ފާހަގަ ކޮށްލެވޭ ގޮތުގައި ކޮވިޑްގެ މައިގަނޑު ވޭރިއަންޓްތަކަކީ އަދިވެސް ޖޭއެން.1 އާއި އޭގެ ސަބް-ލީންޖްތަކެވެ. ސިންގަޕޫރުގައި މިވަގުތު ޕޮޒިޓިވްވާ މީހުންގެ ތިންބައިކުޅަ ދެބައި ވަނީ ކޭޕީ.1 އަދި ކޭޕީ.2 އެވެ.
ފާއިތުވި ދުވަސްތަކުގައި ކޮވިޑް-19 އިގެ ކޭސްތައް ކުއްލިއަކަށް އިތުރުވުމާ ގުޅިގެން ސިންގަޕޫރުގެ ސިއްހަތާބެހޭ ވުޒާރާއިން އަނެއްކާވެސް އެ ގައުމުގައި މާސްކް އެޅުމަށް އިލްތިމާސް ކޮށްފި އެވެ.
ސިންގަޕޫރުގައި މެއި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް 25،900 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހޮނިހިރު ދުވަހު އެ ގައުމުގެ ހެލްތު މިނިސްޓަރު އޮންގް ޔޭ ކުންގް ވިދާޅުވީ މިވަގުތު ދަނީ ކޮވިޑް ކޭސްތަކުގެ އަދަދު އިތުރު ވަމުން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ދެތިން ހަތަރު ހަފުތާގެ ތެރޭގައި މިކަން ގޯސް ވާނެ ކަމަށް ބަލާ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭނޭ،" އޭނާ ވިދާޅުވި އެވެ.
މެއި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 25،900 އަށް އަރާފައިވާއިރު، އޭގެ ކުރީ ހަފުތާގައި 13،700 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ކޭސްތައް އިތުރުވަމުން ދާއިރު، ކޮވިޑުގެ ސަބަބުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވަނީ 250 އަށް އަރާފަ އެވެ. ނަމަވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ތިން ކޭހަށް ދަށްވެފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.
މީގެ އިތުރުން ހެލްތު މިނިސްޓަރު ވަނީ މިދިޔަ އަހަރުތެރޭގައި ވެކްސިން ނުޖަހާނަމަ ވެކްސިން ޖެހުމަށް ވެސް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި ކޮވިޑްގެ މައިގަނޑު ވޭރިއަންޓްތަކަކީ އަދިވެސް ޖޭއެން.1 އާއި އޭގެ ސަބް-ލީންޖްތަކެވެ. ސިންގަޕޫރުގައި މިވަގުތު ޕޮޒިޓިވްވާ މީހުންގެ ތިންބައިކުޅަ ދެބައި ވަނީ ކޭޕީ.1 އަދި ކޭޕީ.2 އެވެ.