ގިނަ ފަހަރު މިހެން މެދުވެރި ވަނީ ވިސްނުމުގެ ސަބަބުންނެވެ. އަބަދުވެސް ސިކުނޑީގައި ނެގެޓިވް ވިސްނުން ހުންނަ ކަމަށް ވާނަމަ ތިމާއަށް ދިމާވާނީ ވެސް ހިތް ނޭދޭ މާޔޫސް ކުރުވާ ކަންކަމެވެ.
ބައެއް ދުވަސް ދުވަހު ހޭލާ އިރު ވެސް ހިތްހަމަ ނުޖެހި ފޫހިވެފައި ހުންނަ ދުވަސް އާދެ އެވެ. ގިނަ ފަހަރު މިފަދަ އިހުސާސްތައް ކުރެވެނީ ދިރިއުޅުމުގައި ދިމާވާ ކަމަކުން މީހާ މާޔޫސްވެ ނުތަނަވަސް ވުމުގެ ސަބަބުންނެވެ.
މިހެން ދިމާވަނީ ޑޮމިނޯ މައިންޑްސެޓްގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ. ޑޮމިނޯ މައިންޑްސެޓް ނުވަތަ ޑޮމިނޯ ވިސްނުމަކީ ދިމާވާ ކުދިކުދި ކަންކަމުގެ ސަބަބުން މުޅި މީހާގެ ދުޅަހެޔޮ ކަމާއި އުފެއްދުންތެރި ކަމަށް ކުރާ ނޭދެވޭ އަސަރުތަކަށް ދީފައިވާ ލަފުޒެކެވެ. މިފަދަ ކުދިކުދި ކަންކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ބޭކާރު ނެގެޓިވް / އިދިކީލި ވިސްނުން ތަކުން މީހާގެ ސިކުނޑި ބަރުވެ މުޅި ދުވަސް ހަރާބު ވެދާނެ އެވެ.
ކްލިނިކަލް ސައިކޮލޮޖިސްޓް އަދި ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ޑރ. ޖޫލީ ސްމިތު އޭނާގެ އިންސްޓަގްރާމް ރީލްގައި މިކަން ވަރަށް ފުޅާ ދާއިރާއެއްގައި ކިޔައި ދެއްވަ އެވެ. އެފަދަ ހިޔާލުތައް އެ އަންނަނީ ޑޮމިނޯ ވިސްނުމުގެ ސަބަބުންނެވެ. ޖޫލީ ސްމިތު އޭނާގެ ޕޯސްޓެއްގެ ކެޕްޝަންގައި ބުނެދެއްވައެވެ:
"ކުއްލިއަކަށް މިހެން ދިމާވާ ކަމެއްގެ ސަބަބުން ތިބާގެ މާޒީ އަދި މުސްތަގުބަލު ވެސް އޮތީ މިކަންކަމާއި ގުޅިފައި ކަމަށް ހީކުރެވިދާނެ އެވެ. އަހަންނަށް ހުރިހާ ކަމެއްވެސް ދިމާވަނީ ދެރަކޮށެވެ. އަބަދު ވެސް އަހަރެން ވާނީ ނާކާމިޔާބު މީހަކަށެވެ. އަހަރެން އަބަދު މި ހާސް ވަނީ ކީއްވެ ހެއްޔެވެ؟"
ދިމާވާ އެންމެ ކަމަކުން ވެސް މާޔޫސްވެ ފިކުރު ބޮޑުވެ މީހާގެ މަސައްކަތުގެ ފެންވަރު ދަށް ވެއެވެ. ސެލެބްރިޓީ ސައިކޮލޮޖިސްޓް ރާޝީ ގުރްނާނީ ވިދާޅުވާ ގޮތުގައި ޑޮމިނޯ ވިސްނުމުގެ ސަބަބުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި މެދު ވިސްނުމުން އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރު ކޮށްފާނެ އެވެ. ނަފްސާނީ ނަޒަރަކުން ބަލާނަމަ، ގިނަ ފަހަރު މިފަދަ ކަންކަން މެދުވެރި ވަނީ ތިމާގެ ވިސްނުމުގެ ސަބަބުންނެވެ. އަބަދުވެސް މީހާގެ ސިކުނޑީގައި ނެގެޓިވް ވިސްނުން ހުންނަ ކަމަށް ވާނަމަ ތިމާއަށް ދިމާވާނީ ވެސް ހިތް ނޭދޭ މާޔޫސް ކުރުވާ އަދި ވުމަށް ނޭދޭ ކަންކަމެވެ.
މި ވިސްނުން ގެންގުޅޭ މީހުން، ގަބޫލު ކުރާ ގޮތުގައި ކަމެއްގައި ނާކާމިޔާބު ވެއްޖެނަމަ ދެން ހުރިހާ ކަމެއްވެސް ނާކާމިޔާބު ވާނެ އެވެ.
އިންޑިއާގެ ކައުންސިލިން ސައިކޮލޮޖިސްޓް އަދި މެންޓަލް ހެލްތު އެޑްވޮކޭޓް ސޮހިނީ ރޯހްރާ ވިދާޅުވާ ގޮތުގައި ޑޮމިނޯ ވިސްނުމަށް ހައްލެއް ހޯދަން ސައިކޮލޮޖިސްޓަކަށް ދެވިދާނެ ފަރުވާ ހުރި ނަމަވެސް ނަފްސާނީ އުނދަގޫތަކުން ސަލާމަތް ވުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަން ހުރެ އެވެ. އެގޮތުން އެންމެ މުހިއްމު އެއް ކަމަކީ ދިރިއުޅުމުގެ ހުރިހާ ކަމަކާ މެދުވެސް އަދި އެހެން ކަންކަމުގައި ވެސް ފަހިކޮށް ވިސްނުމެވެ. ގޯސް ވިސްނުންތަކުން ދުރުވުމަށް އަމިއްލަ ދިރިއުޅުމުގައި ހުރި ނިއުމަތްތަކަށް ވިސްނާ ޝުކުރުވެރިވެ، ކޮންމެ ކެމެއްގައި ވެސް އުންމީދާއި ޔަގީންކަން ބޭއްވުމެވެ.