ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބި އަމާންކަން ނުލިބެނީސް ރާއްޖޭން ހިންދެމިނުލާނެ: ރައީސް

މިއީ އިޒްރޭލް ހުއްޓުވަން ވީ ވަގުތު ކަމަށާ އިޒްރޭލްގެ އަނިޔާވެރި ކަމާއި ޖަރީމާތަކަށް މުޅި ދުނިޔެ ލޯ މަރާލައިގެން ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭ ކަމަށް ވަކާލާތު ކުރުމުގައި ރާއްޖެ ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށާ އެ ގައުމަށް މިނިވަން ދައުލަތެއްގެ ޝަރަފު ލިބި ފަލަސްތީނު ރައްޔިތުންނަށް އަމާން ކަމާއި ސުލްހަވެރިކަން ލިބެންދެން އެ މަސައްކަތު ގައި ރާއްޖެ ހިންދެމި ނުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ފަލަސްތީނުގެ ޣައްޒާ ފުނޑުފުނޑުކޮށްލުމަށް ފަހު އެ ގައުމުގެ ރަފަހަ ސިޓީއަށް އަރައިގަތުމަށް އިޒްރޭލްގެ ޔަހޫދީ ސިފައިން ހިންގަމުންދާ ޖަރީމާތައް ކުށްވެރި ކުރައްވާ މިއަދު ނެރުއްވި ބަޔާނެއް ގައެވެ. ރައީސްގެ ބަޔާނުގައި ވަނީ ރަފަހަ ވަށާލާ އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ އިޒްރޭލް ހުއްޓުވަން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގޮވާލައްވާ ފައެވެ.

މިއީ އިޒްރޭލް ހުއްޓުވަން ވީ ވަގުތު ކަމަށާ އިޒްރޭލްގެ އަނިޔާވެރި ކަމާއި ޖަރީމާތަކަށް މުޅި ދުނިޔެ ލޯ މަރާލައިގެން ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންގެ ހައްގުގައި އުފުލަމުންދާ އަޑު ގަދަވެ ބައިބޯ ވަމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ކުރެވޭ ވަކާލާތު ގައި ރާއްޖެ ފުރިހަމައަށް ބައިވެރިވާނެ ކަމަށެވެ. އަދި އައިސީޖޭއަށް ހުށައަޅާފައިވާ މައްސަލާ ގައި އިޒްރޭލް ހުއްޓުވަން އިތުރު ފިޔަވަޅުތަކެއް އަޅަން ހުށައަޅާފައި އޮތް އޮތުމަށް ރާއްޖެ ފުރިހަމައަށް ތާއީދު ކުރާނެ ކަމަށެވެ.

އަދި ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭ ކަމަށް ވަކާލާތު ކުރުމުގައި ރާއްޖެ ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށާ އެ ގައުމަށް މިނިވަން ދައުލަތެއްގެ ޝަރަފު ލިބި ފަލަސްތީނު ރައްޔިތުންނަށް އަމާން ކަމާއި ސުލްހަވެރިކަން ލިބެންދެން އެ މަސައްކަތު ގައި ރާއްޖެ ހިންދެމި ނުލާނެ ކަމަށެވެ.

ސަރުކާރުން ވެސް ވަނީ އެ މޭރުމުން ބަޔާނެއް ނެރެފައެވެ.

މި ހަނގުރާމައިގައި ގާޒާގެ އާބާދީގެ ބޮޑު ބައި ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަމަށް ޖެހިފައިވާއިރު މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ 35،000 މީހުން މިހާތަނަށް ޝަހީދުވެފައި ވެއެވެ. އަދި 77،765 މީހުން ޒަހަމްވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.