މިދިޔަ ފަސް އަހަރު ރޭޕް ކޭސްތައް އެންމެ ގިނައިން ރިޕޯޓް ކުރީ ކޮވިޑުތެރޭ

ކޯޓުގައި ވޭތުވެދިޔަ ފަސް އަހަރު ޖިންސީ ގޯނާ ކުރިކަން ސާބިތުވާ ކަމަށް ނިންމާފައި ވަނީ އެންމެ 10 މައްސަލަ އެވެ. އަދި، އަށް މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާއިރު، އެއް މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާކަން ވެސް ޖީހާން ފާހަގަކުރެއްވި އެވެ.

ޖިންސީ ފުރައްސާރަ އާއި ގޯނާއާ ދެކޮޅަށް މުޒާހަރާ ކުރަނީ

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖިންސީ ގޯނާ އަދި ރޭޕްގެ މައްސަލަތައް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އޮތް ދުވަސްވަރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ދިރާސާއިން ދައްކައިފި އެވެ.

ޖިންސީ ގޯނާ އަދި ރޭޕްގެ މައްސަލަ ދިރާސާ ކުރުމަށް ޖުލައި 5، 2021 ގައި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އާދަމް ޝަރީފް ކޮމެޓީއަށް ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން އެ ކޮމެޓީން ވަނީ މިކަމާ ގުޅޭ ދިރާސާއެއް ހަދާފަ އެވެ.

މި ދިރާސާގައި ޖެންޑާ މިނިސްޓްރީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ފުލުހުންނާ އިންޓަވިއުކޮށް މައުލޫމާތު ނަގާފައިވެ އެވެ.

ކޮމެޓީ ރިޕޯޓުން ދައްކާ ގޮތުގައި އެންމެ ގިނައިން މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅަނީ ޖިންސީ ގޯނާއާ ގުޅިގެން ވަކިކަމެއް ކުރާނެ ކަމަށް ޑިމާންޑްކޮށް ބްލެކްމެއިލް ކޮށްގެންނެވެ. 

"އެންމެ ގިނަ މައްސަލަ ހުށަހެޅިފައި ވަނީ ކޮވިޑްގެ އަހަރުގައި ކަން ފާހަގަކުރެވޭ. އަދި އެއަށްފަހު މިއަންނަނީ ދަށްވަމުން ކަމަށް މި ކޮމެޓީން ކުރި ދިރާސާއިން ފާހަގަކުރެވޭ،" މިއަދު މަޖިލީހަށް ކޮމެޓީ ރިޕޯޓް ހުށަހަޅުއްވަމުން މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވި އެވެ.

ކޮމެޓީ ރިޕޯޓްގައި 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފުލުހުންނަށް ހުށަހަޅާފައިވާ ޖިންސީ ގޯނާ އަދި ރޭޕްގެ މައްސަލަތަކުގެ ތަފާސް ހިސާބުތައް ހިމަނާފައިވެ އެވެ. 

  •  2018 - 362 މައްސަލަ
  •  2019 - 410 މައްސަލަ
  •  2020 - 487 މައްސަލަ
  •  2021 - 342 މައްސަލަ
  •  2022 - 334 މައްސަލަ
  •  2023 - 234 މައްސަލަ

ރިޕޯޓް ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ މި ދިރާސާއިން ހާމަވިގޮތުގައި، ރަށްރަށުގައި ހުންނަ ސިއްހީ ހިދުމަތް ދޭ ތަންތަނުން ޖިންސީ ގޯނާ ލިބޭ މީހުންގެ ހަށިގަނޑުން ތަހުގީގަށް ބޭނުންނާ ހެއްކާ ގަރީނާ ނެގުމަށާއި ޑޮކްޓަރުން ބަލަން ޖެހޭ ކަންކަން ބެލޭނެ ވަސީލަތްތައް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި، އެފަދަ މީހުންގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުން ލަސްވާކަން ފުލުހުން ފާހަގަކޮށްފައިވާ ކަމަށެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު: ވޭތުވެދިޔަ ފަސް އަހަރުތެރޭގައި ޖިންސީ ގޯނާގެ މައްސަލަތަކުގެ ތަފާސްހިސާބު ވަނީ ވިދާޅުވެދެއްވާފައި --

ތަހުގީގަށް ހުށަހެޅޭ މައްސަލަތަކަށް ދެން ވަނީ ކިހިނެއްތޯ ކޮމެޓީން ދިރާސާ ކުރިއިރު، ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވާ 80 ޕަސެންޓް މައްސަލަ ކޯޓަށް ހުށަހަޅާކަމަށް ޖީހާން ވިދާޅުވި އެވެ. މައްސަލަތައް ހުއްޓި ލަސްވަނީ ކޯޓް މަރުހަލާގެ ތެރެއިންނެވެ.

ކޯޓުގައި ވޭތުވެދިޔަ ފަސް އަހަރު ޖިންސީ ގޯނާ ކުރިކަން ސާބިތުވާ ކަމަށް ނިންމާފައި ވަނީ އެންމެ 10 މައްސަލަ އެވެ. އަދި، އަށް މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާއިރު، އެއް މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާކަން ވެސް ޖީހާން ފާހަގަކުރެއްވި އެވެ.

"ހުށަހެޅިފަވާ މައްސަލަތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ޓްރެންޑަކީ ތަހުގީގަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ އުފުލުމަށްދާ މައްސަލަތަކުގެ ގެޕެއް އެބައުޅޭކަން. އެހެންވީމަ ތަހުގީގު މަރުހަލާގަ ދިރާސާކުރަން ޖެހޭ ކަންކަން އެބަހުރިކަން. އަދި ވިކްޓިމްސްއަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމުގެ އަދި ހިތްވަރުގެ އަދި ސައިކޮލޮޖިކަލް ސަޕޯޓުގެ މަސައްކަތް ހަރުދަނާ ކުރަން ޖެހޭކަން،" ޖީހާން ވިދާޅުވި އެވެ.

އެހެންކަމުން ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި މަސައްކަތް ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރަން ކޮމެޓީން ވަނީ ހުށަހަޅާފަ އެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގު ކުރުން އަވަސްކޮށް، އެފަދަ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެފަދަ ހިދުމަތްތައް ފޯރުކޮށްދޭން ވެސް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.