މިނިސްޓަރު ވިދާޅުވީ 50 އެނދުގެ ހޮސްޕިޓަލްތަކުގެ އަގު ހުރީ 185 މިލިއަން ރުފިޔާއިން މަތީގައި ކަމަށެވެ. އަދި 30 އެނދުގެ ހޮސްޕިޓަލްތައް ހުރީ 90 މިލިއަނާއި 130 މިލިއަން ރުފިޔާ އާ ދެމެދުގެ އަގެއްގައި ކަމަށެވެ.
ކުރީ ސަރުކާރުން ރަށްރަށުގައި އަޅަން އެވޯޑްކޮށްފައިވާ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް ޑިޒައިންކޮށްފައި ހުރީ ހަރަދު ބޮޑުވާ ގޮތަށް ކަމަށާއި އެހެންކަމުން ޑިޒައިންތަކުގެ ސްޓްރަކްޗާ ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް "ފެންސީ" ކޮށް ކަމަށެވެ. އެހެންކަމުން ސަރުކާރުން އެ ޑިޒައިންތައް ބަދަލު ކުރާނީ ހަރަދު ކުޑަކޮށް ނަމަވެސް ހުރިހާ ހިދުމަތްތަކެއް ފުރިހަމައަށް ލިބޭނެހެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސްޓަޑީތަކެއް އެބަ ކުރަން ނީޑް ބޭސްއަށް މިކަން ކުރުމަށްޓަކާ. އެއީ މިއިން ކޮންމެ ހޮސްޕިޓަލެއްގެ އަގަކީ ވަރަށް ބޮޑެތި އަގުތަކެއްގެ ގޮތުގަ މިހުރީ. ވަރަށް ފެންސީކޮށް ކުރަހާފަހުރި ކުރެހުންތަކެއްގެ ގޮތުގަ އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ މި ހޮސްޕިޓަލްތައް. މީހަ ރައްޔިތުން ބޭނުންވަނީ ހިދުމަތް ރަށްރަށުގަ ގާއިމްކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ 50 އެނދުގެ ހޮސްޕިޓަލްތަކުގެ އަގު ހުރީ 185 މިލިއަން ރުފިޔާއިން މަތީގައި ކަމަށެވެ. އަދި 30 އެނދުގެ ހޮސްޕިޓަލްތައް ހުރީ 90 މިލިއަނާއި 130 މިލިއަން ރުފިޔާ އާ ދެމެދުގެ އަގެއްގައި ކަމަށެވެ.
"ބައެއް ރަށްރަށުގަ ޑިޒައިން ކޮށްފަ ހުރިއިރުގަ އެބަހުރޭ ހެލްތު ސެންޓާއަށް ނޫނީ ހޮސްޕިޓަލަށް އެކޮމޮޑޭޝަން ލާފަ. އަޅުގަނޑުމެންނަށް މާ މުހިންމު އެކޮމޮޑޭޝަން އެތަނުން އުނިކޮށްފަ ރައްޔިތަކަށް އެފައިސާ ލިބުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް ޓޫރިޒަމް ފުޅާ ރަށްރަށުގައި، މިސާލަކަށް އއ. ވ. އަދި ކ. އަތޮޅުގެ ރަށްރަށުގައި އަގު ބޮޑުކޮށް ކޮޓަރި ނުވަތަ އެޕާޓްމެންޓް ލިބޭތީ އެފަދަ ރަށްރަށުގައި އެކޮމޮޑޭޝަން ބްލޮކް އަޅާނެ ކަމަށެވެ. އެނޫން ރަށްރަށުގައި އެކޮމޮޑޭޝަން ބައި ހެދުމުގެ ބޭނުން ނެތް ކަމަށެވެ.
ހޮސްޕިޓަލްތަކުގެ ސްޓްރަކްޗާއަށް ބަދަލުގެނައުމުން ހަރަދު ކުރެވި އެ ފައިސާއިން އިތުރު އެހެން ހިދުމަތްތައް ފުޅާ ކުރެވޭނެ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް އަޅަން ފަށާނީ އެންމެ ބޮޑަށް ހިދުމަތަށް ބޭނުންވާ ސަރަހައްދުތަކަށް އިސްކަން ދީގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ވަނީ ވަރަށް ގިނަ ރަށްރަށުގައި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް އަޅަން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފަ އެވެ. ނަމަވެސް ގިނަ މަޝްރޫއުތަކުގެ މަސައްކަތް ހުރީ ނުފެށި އެވެ. އޭގެ އެއް ސަބަބަކި، ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ ފައިސާ ހަމަނުޖެހެނީސް ހަވާލުކޮށްފައި ހުރުމުން ކަމަށް ކުރީން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.