"ރާފިއަތު ލަވަކިޔުން ހުއްޓާލުމަކީ މި ދުނިޔޭގައި އަޅުގަނޑު އެންމެ ދެކެން ބޭނުންވާ އެއް ދުވަސް. ﷲ، އަޅުގަނޑަށް އެ ދުވަސް ދައްކަވާށި. އާމީން،" އަލީ ކުރި ކޮމެންޓް ގައި ވެ އެވެ.
މަޝްހޫރު ލަވަ ކިޔުންތެރިޔާ ރާފިއަތު ރަމީޒު، ލަވަކިޔުން ހުއްޓާލާ ދުވަހަކީ މި ދުނިޔޭގައި އޭނާ އެންމެ ދެކެން ބޭނުންވާ އެއް ދުވަސް ކަމަށް ރާފިއަތުގެ ބޭބެ، އަލީ ރަމީޒު ބުނެފި އެވެ.
އަލީ ރަމީޒަކީ ދިވެހި ތާރީހު ދުށް އެންމެ މޮޅު އެއް ލަވަކިޔުންތެރިޔާ އެވެ. ގިނަ ބައެއްގެ ނަޒަރު ގައި އަލީ ރަމީޒު ފަދަ މޮޅު ލަވަކިޔުންތެރިއަކު ރާއްޖެ ނުދެކެ އެވެ. ލަވައިގެ ދުނިޔޭގައި ވަރުގަދަ ރަސް ކަމެއް ކުރުމަށް ފަހު މިއުޒިކީ ހަޔާތަށް އޭނާ އަލްވަދާއު ކީ މީގެ ވިއްސަކަށް އަހަރު ކުރީންނެވެ.
އޭރު އޭނާ އަކީ ދިވެހީންގެ މެދުގައި އެންމެ މަގުބޫލު / އެއް ނަންބަރު ލަވަ ކިޔުންތެރިޔާ އެވެ. މިއުޒިކީ ހަޔާތާ ދުރުވުމުގެ ސިއްރަކީ އެއީ ދީނީ ގޮތުން ހުއްދަ ކަމަކަށް ނުވުން ކަމަށް އަލީ ރަމީޒު ބުނެ އެވެ. އަދި މިއުޒިކީ ހަޔާތަށް އަލްވަދާއު ކިޔާ މިދިޔަ ވިއްސަކަށް އަހަރު އަލީ ހޭދަ ކުރީ ދީނީ މަސައްކަތު ގައި ދީނަށް ހިދުމަތް ކުރުމުގަ އެވެ. އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ފެތުރުމާއި ދައުވަތުގެ މަސައްކަތު ގައެވެ.
އަދި އާންމުން މިއުޒިކާއި ލަވައާ ދުރުކުރުމަށް ނަސޭހަތްތެރިވުމު ގައެވެ. އަލީ ރަމީޒުގެ ހަޔާތުގެ ވާހަކަތައް ހިއްސާ ކުރުމަށް "އަލީ ރަމީޒާ އެކު" ނަމުގައި ސިލްސިލާ ޕްރަގްރާމްތަކެއް ވެސް ހިންގަ އެވެ. ރާއްޖޭގައި މިއުޒިކީ ހަރަކާތްތައް ހުއްޓުވަން ވަކާލާތު ކުރެ އެވެ.
މިއުޒިކާ ގުޅޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ޝަމީމް ދެއްވާފައިވާ ދަރުސްއަކުން ނަގާފައިވާ ވީޑިއޯއެއް އަލީގެ ފޭސްބުކު ގައި ހިމެނުމުން މީހަކު ވަނީ އަލީ ރަމީޒު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އޭނާގެ ކޮއްކޮ ރާފިއަތު ރަމީޒާ ލަވަ ކިޔުން ހުއްޓުވުން ކަމުގައި ބުނެފައެވެ. އަދި "އޭނާ ލަވަކިޔުން އޯކޭތޯ" ސުވާލު ކޮށްފައިވެ އެވެ.
ދިވެހީންގެ އެންމެ ގިނަ ބަަޔަކު ފޮލޯކުރާ އަލީ ރަމީޒުގެ ފޭސްބުކު ގައި އާންމުން ވަރަށް ގިނަ ކޮމެންޓް ކުރެ އެވެ. ނަމަވެސް ވަރަށް މަދު ކޮމެންޓަކަށް ނޫނީ އަލީ ޖަވާބެއް ނުދެ އެވެ. އެމީހާގެ ކޮމެންޓަށް ޖަވާބު ދެމުން އަލީ ބުނީ އޭނާގެ ހަޔާތުގައި އެންމެ ދެކެން ބޭނުން އެއް ދުވަހަކީ ކޮއްކޮ ރާފިއަތު ލަވަ ކިޔުން ހުއްޓާލުން ކަމަށެވެ.
"ރާފިއަތު ލަވަކިޔުން ހުއްޓާލުމަކީ މި ދުނިޔޭގައި އަޅުގަނޑު އެންމެ ދެކެން ބޭނުންވާ އެއް ދުވަސް. ﷲ، އަޅުގަނޑަށް އެ ދުވަސް ދައްކަވާށި. އާމީން،" އަލީ ކުރި ކޮމެންޓް ގައި ވެ އެވެ.
އަލީ ރަމީޒަށް ފަހު އޭނާގެ ކޮއްކޮ، އިބްރާހިމް ރަމީޒު ވެސް ވަނީ ލަވަ ކިޔުން ހުއްޓާލާ ފަ އެވެ. އަލީ އާއި އިބްރާހިމް އިސްކޮށް ތިބެ ހިންގި "ފްރީޒް ބޭންޑް" އަކީ އޭރު އެންމެ މަޝްހޫރު ބޭންޑެވެ. އެ ބޭންޑުގެ މަގުބޫލު ކަން ވަރަށް ބޮޑުވެފައި އޮއްވާ ބޭންޑްގެ ގިނަ ފަންނާނުން އެކު އެކީ މިއުޒިކާ ދުރުވި އެވެ. އިސްކޮށް ހުރީ އަލީ އެވެ.
އަދި އެ ދުވަސްވަރު މަޝްހޫރު ގިނަ ލަވަކިޔުންތެރީން ލަވަ ކިޔުން ހުއްޓާލި އެވެ. އަބްދުލް ބާރީއާ އަބްދުﷲ ވަހީދާއި މޫސާ ޝިފާއު ފަދަ ލަވަކިޔުންތެރީން ވަނީ ލަވައާ ދުރުވެފަ އެވެ.
ރާފިއަތަކީ ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އެއް އަންހެން ލަވަކިޔުންތެރިޔާ އެވެ. އޭނާ އަކީ މިވަގުތު އިންޑަސްޓްރީ ގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް ފަންނާނު ވެސް މެ އެވެ. އަދި ވެސް މަދު މަދުން ލަވަ ކިޔަ އެވެ.
ރާފިއަތުގެ ފިރިމީހާ އިބްރާހިމް އާމިރަކީ ވެސް މަޝްހޫރު ލަވަކިއުންތެރިއެކެވެ.