ސޮވްރިން ޑިވްލޮޕްމަންޓް ފަންޑު ހަ މަހުން 40 މިލިއަން ޑޮލަރަށް ބޮޑުކޮށްފި

މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް މި ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރެވެ. ނަމަވެސް ގަވައިދުން ޖަމާ ކުރަން ފެށުމުން ފަންޑު ދަނީ ހަލުއި ކަމާއެކު ދިރި ބޮޑުވަމުންނެވެ.

ހުޅުމާލެ ދެ ފިޔަވަހި ގުޅުވާލައި ދޭ ބްރިޖްތަކުގެ ބްރިޖެއް

ބޮޑު ކަމެއް ޖެހޭ ވަގުތު ގައުމުގެ އިގްތިސޯދުގައި ބޭނުން ކުރުމާއި ލޯނު ދެއްކުމުގެ ކެޕޭސިޓީ މަތ ކުރަން އުފައްދާފައިވާ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގެ ޖަމާ 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 617 މިލިއަން ރުފިޔާ) އަށްވުރު ވެސް މައްޗަށް ޖައްސައިފި އެވެ. 

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު "މިރާ" އަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ހަމައެކަނި ޑޮލަރުން ދެ މިލިއަން ޑޮލަރު ފޮރުވިފައި ހުރި ފަންޑު ހަ މަސް ދުވަހުގެ ތެރޭގައި 40 މިލިއަން ޑޮލަރަށްވުރެ މަތިވުމަކީ ރާއްޖޭގެ އިގްތިސޯދަށް ލިބިގެން ދިޔަ ޔަގީން ކަމެއް ކަމަށެވެ. މި ޖަމާ މިވަގުތު ހަމައެކަނި ހުރީ އެއާޕޯޓުން ލިބޭ އެއްޗެއްގެ މައްޗަށް ނަމަވެސް ކުރިއަށް އޮތްތަނުގައި މި ފަންޑުގެ ޖަމާ ބޮޑުތަނުން އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

"ހަމައެކަނި މިއީ އެއާޕޯޓް ފީއިން އެކަނި ލިބުނު މިންވަރު. ކްރޮސް ސަބްސިޑީގެ އެއްވެސް މަޝްރޫއެއް ނެތް. އެހެންވެ އެއިން ފައިސާއެއް ނުލިބޭ. ނަމަވެސް ކުރިއަށް އޮތްތަނުގައި މި ފަންޑަށް ޖަމާވުން އިތުރުވެ ފަންޑު ބޮޑު ވެގެންދާނެ،" ޝަފީގު ވިދާޅުވި އެވެ. 

ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

މި އަހަރުގެ ނިޔަލަށް 100 މިލިއަން ޑޮލަރު

މިނިސްޓަރު ޝަފީގު ވިދާޅުވީ މި އަހަރު ސޮވްރިން ޑިވްލޮޕްމަންޓް ފަންޑު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަށް އިތުރު ކުރުމަކީ އުންމީދެއް ކަމަށެވެ. 

"އުންމީދު ކުރެވޭ މި އަހަރު 100 މިލިއަން ޑޮލަރަށް ވުރެ މަތިވެގެން ދާނެ ކަމަށް. ގާނޫނީ ގޮތުން ބާރު މި ފަންޑަށް ދީ ފަންޑު އިތުރަށް ވަރުގަދަ ކުރާނެ،" ޝަފީގު ވިދާޅުވި އެވެ. 

އެސްޑީއެފް ރައްކާތެރި ކޮށްދޭނެ ބިލް ތައްޔާރު

އެސްޑީއެފަށް ގާނޫނީ ގޮތުން ރައްކާތެރިކަން ދޭން ބިލެއް މިދިޔަ ދައުރުގައި މަޖިލީހަށް ސަރުކާރުން ފޮނުވި އެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އެ ބިލް ބޭރު ކޮށްލީ އެވެ. 

އެސްޑީއެފް ބިލް -  އެސްޑީއެފް ފަންޑުގެ ބިލްގައިވާ ގޮތުން މި ފަންޑު އުފައްދަނީ ދައުލަތުގެ ދަރަނި ކުޑަކޮށް، ދައުލަތުގެ މުއްސަނދިކަން އަންނަ އޮތް ޖީލުތަކަށް ފޯރު ކޮށް ދިނުމަށެވެ. މި ފަންޑު ބަލަހައްޓާނީ އެމްއެމްއޭއިންނެވެ. އެ ފަންޑު ބޭނުން ކުރެވޭނެ ކަންކަމާއި ފަންޑު ހިންގައި މެނޭޖު ކުރުމުގައި ބަލަހައްޓާނެ ކަންކަން ބިލްގައި ބަޔާން ކޮށްފައި ވެ އެވެ. 

އެ ފަންޑުގެ ކަންކަން ބެލެހެއްޓުމަށް ގަވަނިން ކައުންސިލެއް އުފައްދަން ޖެހެ އެވެ. އެ ކައުންސިލަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސެވެ. ކައުންސިލްގެ ރިޔާސަތު ބަހަލައްޓަވާނީ ފިނޭންސް މިނިސްޓަރެވެ. ދޭންޖެހޭ އުޖޫރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

ގާނޫނު ފާސް ވުމުން ޖަމާ އިތުރުވާނެ

  • 1.އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބޭ ފައިސާ
  • 2.ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބޭ އާމްދަނީގެ 10 ޕަސެންޓް
  • 3.ސޮވަރިން ގެރެންޓީ ފީ
  • 4.ގަވަނިން ކައުންސިލްގެ ލަފާގެ މަތިން ފަންޑަށް ޖަމާ ކުރަން ރައީސް ކަނޑައަޅާ ފައިސާ

ކުރިން ޖަމާކުރިނަމަ ބިލިއަނެއް ހުންނާނެ

އެސްޑީއެފް ފަންޑު ރައީސް އިބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފަންޑުގެ މަގުސަދަކީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯނު ނަގާތީ ރާއްޖޭގެ އިގްތިސޯދާމެދު ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ވަރުގަދަ ކޮށް ބޮޑެތި ލޯނުތައް ދައްކަންވާއިރަށް ލޯނު ދެއްކުމުގެ ގާބިލްކަން އުފެއްދުމެވެ. ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވީއައިއޭއިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ. 

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ފަންޑަށް ފައިސާ ޖަމާ ނުކޮށް އަދި އެ ފަންޑުގައި ހުރި ޑޮލަރު މާރު ކުރި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު މިހާރު މި ފަންޑުގެ ބޮޑު ބަޔަކީ ރުފިޔާ އެވެ. އެ ފަންޑަށް ބަރާބަކަށް ފައިސާ ޖަމާ ކުރިނަމަ ބިލިއަނެއްހާ ޑޮލަރު މިހާރު މި ފަންޑުގައި ހުންނާނެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެސްޑީއެފް ބެލެންސުގައި ޑޮލަރުން ހުރީ ދެ މިލިއަން ޑޮލަރު ކަމަށާ ރުފިޔާއިން ހުރީ 2.4 މިލިއަން ރުފިޔާ އެވެ.  މި ފަންޑު ކުޑަކަމުގެ ކަންބޮޑުވުން އެންމެފަހުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައި ވެ އެވެ. 

ރާއްޖޭގެ ދަރަނީގެ މައުލޫމާތު

ބޮޑު ދަރަނި ދެއްކޭނެ ޔަގީންކަން ލިބޭނެ

މިދިޔަ ސަރުކާރުން 2020 އިން ފެށިގެން 21 ލޯނެއް ވަނީ ނަގާފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 115.90 ޕަސެންޓެވެ. މީގެތެރޭގައި ސޮވްރިން ގެރެންޓީތައް ހިމަނައިގެން ބަލާނަމަ ބޭރުގެ ދަރަނި ހުރީ 51,1 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 73 ބިލިއަން ރުފިޔާގަ އެވެ. އަދި ސޮވްރިން ގެރެންޓީގެ ސަބަބުން ދަރަންޏަށް 14 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ދަރަނި ދައްކަން 3,174.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ރާއްޖެއަށް އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރު އެވެ. އެ އަހަރު އެއް ބިލިއަން ޑޮލަރު ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަން ޖެހޭނެ އެވެ.  ދަރަނި އަދާކުރަން ސީދާގޮތުން އަންނަ އަހަރު 8.2 ބިލިއަން ރުފިޔާ ހޭދަކުރން ޖެހެ އެވެ. އަންނަ އަހަރު އެސްޑީއެފްއިން 3.8 ބިލިއަން ރުފިޔާ ބޭނުން ކުރަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން 2026 ވަނަ އަހަރުގެ ބޮޑު ދަރަނި 9.8 ބިލިއަން ރުފިޔާގެ ދަރަނި ދައްކަން 3.8 ބިލިއަން ރުފިޔާގެ އެސްޑީއެފް އިން ހަރަދުކޮށް އިތުރުން އެ އަހަރު ވެސް އިތުރު ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެން، ދަރަނި ރީފައިނޭންސް ނަގަން އޮތީ ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.