ހޮލީވުޑް އާއި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އަށް ލޮސްއެންޖެލިސްގެ ގެ ހުސް ކުރަން މަޖުބޫރުވީ މި އަހަރުގެ ކުރީކޮޅު ފެނުގެ ސަބަބުން ގޭގައި ކިސަޑު ހެދިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޕްރިޔަންކާ އިންސްޓަގްރާމްގައި ވަނީ އޭނާގެ 20 މިލިއަން ޑޮލަރުގެ މެންޝަން ފެންނަ މަންޒަރެއް ހިއްސާ ކޮށްފައެވެ. "ސަން ޔޫއެސް" ނޫހުން މިދިޔަ އޭޕްރީލް މަހު ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕްރިޔަންކާގެ ދެމަފިރިން ވަރަށް އަވަހަށް މަރާމާތުކުރި ގެއަށް ބަދަލުވުމަށް ހަމަޖެހިފައި ވާކަމަށް ބުނެފައި ވެއެވެ.
އިންސްޓަގްރާމް ސްޓޯރީސްގައި ޕްރިޔަންކާ ވަނީ އޭނާގެ ގެއިން ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކޮށްފައެވެ. ބެލްކަނީގައި ހުރެ އެލްއޭގެ ހިތްގައިމު ރޭގަނޑުގެ ވިއުއަކާއެކު ނަގާފައިވާ ފޮޓޯ ހިއްސާ ކުރަމުން އޭނާ ވަނީ ހިތުގެ ޝުއޫރު ފާޅު ކޮށްފަ އެވެ.
2018 ވަނަ އަހަރު ކައިވެނިކުރި ޕްރިޔަންކާ އާއި ނިކް ދިރި އުޅެނީ އަންހެން ދަރިފުޅު މާލްޓީ މެރީ ޗޯޕްރާ ޖޯނަސްއާ އެކު ހޮލީވުޑް ހިލްސް މެންޝަންގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ހަތް ކޮޓަރި އާއި ނުވަ ފާހާނާ އާއި ޝެފް ބަދިގެއަކާއި ޓެމްޕަރޭޗާ ކޮންޓްރޯލް ކުރާ ވައިން ރޫމަކާއި އިންޑޯ ބާސްކެޓް ބޯޅަ ކޯޓަކާއި އިންޓީރިއާ ބޯލިން އެލީއަކާއި ހޯމް ތިއޭޓަރަކާއި މުނިފޫހިފިލުވުމުގެ ލައުންޖަކާއި ސްޓީމް ޝަވާ ހިމެނޭ ސްޕާއަކާއި ފުލް ސާވިސް ޖިމަކާއި ބިލިއާޑް ރޫމެއް ހުރެ އެވެ.
ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިޔާ އަދި ފިރިމީހާ ނިކް ޖޯނަސް 2023 ވަނަ އަހަރު ލޮސްއެންޖެލިސްގެ ގޭގައި ފެން ލީކުވެ މޯލްޑް އިންފެކްޝަންގެ ސަބަބުން ގެއްލުންވި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.