"ބިމާބެހޭ ގާނޫނަށް ބަދަލު ގެނައީ ހެޔޮ ނިޔަތެއްގައެއް ނޫން"

"މިއީ ގާނޫނީ ގޮތުން ވެސް ކުރެވޭނެ ކަންކަމެއް ނޫން. ފުރަތަމަ ކަމަކަށް ބަންޑާރަ ގޯތި ދެވޭނީ ބިމަކުން. އެއީ ފަޅުފަޅާއި ގިރިތަކުން ދޫކުރެވޭނެ ތަންތަނެއް ނޫން،"

ގޯތިދޭން ބިމެއް ހިއްކަނީ : ހުޅުމާލެ ނޫން ސަރަހައްދުތަކުން ދިން ގޯތިތަށް ހެދޭނެ ދުވަހެއް ވެސް ނޭނގެ

ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާތާ ހަ މަސް ތެރޭގައި ގޯތީގެ ރަޖިސްޓްރީ ދޫކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކީ ނުނިޔަތެއްގެ މައްޗަށް ބިނާކޮށް ވަކި ކަމެއް ހާސިލު ކުުރުމަށް އަމާޒުކޮށް ގެނެސްފައިވާ އިސްލާހެއް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ބުނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާއި މެދު އަލުން ވިސްނާވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން މި ބިލު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާލާފައިވާ ކަމަށެވެ.

މި ބިލަކީ އޭޕްރީލް 29 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާ އިން ފާސްކޮށް މެއި ދޭއް ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތަސްދީގު ކުރެއްވުމަށް އެދި ފޮނުއްވާފައިވާ ބިލެކެވެ.

އެ ބިލް އަނބުރާ ފޮނުވާލެއްވި ސަބަބުތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ރޭ ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު، އަހްމަދު ސިއްދީގު ވިދާޅުވީ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ދާއިމީ ލިސްޓް ޝާއިއުކުރުމާ އެކު ހަމަސްތެރޭ ގޯތިދޭން ލާޒިމު ކުރުމާއި ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ހަވާލުނުކޮށް ހުރި ގޯތިތައް ތިން މަސްތެރޭ ހަވާލު ކުުރުމަށް ލާޒިމުކޮށް ގާނޫނު ފާސްކުުރުމުން އެކަން ކުރި ބައެއްގެ އިހްލާސްތެރި ތެދު ނިޔަތެއް ނެތްކަން ސާފުވާ ކަމަށެވެ.

ކުރީގެ ސަރުކާރުން ގޯތިދީފައި ވަނީ ކަނޑާއި ފަޅުތަކާއި ވިލުތަކުން ކަން ފާހަގަކޮށް އެތަަންތަނުން ތިން މަސްތެރޭ ގޯތިދޭށޭ ބުނުން އެއީ އިންސާނަކަށް ކުރެވޭނެ ކަންކަން ނޫން ކަމަށް ސިއްދީގު ވިދާޅުވި އެވެ.

"މިއަދު އެ ގާނޫނު ރައީސް ތަސްދީގު ކުރެއްވި ނަމަ ސަރުކާރަކަށް ލާޒިމު އެ ވަނީ ނުވެސް ހިއްކާ ހުރި ތަންތަނުން ގޯތިދީ ހަވާލު ކުރަން. މިކަން ކުރާނީ ކިހިނެތްތޯ. މިއީ ގާނޫނީ ގޮތުން ވެސް ކުރެވޭނެ ކަންކަމެއް ނޫން. ފުރަތަމަ ކަމަކަށް ބަންޑާރަ ގޯތި ދެވޭނީ ބިމަކުން. އެއީ ފަޅުފަޅާއި ގިރިތަކުން ދޫކުރެވޭނެ ތަންތަނެއް ނޫން،"

ސިއްދީގު ވިދާޅުވީ ގޯތި ދޫކުރުމާއި ފްލެޓް ދޫކުރުމުގައި ވެސް މިދިޔަ ސަރުކާރުން ގާވާއިދާ ހިލާފަށް އެތައް ކަމެއް ހިންގާފައި ހުރި ކަންކަން ކަމަށް އޭސީސީން ފާހަގަކޮށްފައި ވަނިކޮށް އެކަންކަމަށް ބެލުމެއް ނެގި މުއައްސަސާތަކުގެ ނިންމުންތަކަށް ގޮންޖަހަން ރައީސަށް ލާޒިމުކޮށް ގާނޫނުތައް ނުހެދޭނެ ކަމަށެވެ. އެހެން ކަމުން މިއީ ނުނިޔަތެއްގެ މައްޗަށް ބިނާކޮށް ފާސްކޮށްފައި އޮތް އިސްލާހެއް ކަމަށް ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށް ވެސް ވިދާޅުވި އެވެ.

މި އިސްލާހު ގެނެސްފައި ވަނީ އެމްޑީޕީގެ ވެރިކަން ބަދަލުވެ މަޖިލީސް ވެސް ނިމުމަކަށް އަންނަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަން ފާހަގަ ކުރައްވާ ސިއްދީގު ވިދާޅުވީ ބިލް ހުށައެޅި ތާރީހާއި ފާސްކުރި ތާރީހަށް ބަލާއިރު މިއީ ވަރަށް ބޮޑަށް ރޭވިގެން ވަކި ނަތީޖާތަކެއް ނެރުމަށް ގާނޫނަށް ގެނެސްފައިވާ ބަދަލެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"މިއީ ގާނޫނު ހަދާ ގޮތެއް ނޫން،" ސިއްދީގު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.