އަފްޣާނުގައި ފެން ބޮޑުވުމުގެ ސަބަބުން 1500 އަށް ވުރެ ގިނަ ގެއަށް ގެއްލުންވެ، 400 ހެކްޓަރުގެ ސަރަހައްދެއްގެ ދަނޑުބިންތައް ހަލާކުވެ ޖަނަވާރުތައް ވަނީ މަރުވެފަ އެވެ.
އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ ފަރިޔާބް ޕްރޮވިންސްގައި ފެން ބޮޑުވުމުގެ ސަބަބުން 66 މީހުން މަރުވެފައިވާ ކަމަށް އެ ޕްރޮވިންސްގެ އޮފިޝަލުން ވިދާޅު ވެއްޖެ އެވެ.
ފަރިޔާބް ޕްރޮވިންސްގެ ގިނަ ޑިސްޓްރިކްޓްތަކެއްގައި މިދިއަ ހޮނިހިރު ދުވަހުގެ ރޭ ފެން ބޮޑުވުމުގެ ސަބަބުން އިންސާނީ އަދި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފަރިޔާބުގެ ގަވަރުނަރުގެ ތަރުޖަމާނު އަސްމަތުالله މޮރާޑީ އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
ފެން ބޮޑުވުމުގެ ސަބަބުން 66 މީހުން މަރުވެ ފަސް މީހަކު ޒަހަމްވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން 1،500 އަށް ވުރެ ގިނަ ގެއަށް ގެއްލުންވެ، 400 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ދަނޑުބިން ތައް ހަލާކުވެ، އެތައް ސަތޭކަ ޖަނަވާރެއް މަރުވެފައި ވެއެވެ.
ހުކުރު ދުވަހު ވެސް އެ ޕްރޮވިންސްގައި ފެން ބޮޑުވުމުގެ ސަބަބުން އިތުރު 18 މީހަކު މަރުވި އެވެ.
ފަރިޔާބަށް އެންމެ ފަހުން ކުރިމަތިވި ކާރިސާއަކީ އެ ޕްރޮވިންސްގެ ދެކުނުން ޣޯރްގައި ފެންބޮޑުވުމުގެ ސަބަބުން 50 މީހުން މަރުވުމެވެ. ކާބުލްގެ "ޓޯލޯނިއުސް" އިން ބުނި ގޮތުގައި ފެން ބޮޑުވުމުގެ ސަބަބުން ޣޯރުގެ ފީރޯޒްކޯހް ސިޓީގެ 80 ޕަސެންޓް ވަނީ ހަލާކުވެފަ އެވެ.
އަފްޣާނިސްތާނަކީ ގުދުރަތީ ކާރިސާތައް ވަރަށް ގިނައިން ކުރިމަތިވާ ގައުމަކަށް ވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން ހިމެނޭ ކަމަށް އދ. އިން ކަނޑައަޅާފައި ވެއެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން އުތުރު ބަގްލާން ޕްރޮވިންސްގައި ފެންބޮޑުވެ 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމާއި ތާލިބާނުންގެ އޮފިޝަލުން ވެސް ވިދާޅުވެފައި ވެއެވެ.