އަލްހާންގެ ތިން ބެއިންގެ ޝަރީއަތް ފަށައި ވަކީލުން އައްޔަނު ކުރަން 15 ދުވަސް

ތިން މީހުން ވެސް ބުނެފައި ވަނީ އަމިއްލައަށް ވަކީލަކު އައްޔަނު ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް މާލީ ހާލަތު ހުރި ގޮތުން މަސް ދުވަހުގެ މުއްދަތެއް ވަކީލަކު ހަމަޖައްސަން ދިނުމަށް އެދިފައިވެ އެވެ.

އަލްހާން، ޝަހުބާން އަދި ޝަޒްބާން މިއަދު ކްރިމިނަލް ކޯޓުގައި: އެމީހުންގެ ޝަރީއަތް މިއަދު ވަނީ ފަށާފައި --

ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުން ތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލާ ގައި ދައުވާކޮށްފައިވާ އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

އަލްހާންގެ އިތުރުން މި މައްސަލައިގައި ދެން ދައުވާ ކޮށްފައި ވަނީ ޝަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް ޓެކުމުގެ 39 ދައުވާ އުފުލާފައިވެ އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، ތިން މީހުންނަށް ވެސް ގާޒީ އިސްމާއިލް ޝަފީއު ވަނީ ހައްގުތައް ވިދާޅުވެ ދެއްވާފަ އެވެ. އޭގެ ފަހުން މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުތޯ ސުވާލުކުރައްވާފައިވެ އެވެ.

ތިން މީހުން ވެސް ބުނެފައި ވަނީ އަމިއްލައަށް ވަކީލަކު އައްޔަނު ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް މާލީ ހާލަތު ހުރި ގޮތުން މަސް ދުވަހުގެ މުއްދަތެއް ވަކީލަކު ހަމަޖައްސަން ދިނުމަށް އެދިފައިވެ އެވެ.

ނަމަވެސް ގާޒީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބަޔާންކުރާ ގޮތުގައި އެހާ ގިނަ ދުވަސް ވަކީލުން އައްޔަނު ކުރަން ނުދެވޭނެ ކަމަށެވެ. އެހެންވެ ވަކީލުން އައްޔަނުކުރަން ތިން މީހުންނަށް ވެސް 15 ދުވަހުގެ މުއްދަތެއް ގާޒީ ވަނީ ދެއްވާފަ އެވެ. އަދި ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކު ނުލާ އައިސްފި ނަމަ އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

މައްސަލައިގެ ފަސްފަހަތް - ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނީ އަލްހާނާއި ޝަހުބާނާއި ޝަޒްބާންގެ މައްޗަށް ދައުވާކޮށްފައި ވަނީ ތިން ބެއިންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސް އިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާ އިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައި ވާތީ ކަމަށެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގަ އެވެ.

މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން އެ ބައިތައް ދިރާސާ ކުރުމަށް ފަހު މި މައްސަލައިގައި އިތުރު ދައުވާ ތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ބުންޏެވެ. މި މައްސަލައާ ގުޅިގެން އެމީހުންގެ ބޭންކް އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.