އެމްޓީސީސީއިން ވޭން ކުއްޔަށް ނަގައިގެން ޓެކްސީ ހިދުމަތް ދެމުން އަންނަ ކަމަށް ބުނެ އެމަސައްކަތަށް ސަރުކާރުން ނުވަނުމަށް ޓެކްސީ ޑްރައިވަރުން ވަނީ ގޮވާލާފަ އެވެ.
ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދެމުން އަންނަ ކަމަށް ބުނެ އެކަން ނުކުރުމަށް މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ޑްރައިވަރުން ގޮވާލައިފި އެވެ.
އެއްފަހަރާ އެއް ދަތުރަށްވުރެ ގިނައިން ޓެކްސީ ޑްރައިވަރުން ނަގާ މައްސަލަ އާއި، މާލެއަށް ދަތުރު ކުރުމަށް ދެކޮޅު ހަދާ މައްސަލައެއް ފެންމަތިވެ، ޓެކްސީތަކާ މެދު އަމަލު ކުރަމުން އައި ގަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހަރުކަށި ކޮށްފަ އެވެ. އެގޮތުން އެއާޕޯޓުން ޓެކްސީއަކަށް ފަހަރަކު ނެގޭނީ އެއް ދަތުރު ކަމަށާއި، ދަތުރުތައް ނަގަން ޖެހޭނީ ކިއު ތަރުތީބުން ކަމަށް ކަނޑައަޅައި، އެކަން ހަރުކަށިކޮށް ބެލެހެއްޓުމަށް ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެކަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާޅު ކުރުމަށް ޓެކްސީ ޑްރައިވަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިބްރާހިމް ޝަމީމް ނަމަކަށް ކިޔާ ޑްރައިވަރަކު ބުނީ، ޓްރާންސްޕޯޓް މިނިސްޓްރީން އަމަލު ކުރަން ފެށި ގަވާއިދުތަކުގެ ސަބަބުން އެއާޕޯޓުގައި ދެމުން ދިޔަ ވޭން ޓެކްސީގެ ހިދުމަތް ހުއްޓާލަން ޖެހިފައި އޮތް ކަމަށެވެ. އެގޮތަށް ގަވާއިދު ހަރުކަށި ކޮށްފައި އޮތީ ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަނުމަށް ކަމަށް ވެސް އޭނާ ތުހުމަތުކުރި އެވެ.
"މިހާރު ސަރުކާރުން ހަމައެކަނި ނުކުރާ ވިޔަފާރިއަކަށް އޮތީ ޓެކްސީ ވިޔަފާރި އެކަނި. އެހެން ހުރިހާ ވިޔަފާރިއަކަށް ސަރުކާރުގެ ކުންފުނިތަކުން ވަދެއްޖެ. ސަރުކާރުން މިއޮތީ ޓެކްސީ ނިޒާމު ސަރުކާރުން ޓޭކް އޮފް ކުރުމަށްޓަކާ މާ ކުރިން ތައްޔާރުވެފައި،" ޝަމީމް ބުންޏެވެ.
ޝަމީމް ބުނީ އާ ގަވައިދުތަކުގެ ސަބަބުން އެއާޕޯޓުން އެ ހިދުމަތް ހޯދާ ފަސިންޖަރުން އެތައް އިރަކު ކިއުގައި ތިބެން ޖެހި ބޮޑެތި މައްސަލަތަކެއް އުފެދުނު ކަމަށެވެ. އޭގެ ސަބަބުން ވޭން ޓެކްސީގެ އަގުތައް ވެސް 40 ޕަަސެންޓް ކުޑަވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.
"މިއަދު މިވަނީ އެމްޓީސީސީގެ ކާރުތަކެއް އެއާޕޯޓަށް ގެންގޮސްގެން ދަތުރުތައް ފަށާފައި." ޝަމީމް ބުނީ އެމްޓީސީސީގެ އުޅަނދުތަކެއް ބޭނުން ކޮށްގެން ދަތުރުތައް ކުރަން ފަށާފައި ވަނީ، އެއްވެސް ދަތިކަމެއް ނެތި ޓެކްސީތަކުން އެ ހިދުމަތް ދެމުން ދަނިކޮށް ކަމަށެވެ.