ދަރިންގެ ކަންކަމަށް ގޮތް ކިޔުމުން ނަފްސާނީ ދުޅަހެޔޮކަމާއި ހެދިބޮޑުވުމަށް ކުރާ އަސަރު

ކުދިންގެ މަސައްކަތުގައި ކާމިޔާބީ އެކަނި ފާހަގަ ކުރުމުގެ ބަދަލުގައި ކުދިންނަށް ދިމާވާ ގޮންޖެހުންތަކުގައި ވެސް އެ ކުދިން އެކަން ކުރުމަށް ކުރި ހިތްވަރު ފާހަގަ ކުރަން ޖެހެއެވެ.

ކުދީން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް ހިތްވަރު ދޭން ޖެހޭ

ދަރިންނަށް ކަންކަން ބުނެދީ އިރުޝާދު ދިނުމަށް ބޭނުންކުރާ ބަސްތަކަކީ އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑަށް އަސަރުކުރާ ބަސްތަކަކަށް ވާތީ، ވިސްނުންތެރި ކަމާއެކު ޕޮޒިޓިވްކޮށް ކަންކަން ބުނެ ދިނުމަކީ ކުއްޖާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި ކަންކަމާއި ކުރިމަތިލުމަށް ދަސްވެ އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެކެވެ.

އަނގަބަހުން ނޫނީ އިޝާރާތުން ކުދިންނާ ދައްކާ ވާހަކަތަކަކީ އެކުދިން ހެދި ބޮޑުވެގެން އަންނައިރު އެކުދިންގެ އަމިއްލަ ނަފްސާއި މެދު ދެކޭ ގޮތާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދެމެހެއްޓުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމެކެވެ.

ޓްރޯމާ ސައިކޮތެރަޕިސްޓެއް ކަމަށްވާ މަންސީ ޕޮޑްދާރު ބުނަނީ ކުދިން ކުރާ ކަންކަމަށް ބެލެނިވެރިން ބިނާ ކުރަނިވި ފާޑުކިޔުން ނުވަތަ ހެޔޮބަސް ބުނުމުގެ ސަބަބުން އެކުދިން ކުރާ ކަންކަމާއި ދޭތެރޭގައި ޔަގީންކަން އިތުރުވެ، އަމިއްލަ ނަފުސުގެ މަސައްކަތާއި ދޭތެރޭ ހިތްހަމަޖެހި ކުދިން ކުރިއަށް ދިޔުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވާ ކަމަށެވެ. 

މިސާލަކަށް "ގުޑް ޖޮބް" ނުވަތަ ހާދަ މޮޅޭ، ވަރަށް ރަނގަޅޭ ބުނުމުގެ ބަދަލުގައި ވަރަށް ރަނގަޅުވި ސަބަބާއެކު މިހެން ބުނެލެވިދާނެއެވެ. 

އަދި މިހެން ވެސް ބުނެވިދާނެ އެވެ: "ދަރިފުޅުގެ ކުރެހުމުގައި ތަފާތު ކުލަތައް ބޭނުންކުރި ގޮތް މަންމައަށް ވަރަށް ކަމުދެއެވެ."

ރަނގަޅު ފީޑްބެކްގެ ސަބަބުން އުނގެނުމާއި ކާމިޔާބީގައި ހަގީގީ އުފާވެރިކަން ލިބޭކަން ފާހަގަ ކުރަމުން މަންސީ ޕޮޑްދާރު ބުނީ ކުއްޖަކު ކުރާ ބުރަ މަސައްކަތަށް ހިތްވަރުދީ އެކަން ކުރުމަށް ބާރު އެޅުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މައިންބަފައިން އެކުދިންގެ އިހުސާސްތައް ދެނެގަނެ ހިތްވަރު ދިނުމުގެ ގޮތުން ބުނާ ބަސްތަކުގެ ސަބަބުން އެކުދިން ނަށްވެސް އެކި އިހުސާސް ދެނެގަނެ އެކަންކަމާއި ކުރިމަތިލައި މެނޭޖްކުރަން ދަސްކުރެއެވެ. މިކަމުގެ ސަބަބުން އިމޯޝަނަލް އިންޓެލިޖެންސް އުފެދެއެވެ. އެކުދިން ކުރާ ކަމެއްގެ ސަބަބުން ބެލެނިވެރިޔާއަށް ކުރެވޭ އިހުސާސް ނުވަތަ އަސަރަކީ ކޮބައިކަން ބުނެދޭށެވެ. މިސާލަކަށް "ދަރިފުޅު މަންމައަށް އެހީތެރިވުމުން މަންމަ ވަރަށް އުފާވެއޭ" ބުނެވިދާނެ އެވެ.

ކުދިންގެ މަސައްކަތުގައި ކާމިޔާބީ އެކަނި ފާހަގަ ކުރުމުގެ ބަދަލުގައި ކުދިންނަށް ދިމާވާ ގޮންޖެހުންތަކުގައި ވެސް އެ ކުދިން އެކަން ކުރުމަށް ކުރި ހިތްވަރު ފާހަގަ ކުރަން ޖެހެއެވެ. އޭރުން އެކުދިންނަށް ދިރިއުޅުމުގައި ދިމާވާ އުނދަގޫތައް ގިރާކޮށް ކުރިއަށް ދިޔުމަށް ދަސްވެ ހިތްވަރު ލިބެއެވެ.

އިންޑިއާގެ ޖަސްޓް ބީން ސެންޓާ ފޯ މައިޑްފުލްނެސް އެންޑް ޕްރެޒެންސްގެ ފައުންޑާ-ޑައިރެކްޓަރު ސައިކޯތެރަޕިސްޓް ސޭންޑީ ޑިއާސް އެންޑްރޭޑް ވިދާޅުވީ ކުދިން ކުރާ ކަންކަމުގައި އަބަދުވެސް ނުރުހި ހަރުކަށިކޮށް ބަސްބުނެ، އަބަދު ދަރިންގެ ގޯސް ކަންކަން ނުވަތަ ނުކުރެވި ހުރި ކަންކަމުގެ ވާހަކަ ދައްކާނަމަ އެ ކުދިން އަމިއްލަ ނަފުސާމެދު ގަބޫލު ކުރާނީ ތިމާއަކީ މީހުން ހިތްހަމަޖެހޭ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭ ކުއްޖެ ކަމަށެވެ. އަދި އަމިއްލަ ނަފުސާމެދު އޮންނަން ޖެހޭ ޔަގީންކަން ނެތި ކަންކަމާއި ކުރިމަތިލުމަށް ފަސްޖެހޭނެ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ އެ ކުދިންނަށް ހިތްވަރު ދޭއިރު އަދި ހިތްހަމަޖައްސައިދޭއިރު، ހަގީގަތުގައި ވެސް އެމީހުންގެ މަސައްކަތްތަކާއި، އެމީހުންގެ ސިފަތައް، އެގޮތުގައި ބަލައިގަންނަކަން އަޅުގަނޑުމެންގެ ބަހާއި އަމަލުން ޔަގީން ކޮށްދޭން ޖެހޭ ކަމަށެވެ. އެކުދިން ކައިރީގައި ބުނާ ވާހަކައަކީ ހަމައެކަނި ބުނެލާ ބަސްތަކެއްގެ ބަދަލުގައި އަޅުގަނޑުމެންގެ ލޮލުން ވެސް، އެކުދިންނައި މެދު އަމަލުކުރާ ގޮތުންވެސް ކުދިންނަށް އެއީ ހަގީގީ އިހުސާސްކަން ބުނެދީ ޔަގީން ކޮށްދޭން ޖެހޭ ކަމަށެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސާއި އެހެން މީހުންނާއި މެދު އޮންނަ ޔަގީންކަން އިތުރުވެ އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ބޮޑު އެހީތެރި ކަމަކަށް ވެގެން ދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.