އަޅުގަނޑަށް އެއްޗެހި ކިޔަން ބަޔަކު ނެރެން ޔާމީން ލަދުގަންނަން ޖެހޭނެ: ފައިސަލް

"މިއަދު ޔާމީން އިސްވެ ހުންނަވާ ޖަމީލްއާ މަލީހް ކުރިއަށް ނެރެ އަޅުގަނޑާ ދިމާއަށް އެއްޗެހި ކިޔަން ލަދުގަންނަން ޖެހޭނެ. ލާމު ރައްޔިތުން ރައީސް ޔާމީނަށް ސިޔާސީ ހަޔާތެއް ހޯދާ ދިނީ،"

މިނިސްޓަރު އިބްރާހިމް ފައިސަލް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
  •  ފައިސަލް ވިދާޅުވީ ޔާމީނަށް ސިޔާސީ ހަޔާތެއް ދިނީ ލާމުން ކަމަށް

ސިޔާސީ ފުރައްސާރަކޮށް ދިމާކުރުމަށް ބަޔަކު ނެރެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ލަދުގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ސަންގު ޓީވީ ގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީންގެ ކުރީގެ ސިޔާސީ އެކުވެރިޔާ އަބްދުލްރަހީމް އަބްދުﷲގެ ދަރިކަލުން، މިނިސްޓަރު ފައިސަލް ރައީސް ޔާމީނަށް ފާޅުގައި މިގޮތަށް ފާޑު ވިދާޅުވި މިއީ ފުރަަތަމަ ފަަހަރެވެ.

މިނިސްޓަރު ވިދާޅުވީ 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ރައީސް ޔާމީނަކީ އާންމުންގެ މެދުގައި މަގުބޫލު ބޭފުޅެއް ނޫން ކަަމަށެވެ. ސަޕޯޓަރުންކޮޅަކާ އެކު އެމަނިކުފާނަށް ޖަލްސާއެއް ކޮށްލެއްވޭނީ ވެސް ރާއްޖެއިން ދެތީން ރަށެއްގައި ކަމަށް ވިދާޅުވި އެވެ.

ހާއްސަކޮށް ލާމު ފޮނަދޫ ފާހަގަ ކުރެއްވި އެވެ. ފައިސަލް ނިސްބަތްވެވަޑައިގަންނަވާ ފޮނަދޫ އިން އެ ފުރުސަތު ޔާމީނަށް ހޯއްދަވައިދެއްވީ އެ ބޭފުޅުންގެ ބުރަ މަސައްކަތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށްވުރެ ބޮޑަށް ރައީސް ޔާާމީން އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށް ކަމަށެވެ.

"ރައީސް ޔާމީނަކީ މިރާއްޖޭގައި ރައްޔިތުންގެ ތެރޭގައި އެ ބުނާ މަގުބޫލު މީހެއް ނޫން ފުރަތަމަ ވެރިކަމަށް ވަޑައިގަތުމުގެ ކުރިއަކު. ރައީސް ޔާމީނަށް އޭރުގައި އޯޑިއެންސްއަކާ އެކު ޖަލްސާއެއް ބޭއްވޭނީ ލ. ފޮނަދޫ އާއި ތ އަތޮޅު ގުރައިދޫ އާއި މ. ދިއްގަރު ގައި. އެކަން އަޅުގަނޑުމެން ރައީސް ޔާމީނަށް ކޮށް ދިނީ،"

ލާމު އަތޮޅަކީ އޭރު ކުރީގެ ރައީސް މައުމޫނަށް ވަރަށް ތާއީދު ބޮޑު އަތޮޅެއް ކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ ޔާމީންގެ ޕީއޭ އުފައްދަން އެންމެ ގިނަ ފޯމް ފޮނުވީ ލާމުން ކަމަށެވެ. އެއީ ކުޑަ ލޯންޗެއް ގައި އުމުރުން 16/17 އަހަރު ގައި ކުރެއްވި ބުރަ މަސައްކަތުން ހޯއްދެވި ފޯމް ކަަމަށް ވެސް ވިދާޅުވި އެވެ.

"ޕީއޭ އުފައްދަން 800 ފޯމް ފޮނުވީ އަޅުގަނޑުމެން،"

ފައިސަލް ވިދާޅުވީ ޔާމީނަށް ސިޔާސީ މައިދާނުން ޖާގައެއް ހޯއްދަވައި ދެއްވީ ލާމުގެ ރައްޔިތުން ކަމަށެވެ. ހާއްސަކޮށް 2009 ވަނަ އަހަރު އޮތް މަޖިލީސް އިންތިހާބަށް ޕީއޭ/ޑީއާރުޕީ ހެދި ކޯލިޝަނަށް ލާމުގެ ހަތަރު ގޮނޑި ލިބުމަކީ ޔާމީނަށް ލިބިވަޑަައިގެން ފުރަތަމަ ސިޔާސީ ޕްލެޓްފޯމް ކަމަށް ވިދާޅުވި އެވެ. އެ ފުުރުސަތު ތަނަވަސް ކޮށްދެއްވީ އެ ބޭފުޅުންގެ މަސައްކަތުން ކަމަށް ތަކުރާރު ކުރައްވާ ވިދާޅުވި އެވެ.

"މިއަދު ރައީސް ޔާމީން އިސްވެ ހުންނަވާ ޑރ. ޖަމީލްއާ މަލީހް ކުރިއަށް ނެރެ އަޅުގަނޑާ ދިމާއަށް އެއްޗެހި ކިޔަން ލަދުގަންނަން ޖެހޭނެ. ލާމު އަތޮޅު ރައްޔިތުން ރައީސް ޔާމީނަށް ސިޔާސީ ހަޔާތެއް ހޯދާ ދިނީ،" ފައިސަލް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.