މައިންނަށް ބޭނުންވަނީ ސިފައަށް ފާޑުކިޔުން މަދުކޮށް އެހީތެރިވެދޭން

ހުރިހާ އުމުރެއްގެ އަންހެނުންވެސް ގަބޫލު ކުރަންޖެހޭ ކަމަކީ ހަށިގަނޑަށް ބަދަލު ތަކެއް އަންނާނެ ކަމެވެ. އަދި އެއީ މައްސަލައެއް ނޫނެވެ. އެކަންކަމާއެކު ވެސް ދިރިއުޅުމައިގެން ހިތްވަރާއި ޔަގީން ކަމާއެކު ކުރިއަށް ދާން ޖެހެ އެވެ.

ވިހެއުމަށްފަހު ހަށިގަނޑު ރީތިކޮށް ބެލެހެއްޓުމަށް ސަމާލުކަން ދިނުމަކީ ވެސް މުހިންމު ކަމެއް

ރީތި މަލާ އަގު ބޮޑު ހަދިޔާއަކީ ވަރަށްވެސް ފުރިހަމަ ހަދިޔާތަކެވެ. ނަމަވެސް ގާތްގަނޑަކަށް ކޮންމެ މަންމައަކަށް ވެސް ލިބޭނެ އަގުހުރި ހަދިޔާއަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ދުޅަހެޔޮ ހަށިގަނޑެކެވެ.

އަންހެނުންނަށް އަބަދުވެސް މީހާގެ ސިފައާ މެދު މީހުންގެ ފާޑުކިޔުން އަމާޒުވާއިރު، ވިހެއުމަށް ފަހު އަންހެނުންނަށް ކުރިމަތި ވަނީ މިފަދަ ކަންކަމުގައި ވަރަށް އުނދަގޫ ދުވަސްތަކެކެވެ. ގިނަ ފަހަރު ފެންނަމުން ދަނީ ބައްދަލުވާ ކޮންމެ މީހަކު ވެސް އެހެން މީހެއްގެ ހަށިގަނޑާއި އަޅާކިޔާ މަންޒަރެވެ. "ޖެހިގެން ހުރިގޭ މީހާ ވިހައިގެން އެއް މަސް ނުވަނީސް ހިއްކާލައިފިޔޭ، ތި ހަށިގަނޑަށް ބަލައިގެން އުޅެބަލާށޭ، އަބަދު ކަނީދޯއޭ" ފަދަ އެތައް ބޭކާރު އަދި ރައްދުވާ މީހާގެ އިހްސާސްތަކަށް އިހްތިރާމު ކުރުމެއް ނެތި ބަސްތައް ބުނެލާއިރު ގިނަމީހުން ހަމައެއްވެސް އެއްޗެއް ހިތަށް ނާރަ އެވެ.

ވިހެއުމަށް ފަހު ކޮންމެ އަންހެނެއްގެ ވެސް ހަށިގަނޑަށް ބަދަލުތައް އަންނައިރު ވިހެއުމުގެ ކުރިން ހަށިގަނޑު ހުރިގޮތައް ހުންނަން ޖެހޭނެ ކަމަށް މީހުނަށް ގަބޫލު ކުރެވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ވިހެއުމަށް ފަހު މުޅިން ތަފާތު ޒިންމާތަކެއް އަންހެނުން އުފުލަމުން ދާއިރު ހަށިގަނޑު އެއްގޮތެއްގައި ބެހެއްޓުމަށް އެކި މީހުނަށް ކުރެވޭ މަސައްކަތާއި ނަތީޖާ ވެސް ތަފާތު ވާނެކަން ގަބޫލު ކުރަން ޖެހެއެވެ.

މާބަނޑުވުމާއި ވިހެއުމަކީ މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު ޖިސްމާނީ ބަދަލުތަކަށް ވާއިރު، ހަށިގަނޑު ކުރިން ހުރިގޮތައް ހުންނަން ޖެހޭ ކަމަށް ގަބޫލު ކުރުމަކީ ހަމައެކަނި ބޭކާރު ކަމެއް ނޫނެވެ. އެއީ މައިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ނުރައްކާ ވެދާނެ ކަމެކެވެ.

ޕެރިނެޓަލް ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ލޮސް އެންޖެލިސްގެ ތެރަޕިސްޓެއް ކަމަށްވާ ޖިލް ޝްވާޓްޒް ވިދާޅުވި ގޮތުގައި މައިންނާއި މެދު މީހުން ދެކޭ ގޮތާއި މުޖުތަމައުގެ ޕްރެޝަރުތަކުގެ އަސަރު ސީރިއަސްކޮށް ނަގަން ޖެހެ އެވެ. 

"މީ އަޅުގަނޑުމެންގެ މުޖުތަމައުއިން މައިންނަށް ދޭ ވަރަށް ބޮޑު ގެއްލުމެއް. އެމީހުންނަށް ބޭނުންވަނީ އެހީތެރިމަކާއި އެއްބާރުލުން" އޭނާ ފާހަގަކުރެއްވި އެވެ. 

ވަކިން ހާއްސަކޮށް ޑިޕްރެޝަން، އެންޒައިޓީ ނުވަތަ އީޓިން ޑިސްއޯޑާގެ ހިސްޓްރީ ހުންނަ ޕޯސްޓްޕާޓަމް އަންހެނުންނަށް ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވެ ނުވަތަ ނަފްސާނީ ބަލިތައް ވެސް ތަހައްމަލު ކުރަންޖެހެ އެވެ.

އަލަށް މަންމައަކަށް ވުމުން އަމިއްލަ ނަފުސަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ މަންމައަކަށް ވުމުން އަންނަ ބަދަލުތައް ބަލައިގަނެ އެކަންކަމަށް ޝުކުރުވެރި ވުމެވެ. މީހުންގެ ފާޑުކިޔުމާއި ގުޅިގެން ހަށިގަނޑު ވަކި ގޮތަކަށް ހުންނަން ޖެހޭ ކަމަށް ގަބޫލު ކުރެވޭނަމަ، އެއީ އަދި މުޅިން ރަނގަޅުގޮތެއް ނޫނެވެ. އެއީ ހުންނަން ޖެހޭ ގޮތަށް ވުރެ މުޖުތަމައުގެ ބައެއް މީހުންގެ ކޮށި ވިސްނުމެވެ.

އެގޮތައް ގަބޫލުކޮށް އަމިއްލައަށް ކަންކަމާއި މެދު ވިސްނާ އަމިއްލައަށް ކުރިއަށްދާނެ ގޮތެއް ނިންމާށެވެ. މީހުން ބޭނުންހާ ގޮތަކަށް ބައްޓަން ވުމުގެ ބަދަލުގައި އަމިއްލަ ނަފުސަށް ވަގުތު ދީގެން ކުރިއަށް ދިޔުމުން ހެޔޮ ބަދަލު ފެންނާނެ އެވެ. މިސާލަކަށް އާ މަންމައިނަށް އަވަހަށް ކަސްރަތު ކުރުން އިތުރު ކުރުމަށް މީހުން ހިތްވަރު ދީފާނެ އެވެ. ނަމަވެސް ސިއްހަތަށް ފައިދާހުރި ގޮތަކީ މަޑުމަޑުން ގޮސް، ކެތްތެރިކަމާއެކު، އަމިއްލަ ނަފްސަށް ކުޅަދާނަވާނެ ވަރަކުން ކުރިއަށް ދިއުމެވެ.

އަލަށް މަންމައަކަށް ވުމާ ހަމައިން އެ އަންނަ ފާޑުކިޔުންތަކާއި ޕްރެޝަރަށް ފަހު ދެން އެންމެ ގިނަ އަންހެނުންނަށް ކުރިމަތިވާ އުނދަގޫ ދުވަސްތަކަކީ އުމުރުގެ ވަކި ހިސާބަކުން އިއްދައިން ނެއްޓުމެވެ.

ޕޯސްޓްޕާޓަމް ފަދައިން ޕެރިމެނޯޕޯޒް އަކީ ވެސް ދިރިއުޅުމުގެ ނުތަނަވަސް ދަނޑިވަޅެއްގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވާ ކަމެކެވެ. މެދު އުމުރަށް ދިޔުމުން ގިނަ އަންހެނުންނަށް ދަރިން ތަރުބިއްޔަތު ކުރުމާއި މުސްކުޅި މައިންބަފައިން ބެލެހެއްޓުމާއި، އެތައް ޒިމާތަކެއް ނަގައިގެން އުޅެމުންދާއިރު ހޯމޯނަށް އަންނަ ބަދަލުތަކާއި ޖިސްމާނީ ބަދަލުތަކާއި ވެސް ކުރިމަތިލާން ޖެހެއެވެ.
އުމުރާއެކު އަންނަ ގުދުރަތީ އަދި އަންނާނެކަން އެނގޭ ބަދަލުތައް ތަޖުރިބާ ކުރުމުގެ ބަދަލުގައި އަންހެނުން ތިބެންވާނީ އަބަދުވެސް އެއްގޮތަކަށް ކަމަށް ގަބޫލުކުރާ ގަބޫލު ކުރުންތަކުގެ ސަބަބުން އަނެއްކާ ވެސް އަންހެނުން ތަހައްމަލު ކުރަންޖެހެނީ ދަތި އުނދަގޫ ދުވަސްތަކެކެވެ.

ހުރިހާ އުމުރެއްގެ އަންހެނުންވެސް ގަބޫލު ކުރަންޖެހޭ ކަމަކީ ހަށިގަނޑަށް ބަދަލު ތަކެއް އަންނާނެ ކަމެވެ. އަދި އެއީ މައްސަލައެއް ނޫނެވެ. އެކަންކަމާއެކު ވެސް ދިރިއުޅުމައިގެން ހިތްވަރާއި ޔަގީން ކަމާއެކު ކުރިއަށް ދާން ޖެހެ އެވެ.

އަމިއްލަ ހަށިގަނޑާ މެދު ރަނގަޅަށް ވިސްނުން ބެހެއްޓުމަށް ކުރެވިދާނެ އެއް ކަމަކީ އަމިއްލަ ނަފްސަށް އަޅާލުމެވެ. މިސާލަކަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ރަނގަޅު ކާނާ ބޭނުން ކުރުމާއި، ބޭރަށް ނުކުމެ ހިނގާލުން ނުވަތަ ސްޕާއަށް ގޮސް ހެއާ ޓްރީޓްމަންޓް ނެގުންފަދަ އެވަގުތަކު ކުރުމުން އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ގެނެސްދޭ ކަންކަން ކުރެވިދާނެ އެވެ.

މިފަދަ ކަންކަމާއި ކަންބޮޑުވެ ދިރިއުޅުމުގައި އުނދަގޫތައް ދިމާވެފައިވާ މަންމައަކަށް އަހަރެމެންނަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެފަދަ މަންމައިންގެ ވާހަކަތަކާއި އިހްސާސްތައް ރަނގަޅަށް އަޑުއަހާ ދެނެގަނެ ހިތްވަރު ދިނުމަކީ ކޮށްދެވޭނެ ވަރަށް ރަނގަޅު ކަމެކެވެ. އަދި އެފަދަ މައިނަށް ހައްގު ތައުރީފު ކުރާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.