މީރާގެ ވެރިޔަކަށް ޒަރީރު އައްޔަނު ކުރަން މިއަދު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ޒަރީރާއި ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދު މުހައްމަދުގެ ނަމެވެ. ނަމަވެސް މައްސަލަ ދިރާސާ ކުރުމަށްފަހު އިގްތިސާދީ ކޮމެޓީއިން ނިންމާފައި ވަނީ އެ މަގާމަށް ޒަރީރު އައްޔަނު ކުރުމަށެވެ.
މީރާގެ ވެރިޔަކަށް ޒަރީރު އައްޔަނު ކުރަން މިއަދު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ނިމިދިޔަ މަޖިލީސް އިންތިހާބުގައި ވާދަކުރެއްވުމަށެވެ. ނަމަވެސް ކުރިމަތިވީ ބޮޑު ނާކާމިޔާބީ އެކެވެ.
ޒަރީރާއި ޔަޒީދާ ދެ ބޭފުޅުންގެ މަގާމު ގެއްލުނީ، 2019 ވަނަ އަހަރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.
އެ އިސްލާހު ގެނައީ ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ ގޮތަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މީރާގެ ބޯޑު އަލުން އެކުލަވައިލުމަށެވެ.
ބިލު ތަސްދީގު ކުރުމަށްފަހު އެ މަގާމަށް ހުޅުވާލުމުން މި ދެ ބޭފުޅުން އޭރު ކުރިމަތި ލައްވާފައެއް ނުވެ އެވެ.
ޒަރީރު މީރާގެ ވެރިޔަކަށް އައްޔަނުކުރަން ފާސްކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.