އައިއެމްއެފުން ވަނީ އަންނަ އަހަރު ދެ މިލިއަން އަދި ޖެހިގެން އަންނަ އަހަރު 2.2 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އަންނާނެ ކަމަށް އަންދާޒާކޮށްފަ އެވެ.
މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ހަމަވެ، ރިއަލް ޖީޑީޕީ 5.2 ޕަސެންޓަށް އަދި އަންނަ އަހަރު 6.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަންދާޒާ ކޮށްފި އެވެ.
އައިއެމްއެފްއިން ނެރުނު އާޓިކަލް ފޯ ރިޕޯޓްގައި އަންދާޒާ ކޮށްފައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 6.5 ޕަސެންޓަށް ކުރިއެރުމަށް ފަހު 2026 ގައި 5.0 ޕަސެންޓަށް އަދި އަދި 2027 ގައި 4.8 ޕަސެންޓަށް ދަށް ވާނެ އެވެ. އަދި 2028 ގައި 4.8 ޕަަސެންޓަށް މަތިވުމަށް ފަހު 2029 ގައި ހުންނާނީ 4.5 ޕަސެންޓުގަ އެވެ.
އައިއެމްއެފުން ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް އަންދާޒާ ކޮށްފައިވާ މައިގަނޑު ސަބަބަކީ މި އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އޮޕަރޭޝަނަަށް ގެނައުމެވެ.
އައިއެމްއެފުން އަންދާޒާ ކުރާ ގޮތުގައި ސަބްސިޑީއަށް ގެންނަ ބަދަލާއެކު މި އަހަރު އަގުތައް 3.8 ޕަަސެންޓަށް އުފުލޭނެ އެވެ. ނަމަވެސް އަންނަ އަހަރު މި އަދަދު 3.0 ޕަސެންޓަށް ވެއްޓޭނެ އެވެ. މީގެ އިތުރުން މި އަހަރު ރާއްޖޭގެ ރިޒާވް 512 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މީގެ އިތުރުން އަންނަ އަހަރު ހުންނާނީ އަހަރު 565 މިލިއަން ޑޮލަރުގަ އެވެ. އަދި އޭގެފަހުން އަންނަ އަހަރުތަކުގައި ރާއްޖޭގެ ރިޒާވް މަތިވެގެން ގޮސް 2028 ގައި ރިޒާވް 2.2 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އައިއެމްއެފުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލީ ސިނާޔަތު އިސްލާހުކޮށް އަޅަން ބުނި ފިޔަވަޅުތައް އަޅާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފަ އެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހު ރައީސް ޑރ. މުއިއްޒު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް އިޝާރަތް ކުރައްވައި އައިއެމްއެފުން ބުނެފައިވާ ގޮތުގައި އުންމީދުތަކެއް އެބައޮތް ކަމަށް ބުނެފައިވެ އެވެ. ރައީސް ވަނީ އާސަންދަ އިސްލާހު ކުރުމާއި އެސްއޯއީ ނިޒާމު ރިފޯމް ކުރުން އަދީ ދައުލަތުގެ ހަރަދުތައް މައިތިރި ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.