބެހޭ ތަޖުރިބާކާރު ކުންފުންޏަކާއެވެ.

ސިލޯނު / ސްރީލަންކާގެ އެޗް.އެސް. އާޓިސަންސް ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އެ ދުވަސްވަރާއި އަޅާ ބަލާއިރު ހައިރާންވާ ފަދަ ބާރު މިނެއްގައި އަދި އެހައި ކުރު މުއްދަތެއްގައި ވަރަށް ފުރިހަމައަށެވެ. 

ޑިސެމްބަރު 11 ، 1957 ގައި ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އިސްތިއުފާ ދެއްވުމުން، ޑިސެމްބަރު 12، 1957 ގައި ބޮޑުވަޒީރުކަން ލިބިވަޑައިގަތީ، ސުމުއްވުލްއަމީރު އިބްރާހީމް ނާސަރު ރަންނަބަނޑޭރި ކިލެގެފާނަށެވެ. އޮލިމްޕަސް މަޝްރޫއުގެ މަސައްކަތް އެހާ ފުރިހަމަ ގޮތެއްގައި ހިންގީ ސީދާ ބޮޑުވަޒީރު އިބްރާހީމް ނާސިރު އެ މަޝްރޫއަށް ދެއްވި ސަމާލުކަމާއި ސިނަމާ ކުންފުނީގެ ވެރިންގެ ހިންގުންތެރި ކަމުގެ ސަބަބުންނެވެ. 

ދެ އަހަރު ދުވަހުގެ ތެރޭގައި އޭރުގެ އެ ބޮޑު މަސައްކަތް ނިންމައި ފުރިހަމަ ކުރި އެވެ. ސިނަމާއަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ވެސް އެކުލެވޭ ގޮތަށެވެ. އެ ދުވަސްވަރުގެ ޙާލަތަށް ބަލާއިރު އެއީ ވަރަށް އުނދަގޫ ކަންކަމެވެ. ދަތުރުފަތުރާއި މުވާސަލާތުގެ ގޮތުން ބެލިޔަސް އަދި އެހެނިހެން ގޮތްގޮތުން ބެލިޔަސް އެ ދުވަސްވަރު ކަންކަން ކުރާ ގޮތްތަކާއި، އެ ދުވަސްވަރު ކަންކަން ކުރެވެން ހުންނާނެ ގޮތްތައް ވަރަށް ތަފާތެވެ. އަވަހަށް ކަންކަން ކުރަން އުނދަގޫވާނެ އެވެ. އެހެން ނަމަވެސް މިފަދަ ކުރު މުއްދަތެއްގައި މި ބޮޑު މަސައްކަތް ފުރިހަމަ ކުރެވުނު ކަމީ، ތާރީހީ ލާމަސީލު މިސާލެކެވެ.

"އޮލިމްޕަސް" މި ނަމަށް ބަލާއިރު، މިއީ ފަންނީ ގޮތުންނާއި ފަލްސަފާގެ ގޮތުން މަޝްހޫރު ޔޫނާނު (ގްރީކް) ގެ ނަމެއް ކަން ފާހަގަ ކުރެވެއެވެ. އޮލިމްޕަހުގައި ފުރަތަމަ ދެއްކި ފިލްމުތަކުގެ ތެރޭގައި ގިނައީ ހިންދީ ފިލްމުތަކެވެ. އަދި އިނގިރޭސި ފިލްމުތައް ވެސް ދައްކަ އެވެ.

ފުރަތަމަކޮޅު 1960 އާއި 1970 އިގެ އަހަރުތަކުގައި ހިންދީ ފިލްމާއި އެނޫންވެސް ފިލްމުތައް ފޯރިއާއެކު އޮލިމްޕަހުގެ ބޮޑު އިސްކްރީނުގައި އަޅުވައި ދެއްކި އެވެ. ވަރަށް ބޮޑު ތަރުހީބެއް ލިބިގެނެވެ. އަދި 1980 އިގެ އަހަރުތަކުގައި ހިންދީ ފިލްމާއި އެނޫން ވެސް ފިލްމުތަކުގެ އިތުރަށް ދިވެހި ފިލްމުތައް ވެސް ދައްކަން ފެށި އެވެ. އެކިއެކި ތަމްސީލް ޝޯތައްވެސް އޮލިމްފަހުގެ ސްޓޭޖުގައި ހުށަހަޅައިދިނެވެ. 1990 އިގެ އަހަރުތަކުގައި ސްކޫލް ކުދިންގެ ލަވަ މުބާރާތް ފޯރިއާއެކު އޮލިމްޕަހުގައި ކުރިއަށްގެންދިޔަ އެވެ.

މާލޭގެ އޮލިމްޕަސް: ރާއްޖޭގައި މުނިފޫހިފިލުވުމުގައި އެންމެ ފަހުރިވެރި އެންމެ ތާރީހީ ބިނާ

އޮލިމްޕަހުގެ ތާރީޚުގައި އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވޭ އެއް ކަމަކީ، "އޮލިމްޕިއަންސް" މިއުޒިކް ބޭންޑެވެ. މިއީ 1970 ގެ އަހަރުތަކުގައި މުޅި ރާއްޖޭގައި ފާހަގަ ކުރެވުނު އެންމެ މުހިންމު އެއް ބޭންޑެވެ. މި ބޭންޑުގެ ލަވަތަކަކީ، ދިވެހީންގެ ހިތްތަކާއި ވިންދާއި ގުޅިފައިވާ ލަވަތަކެކެވެ. އެހެންވެ އޮލިމްޕަހަކީ ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގައި އެއްވަނަ ދަރަޖަ ހާސިލްކޮށްފައިވާ ޝަރަފުވެރި ބިނާއެވެ.

މިހާރުގެ މެދު އުމުރުގެ މީހުންނާއި، މުސްކުޅިން، އެ މީހުންގެ ކުޑައިރާއި ޅަފުރާގެ އަދި ޒުވާން އުމުރު ހިތްހަމަޖެހުމާއި މުނިފޫހިފިލުވުން އެ ތަނަކާއި އެންމެ ބޮޑަށް ގުޅިފައިވާ ފަހުރުވެރި މިހާރު ތާރީޚީ ބިނާއެއް ކަމުގައިވެފައި ވަނީ އޮލިމްޕަސް ފިޔަވައި ދެވަނަ ތަނެއް ނޫނެވެ. ކުރީން 60 އާއި 70 އިގެ އަހަރުތަކުގައި ދެ ޖިންސުގެ ޒުވާނުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދިން އެންމެ މުހިންމު މަރުކަޒަކީ އޮލިމްޕަސް ފިޔަވާ ދެވަނަ ތަނެއް ނޫނެވެ.

އޮލިމްޕަހުގައި އެންމެ ކުލަގަދަ ގޮތެއްގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އޮތީ، 1960 ގެ އަހަރުތަކާއި 1970 ގެ އަހަރުތަކުގައިކަން ފާހަގަ ކުރެވެއެވެ. އަދި 1980 ގެ އަހަރުތަކުގައި ވެސް އެކަށީގެންވާ ގޮތެއްގައި އެ ކަން ކުރިއަށް ދިޔައެވެ. ފަހުން 1990 ގެ އަހަރުތަކުގައި ވެސް 2000 ގެ އަހަރުތަކުގައި ވެސް އެންމެ ފުރިހަމަ ގޮތެއްގައި ނޫން ނަމަވެސް އެ ކަންކަން ހިނގަމުން ދިޔަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.