ޓިކްޓޮކުން ބުނަނީ އެމެރިކާގެ ރައީސް ސޮއި ކުރެއްވި ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށެވެ. ޗައިނާގެ ކުންފުންޏެއްގެ ދަށުން ހިންގާ ޓިކްޓޮކާމެދު އެމެރިކާ ސަރުކާރުން ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ.
ކެނެޑާގެ ސެކިއުރިޓީ އިންޓެލިޖެންސް ސާވިސްގެ ވެރިޔާ ވަނީ ޓިކްޓޮކް ބޭނުން ނުކުރުމަށް އެ ގައުމުގެ ރައްޔިތުންނަށް އިންޒާރު ދެއްވައި، އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަތުން ލިބޭ ޑޭޓާއަކީ "ޗައިނާ ސަރުކާރަށް ލިބެން ހުރި ޑޭޓާތަކެއް" ކަމަށް ވިދާޅުވެފަ އެވެ.
މި ތުހުމަތުތަކަށް ޖަވާބު ދެމުން ޓިކްޓޮކްގެ ތަރުޖަމާނު ބުނީ އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ހަގީގަތަކީ ޓިކްޓޮކުން ކެނެޑާގެ ޔޫޒަރުންގެ ޑޭޓާ ޗައިނާ ސަރުކާރާ ހިއްސާ ކޮށްފައި ނުވޭ އަދި ޗައިނާ އިން އެދުނަސް އެކަން ނުކުރާނެ" ތަރުޖަމާނު ވިދާޅުވި އެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކެނެޑާއިން ވަނީ ޝޯޓް ފޯމް ވީޑިއޯ ހޯސްޓިން އެޕްލިކޭޝަންގެ ވިޔަފާރި އެ ގައުމުގައި ފުޅާ ކުރުމަށް ޓިކްޓޮކުން ހުށަހެޅި ހުށަހެޅުން ގައުމީ ސަލާމަތާބެހޭ ގޮތުން މުރާޖައާ ކުރަން އަންގާފަ އެވެ.
ޓިކްޓޮކްގެ ތަރުޖަމާނު ވިދާޅުވީ ކެނެޑާގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ކެނެޑާގެ ރައްޔިތުންގެ ޕްރައިވެސީ އާއި ސެކިއުރިޓީ ހިމާޔަތް ކުރުމާ ބެހޭ ގޮތުން ސީއެސްއައިއެސްއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ މަރުހަބާ ކިޔާނެ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ ޓިކްޓޮކް އާއި އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސުން މި މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަން ސޮއި ކުރެއްވި ބިލަކަށް އަމާޒުކޮށް އެމެރިކާއާ ދެކޮޅަށް ގާނޫނީ ޗެލެންޖެއް ހުށަހަޅާފައި ވަނިކޮށެވެ.
ޓިކްޓޮކުން ބުނަނީ އެމެރިކާގެ ރައީސް ސޮއި ކުރެއްވި ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށެވެ. ޗައިނާގެ ކުންފުންޏެއްގެ ދަށުން ހިންގާ ޓިކްޓޮކާމެދު އެމެރިކާ ސަރުކާރުން ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ. އެގޮތުން ޓިކްޓޮކްގައި ހުންނަ އާއްމުންގެ މައުލޫމާތު ޓިކްޓޮކްއިން ޗައިނާ ސަރުކާރާއި ހިއްސާ ކުރާ ކަމަށް އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މިކަންވެސް ޓިކްޓޮކްއިން ދޮގު ކުރެއެވެ.