ކޮމަންވެލްތު ވިޔަފާރިއާ އިންވެސްޓްމަންޓް ކައުންސިލްގެ ކަންޓްރީ ޗެއާއަކީ ޖަނާ

ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ އޮފީހެއް ރާއްޖޭގައި ހަދައި ސަރުކާރާއި ވިޔަފާރިވެރިންނާއެކު މަސައްކަތް ފަށަން ނިންމާފައިވެ އެވެ.

ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލް (ސިވިކް) ގެ ކަންޓްރީ ޗެއާ މުހައްމަދު އަލީ ޖަނާހު

ކޮމަންވެލްތުގެ ވިޔަފާރި އާއި އިންވެސްޓްމަންޓުގެ އެންމެ ބޮޑު ކައުންސިލް (ސިވިކް) ގެ އޮފީހެއް ރާއްޖޭގައި ހަދަން ނިންމައި އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާ ކަންޓްރީ ޗެއާއަކަށް ރާއްޖޭގެ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ހަމަޖައްސައިފި އެވެ. 

ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލް (ސިވިކް) ގެ ހިމެނޭ ގިނަ ގައުމުތަކުގެ ސަރުކާރުތަކުގެ ވިޔަފާރި ވަޒީރުންނާއި ވިޔަފާރިވެރިން ހިމެނޭ ގޮތަށް އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ބައްދަލުވުމާ ދިމާކޮށް އެ ޖަމިއްޔާ އިން ވަނީ އޮފީހެއް ހަދަން ނިންމިކަން ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ. 

ކޮމަންވެލްތުގައި ހިމެނޭ ވިޔަފާރީ ތަމްސީލް ކުރާ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމިއްޔާގެ ހަރަކާތްތައް ދިވެހި ސަރުކާރާއި ރާއްޖޭގެ ވިޔަފާރިތަކަށް ތަމްސީލް ކުރަން، ރާއްޖޭގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް، ޖަނާ ހަމަޖައްސަވާފައިވާ ކަމަށެވެ. 

ޖަނާއަކީ ކޮމަންވެލްތުގެ ވިޔަފާރިވެރިންގެ "ކްލަބް" ގްލޯބަލް އެޑްވައިޒަރީ ކައުންސިލްގެ ބޯޑުގައި ވެސް މެންބަރެކެވެ. މި ބޯޑަށް ޖަނާ އައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. 

އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުން ޖަނާގެ ލީޑަޝިޕްގެ ދަށުން ޓޫރިޒަމާ ގުޅުންހުރި 53 އަށް ވުރެ ގިނަ ރިސޯޓް މަޝްރޫއު ވަނީ ނިންމާފަ އެވެ. އަދި ރާއްޖޭގެ ހޮޓެލް އެންޑް ރިސޯޓްސްއަކީ އެ ކުންފުނީގައި އިން - ހައުސް ޑިޒައިން އާއި އެހެނިހެން ޓީމުތަކާއެކު ޓާންކީ މޮޑެލްއަށް ޓޫރިޒަމް މަޝްރޫއު ހިންގާ ކުންފުންޏެކެވެ. އަދި ޖަނާގެ ބެލުމުގެ ދަށުން ނިންމާފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ގަތަރުގެ ދޯހާގެ އަނަންތަރާ ބަނާނާ އައިލެންޑް ރިސޯޓާއި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ހިމެނެ އެވެ. އަދި ހޮޓެލް އެންޑް ރިސޯޓްސްއަށް ފާއިތުވި އަހަރުތަކުގައި ގޯލްޑް 100 އެވޯޑް އެތައް ފަހަރަކު ލިބިފައިވާކަން ވެސް އެ ޖަމިއްޔާއިން ފާހަގަ ކޮށްފައިވެ އެވެ.

ކޮމަންވެލްތުން ފާހަގަ ކުރި ބޮޑެތި މަސައްކަތް

  •  ޖަނާގެ ލީޑާޝިޕްގައި ޓޫރިޒަމްގެ 53 މަޝްރޫއު ނިންމުން
  •  ދުބާއީގެ ބަނާނާ އައިލެންޑް މަޝްރޫއު
  •  ވޮލްޑޯފް އެސްޓޯރިއާ އިތާފުށި

އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ޖަނާއަކީ ރާއްޖެ އާއި މެދުއިރުމަތީގައި ވިޔަފާރި ކުރުމުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބި ވަޑައިގެން ހުންނެވި ކާމިޔާބު ވިޔަފާރިވެރިއެކެވެ. އަދި އޭނާއަކީ ކޮންސްޓްރަކްޝަން ޓެކްނޮލޮޖީ، މެރިން ޕްރޮޑަކްޓްސް، އަދި އިންވެސްޓްމަންޓްތައް ހިމެނޭހެން ޕްރޮޕަޓީތައް ތަރައްގީ ކުރުމުގެ ވެސް ތަޖުރިބާކާރެވެ. 

އަމިއްލަފުޅު ވިޔަފާރި ކުންފުނި ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަންގެ ޗެއާމަންގެ މަގާމާއި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސް (ހަރީމް) ގެ ގްރޫޕް ޗެއާމަންގެ މަގާމު ވެސް ޖަނާ އަދާ ކުރައްވަ އެވެ. 

ރާއްޖޭގެ ވިޔަފާރިތަކަށް ފައިދާ

ސިވިކްގެ ހަބް އޮފީހަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓާއި ވިޔަފާރި އަދި ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރާ ކޮމަންވެލްތުގެ ވިޔަފާރިތަކަށް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ހަދާ ތަނެކެވެ. މި ހަބްގެ ސަބަބުން ސަރުކާރާއި ރާއްޖޭގެ އަމިއްލަ ފަރާތްތައް މި ޖަމިއްޔާގެ ހަރަކާތްތައް ތައާރަފް ކުރުމަށް މަގު ފަހިވާނެ އެވެ. މިގޮތުން ކޮމަންވެލްތުގެ 56 މެމްބަރު ގައުމުގައި ހުރި ތަފާތު އަދި އެތައް ފުރުސަތުތަކެއް ހޯދުމަށް މަސައްކަތް ކުރާ ރާއްޖޭގެ ވިޔަފާރިތަކަށް ވެސް ހަބް އޮފީހުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކަށް، އާ ހަބް އޮފީސް މެދުވެރިކޮށް، ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ މަގު ފަހިވެގެން ދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.