ރާއްޖޭގެ ޖުމްލަ ދަރަނި އިތުރު، ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި ދަށަށް

މިހާރަށް ބަލާއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގަ އެވެ. އަދި އޭގެ ތެރެއިން ބޭރުގެ ދަރަނި ހުރީ 51.6 ބިލިއަން ރުފިޔާގަ އެވެ.

ރާއްޖޭގައި މިހާރު ލޯނު ނަގައިގެން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖް

ވާރުތަވަމުން ދާ ދަރަންޏާއެކު، ރާއްޖޭގެ ޖުމްލަ ދަރަނި މިދިޔަ ކްއާޓަރުގެ ނިޔަލަށް 126 ބިލިއަން ރުފިޔާ ފަހަނައަޅައި ދިޔަ ނަމަވެސް ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި ދަށްވެފައިވާ ކަމަށް ދައްކައިފި އެވެ. 

ފިނޭންސުގެ ދަރަނި ގްރާފް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު ރާއްޖޭގެ ދަރަނި ވަނީ 126,1 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ ދަރަނި ހުރި އަދަދަށް ވުރެ 15 ބިލިއަން ރުފިޔާ އިތުރު ވުމެކެވެ.

ތިން މަހުގެ ގްރާފުން ދަރަނި

  •  ޖުމްލަ ދަރަނި - 126,1 ބިލިއަން (ޖީޑީޕީ ޕަސެންޓުން 110.1)
  •  ބޭރުގެ ދަރަނި - 51.6 ބިލިއަން (ޖީޑީޕީ ޕަސެންޓުން 45)
  •  އެތެރޭގެ ދަރަނި - 74.5 ބިލިއަން (ޖީޑީޕީ ޕަސެންޓުން 65)

މި މުއްދަތާ ހަމައަށް ބަލާނަމަ ރާއްޖޭގައި ސޮވްރިން ގެރެންޓީ ދީފައިވާ ދަރަނީގެ ގޮތުގައި ހުރީ 14 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ހިމެނެނީ ބޭރުގެ ދަރަނީގެ ގޮތުގައި ހުރި 13 ބިލިއަން ރުފިޔާ އާއި އެތެރޭގެ ދަރަންޏަށް އޮތް 451.1 މިލިއަން ރުފިޔާ އެވެ. 

ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން ދަށަށް

މިހާރު ދަރަނި މަތިވެފައި ހުރި މިންވަރުން ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 110 ޕަސެންޓުގަ އެވެ. މިހާރު ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި ހުރި މިންވަރަކީ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ހުރި 116.5 ޕަސެންޓާ އަޅާ ކިޔާ ނަމަ މިންގަނޑުން ދަށް އަދަދެކެވެ. އަދި ބޭރުގެ ދަރަނި މިހާރު ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 45 ޕަސެންޓުގަ އެވެ. 

މި އަދަދަކީ މިދިޔަ އަަހަރު ހުރި 48 ޕަސެންޓާ އަޅާބަލާނަމަ ދަށް ވުމެކެވެ. އަދި އެތެރޭގެ ދަރަނި ވެސް ވަނީ 68 ޕަސެންޓުން 65 ޕަސެންޓަށް ދަށްވެފަ އެވެ. 

މި ބަދަލު އައީ ކީއްވެ؟ - މި ބަދަލު އައި ސަބަބަކީ ރާއްޖޭގެ އިގްތިސޯދު ބޮޑުވެލައި ފުޅާވަމުން ދިއުމެވެ. ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 114 ބިލިއަން ރުފިޔާ އަށް އިތުރު ވުމެވެ. ޖީޑީޕީއަށް އައި މި ކުރިއެރުމަކީ މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރުގައި ހުރި 107 ބިލިއަން ރުފިޔާއާ އަޅާކިޔާނަމަ ހަތް ބިލިއަން ރުފިޔާގެ އިތުރު ވުމެކެވެ.

ޖީޑީޕީ އިތުރުވާ މިންވަރަކީ ގައުމެއްގެ އިގްތިސޯދީ ކުރިއެރުން ދެނެގަންނަން އެންމެ އާއްމު ގޮތެއްގައި ބޭނުން ކުރާ އެއް އިންޑިކޭޓަރެވެ. ނުވަތަ މިންގަނޑެވެ. ޖީޑީޕީ ދެ ގޮތަކަށް ދައްކަ އެވެ. 

އެއް ގޮތަކީ "ނޮމިނަލް ޖީޑީޕީ" ނުވަތަ ޖީޑީޕީ އެ އަހަރެއްގެ އަގުން ދެއްކުމެވެ. ދެވަނަ ގޮތަކީ "ރިއަލް ޖީޑީޕީ" ނުވަތަ ޖީޑީޕީ ދާއިމީ އަގުން ދެއްކުމެވެ. ރާއްޖޭގައި ރިއަލް ޖީޑީޕީ މިހާރު އަންދާޒާ ކުރަނީ 2014 ވަނަ އަހަރުގެ ދާއިމީ އަގަށް ބަލައިގެނެވެ. 

ރިއަލް ޖީޑީޕީ އެކުލަވައި ލެވެނީ މުދަލާއި ހިދުމަތުގެ އަގު ތަކަށް އަންނަ ބަދަލުތައް ނުހިމަނަ އެވެ. އެހެންވެ ގައުމެއްގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު ދެނެގަނެވޭނީ ރިއަލް ޖީޑީޕީންނެވެ. ނޮމިނަލް ޖީޑީޕީ އާއި ރިއަލް ޖީޑީޕީގެ ފަރަގަކީ މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލުގެ ސަބަބުން އުފެއްދުންތެރި ކަމަށް އަންނަ ބަދަލު ތަކެވެ.

ދަރަންޏަށް ބިލިއަނެއްހާ ރުފިޔާ ދެއްކި

މި މުއްދަތާ ހަމަައަށް ސަރުކާރުން ބޭރުގެ ދަރަންޏަށް 995.2 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި ދެއްކި 686.3 މިލިއަން ރުފިޔާ އާއި އިންޓަރެސްޓަށް ދެއްކި 308.9 މިލިއަން ރުފިޔާ އެވެ. 

މިއީ މި ފާއިތުވެދިޔަ ހަތް ވަރަކަށް އަަހަރުތެރޭ ދަރަނި ދައްކަން އެންމެ ބޮޑު އަދަދެއް ހޭދަކުރި ފަހަރެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ދަރަންޏަށް 1.5 ބިލިއަން ރުފިޔާ ވަނީ ދަށްކާފަ އެވެ. އަދި އެތެރޭގެ ދަރަންޏަށް 1,136.7 ބިލިއަން ރުފިޔާ ދައްކަފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި ދެއްކި 505.9 މިލިއަން ރުފިޔާ އާއި ދަރަންޏަށް ދެއްކި 630.8 މިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.