ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅުމުން މައްސަލަ ދިރާސާ ކުރުމަށްފަހު އިސްތިއުނާފް ކުރުމާމެދު ގޮތެއް ކަނޑައަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުންޏެެވެ.
މީގެ ފަސް އަހަރު ކުރިން އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ހއ. ދިއްދޫ ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައިގައި ވިޝާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ. ކޯޓުން މިއަދު ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ކަނޑައަޅައި ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފަ އެވެ.
ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅުމުން މައްސަލަ ދިރާސާ ކުރުމަށްފަހު އިސްތިއުނާފް ކުރުމާމެދު ގޮތެއް ކަނޑައަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުންޏެެވެ.
އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާކުރަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމް އެވެ. އެމީހުންގެ މައްސަލަ ވެސް މިހާރު އޮތީ ހުކުމާ ހިސާބުގަ އެވެ.
އާގިލް މަރާލާފައިވަނީ 2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އާގިލް އަށް ހަމަލާދިނުމުން އޭނާ މަރުވެގެން ވެއްޓިފައި އޮތީ ޖުމްހޫރީ މައިދާނު ކައިރީ ޗާންދަނީ މަގަށްވާ ގޮތަށެވެ. އޭނާއަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިވެރިއަކު ހެކިބަސް ދެމުން ބުނެފައިވަނީ އާގިލްގެ މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.
އޭޑީކޭގެ މެޑިކަލް ރިޕޯޓުން ހާމާވާ ގޮތުގައި އާގިލްގެ މެޔަށް ދީފައިވާ ހަމަލާގެ ސަބަބުން އޭނާގެ މޭކަށިގަނޑުގެ އެތެރެއިން ވަނީ ބޮޑު ބާގަނޑެއް އުފެދިފަ އެވެ. އަދި ފުއްޕާމޭގެ ވައަތް ފަޅި ހިނދި ފޫއަޅުވާލާފައި ވުމުން ހިތުގެ ބޭރު ފަށަލައަށް ގެއްލުން ލިބި ހިތަށް ވަނީ ލޭއެޅިފައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.