އިގްތިސޯދި ސޯބުތަކުގެ އެނބުރުން ބަދަލުވުން | ހޯރަފުށީ ފަރުގެ ނިވަލުން

މި ސަރަހައްދުން އަހަރަކު 70،000 ބޯޓު ހުރަސް ކުރެ އެވެ. މީގެ ކުޑަ ޕަސެންޓަކަށް ހިދުމަތް ދޭން ލިބުނަސް ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ އެވެ.

ބަންކަރިން ހިދުމަތުގައި ބޭނުން ކުރާ އުޅަނދެއް

އިގްތިސޯދީ މާހިރަކު މީގެ ހަތް އަހަރު ކުރިން އަހަރެން ކައިރިބުނި ވާހަކައެއް ހަނދާން ވެއްޖެ އެވެ. އޭނާ ބުނީ ރާއްޖެ ފަދަ ގައުމުތައް ކޮންމެ ފަސް އަހަރުން ވެރިކަން ބަދަލުވާއިރު ފަސް އަހަރުތެރޭ ބޮޑު ބިޔަ މަޝްރޫއެއް ނުފެނިއްޖެނަމަ އިކޮނޮމީ ހީނަރުވާނެ އެވެ. މީގެ ހަގީގީ މަންޒަރު ދިވެހި ރައްޔިތުންނަށް މިދިޔަ ފަސް އަހަރުގެ ކުރިއަށް ގޮސް ވިސްނާލާފަ އައި ނިމިދިޔަ ފަސް އަހަރު ކަންވީ ގޮތާމެދު ވިސްނާލުމުން އެކަން ފަހުމްވާ ފަސޭހަވެ އެވެ. ރާއްޖެއަށް ހަގީގަތުގައި ވެސް އިކޮނޮމީ އަށް ތެޔޮ ޖަހާނެ ބޮޑުބިޔަ މާސިންގަހަ އިންވެސްޓްމަންޓެއް އަބަދު ވެސް ހިނގަހިނގާ އޮންނަން ޖެހެ އެވެ. ކުރިއަށް އޮތް ދެ ތިން މަހު މީގެ ގިނަ މަޝްރޫއުތަކެއް ފެށިގެންދާއިރު މީގެތެރޭގައި ރާއްޖޭގެ އިގްތިސޯދުގެ މައި ސޯބުތަކުގެ ހިނގުން ބަދަލުކޮށްލާނެ މަސައްކަތް ތަކެއް ވެސް ހިމެނެ އެވެ. 

މި ބަދަލު ގެނުވާނެ އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ އިގްތިސޯދުގައި މުޅިންއާ އިކޮނޮމީއެއް އުފަން ވުމުގެ މަގު ހުޅުވިގެންދާނެ އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ނުވަތަ ރާއްޖޭގެ އިގްތިސޯދުގެ މައި ދޮޜޯށި މަޝްރޫއެވެ. މި ވޭތުވެދިޔަ 15 ނޫނީ 20 އަހަރު މަސައްކަތްކޮށް ވެސް ކާމިޔާބު ނުވި މި މަސައްކަތުގެ ފެށުން އަންނަން އުޅޭކަމުގެ ސިގްނަން އިއްޔެ ދެއްވީ މިހާރުގެ އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު އެވެ. ފުނަދޫގައި ފައިނޭންޝަލް ހަބެއް ހަދަން ގަތަރުގެ ބޮޑު ކުންފުންޏަކަށް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ މީގެ ދެ މަސް ފަހުން ޖުލައި މަހު އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ވިޔަފާރި ފެށިގެންދާނެ އެވެ.  

މި ކަމާއެކު އަންނާނެ ބަދަލު ތަކެއް ވެސް ހުންނާނެ އެވެ. މިއީ ރާއްޖޭގެ އިގްތިސޯދަށް ކިހާބޮޑު ބަދަލެއް އަންނާނެ މަޝްރޫއެއްގެ ގޮތުގައި ތަރައްގީ ކުރެވިދާނެ ހެއްޔެވެ؟ މިކަމުގެ ފޮނި މީރުކަން ލިބެން ކިހާ ދުވަހަކުން ދިވެހިންނަށް ލިބެން ފަށާނެ ހެއްޔެވެ؟ ސަރުކާރުން ކުއްލި އަކަށް މިކަން ފަށަން ނިންމި ސަބަބަކީ ކޮބައި ހެއްޔެވެ؟ 

"މިހާރު އަޅުގަނޑުމެންގެ ވިސްނުން މިހުރީ ކޮންމެ ކަމެއްވެސް ބިޒްނަސް ފީޒިބަލްވާނެ ގޮތަކަށް ޑީޓެއިލްކޮށް އަވަހަށް ފެށުމަށް. އެހެންވެ ޖުލައި މަހު ބަންކަރިންގެ ހިދުމަތް ފަށަނީ ވެސް. އޭގެ ފަހުން ހުރިހާ އެއްޗެއް ގުޅުވާލައި ފިޓިކް ކުރެވޭނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.  

ރާއްޖެ ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި ބޭއްވުން ނިމުމަކަށް ގެންނަން ހުޅުވާލާ އާ ދޮރޯށި ހުޅުވިގެންދަނީ ދުނިޔެ އިން ނުކުރެގެން ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ވަދެގެންދާ މާސިންގަހަ ކޮންޓެއިނަރު އާގު ބޯޓު ފަހަރަށް ބޭނުންވާ ހިދުމަތް ދިނުމަށެވެ. އިހަވަންދިއްޕޮޅު ސަރަހައްދަކީ އުތުރަށް އިންޑިއާގެ މުމްބާއީން އަދި  ހުޅަނގުގައި އޮންނަ އެފްރިކާގެ ކެންޔާގެ މޮމްބާސާ އިން ވަދެގެން އިރުމަތީގައި އޮންނަ ލަންކާގެ ކޮލަމްބޯ ކައިރިން އަޅާފަ އަންނަ އަންނަ ބޯޓުތައް ހުރަސް ކަނޑާ މަގެވެ. މިހާތަނަށް ރާއްޖޭގައި މިކަން ނުފެށި އޮތް ސަބަބަކީ ވެސް މި އެވެ. މި ސަރަހައްދުތައް ނިސްބަވްތާ ގައުމުތަކުގެ ނުފޫޒުފަ އެވެ. ކޮންމެ ފަހަރަކު މިކަން "ފެއިލްކޮށްލަނީ" ސަރަހައްދީ ވާދަވެރި ސިޔާސީ އަދި އިގްތިސޯދީ ބާރުގަދަ އަތްތަކަކުންނެވެ. އެކަމަކު މިކަން ކޮންމެވެސް ހިސާބަކުން ފަށައިގެން ނޫނީ ކުރިއަކަށް ނުދާނެ އެވެ. 

އަހަރަކު 18 ބިލިއަން ޑޮލަރުގެ މުދާ ހުރަސްކުރާ މަގެއް

ވިޓޯލްގެ ބަންކަރިން ޗާޓުގައި ރާއްޖެ

މި ސަރަހައްދަކީ އަހަރަކު 70،000 ކޮންޓެރިނަރު އާގު ބޯޓު ހުރަސް ކުރާ މަގެކެވެ. މިއި މަހެއްގެ މައްޗަށް ބަލާނަމަ 5،000 އެއްހާ ބޯޓެވެ. ދުވާލަކު ގާތްގަނޑަކަށް 300 - 400 އާ ދެމެދުގެ އަދަދަކަށް ބޯޓު ދަތުރު ކުރެ އެވެ. ދުނިޔޭގެ އެންމެ ބޮޑު އޮއިލް ރޫޓް ނުވަތަ ތެޔޮ ބޯޓު ފަހަރުގެ މައި މި މަގަކީ އަހަރެއްގެ މައްޗަށް އަށް ބިލިއަން ފީފާގެ ތެޔޮ އުފުލާ މަގެވެ. އަދި އަހަރަކު 18 ބިލިއަން ޑޮލަރުގެ މުދަލާއެކު އާގު ބޯޓުތައް ރާއްޖޭގެ ޖަޒީރާ ރަށްތައް ފެންނަ ހިސާބުން ދަތުރު ކުރެ އެވެ. ރާއްޖޭގެ ކުޑަ ރަށެއްގެ ބޮޑުމިން ހުންނަ މި ބިޔަ ބޯޓު ފަހަރުތައް ދިވެހި މަސްވެރިންގެ ލޮލަށް ފެނުން ނޫން ކަަމެއް މިހާތަނަށް ނުވެ އެވެ. 

މި މަސައްކަތް ކުރިން ބަންކަރިންގެ ވިޔަފާރިއެއްގެ ގޮތުގައި ކިޔައި އެކަމަކީ ބޮޑުކޮށް ކުރަން މިހާތަނަށް ހިފިކަމެއް ނަމަވެސް މިހާރުގެ އެ ވިސްނުން ބަދަލުވެއްޖެ އެވެ. މިހާރު ސަރުކާރުގެ ޕްލޭން އޮތީ މިކަން ފުރަތަމަ ކޮންމެ ވެސް އެއް ތަނަކުން ފެށުމެވެ. އެހެންވެ މިކަން ކުރަން ވަނީ ދުނިޔޭގައި ބަންކަރިންގެ ވިޔަފާރިވެރިން ދަންނަ ދުނިޔޭގެ ބޮޑު ކުންފުންޏަކަށް ދީފަ އެވެ. މިކަން ހަވާލުކުރީ ވިޓޯލް ކުންފުންޏަށެވެ. އެ ކުންފުނިން މިހާރު ވަނީ ވިޓޯލް ބަންކާސް ގެ ޗާޓަށް ރާއްޖެ ލައި އިސްތިހާރު ވެސް ކުރަމުންނެވެ.

ވިޓޯލް - ވިޓޯލް އަކީ ހަކަތަ އާއި އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުންފުނިންނެވެ. މި ކުންފުންޏަށް 55 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިއީ ބަންކަރިންގައި ފާހަގަކޮށްލެވޭ ކުންފުންޏެވެ. މި ކުންފުނީގެ ނެޓްވޯކްތަކާއި އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަންކަރިންގެ ހިދުމަތްދެ އެވެ. ވިޓޯލް އަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏެވެ. ވީޓޯލްގެ އޮފީސްތަށް ދުނިޔޭގެ 40 ގައިމެއްގައި ހުރެއެވެ، މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކަރިން ފިއުލްގެ ގޮތުގައި ވިއްކަ އެވެ. މީގެ އިތުރުން ވިޓޯލް އަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަ ސަޕްލަޔާ، އަދި ސިންގަޕޯގެ އެނެމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަރެވެ. 

ބަންކަރިން ފަށަން ވިޓޯލް ތައްޔާރު

  •  ބަންކްރަކިން ހިދުމަތް ދިނުމަށް ބޭނުން ވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނަ ބާޖްއަށް ސަޕްލައި ކުރުން
  •  ވިޓޯލްގެ ބޮޑު ނެޓްވޯކްގެތެރެއިން ބައިންލްއަގުވާމީ ބަންކަރިން ހަބް އެއްގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުން
  •  ވިޓޯލްގެ ބްރޭންޑް އާއި، ތަޖުރިބާއާ، ތެލުގެ ވިޔަފާރީގެ ގުޅުންތައް ބޭނުން ކޮށްގެން ރާއްޖެ މާކެޓް ކުރުން
  •  ބޯޓުތަކައް ބޭނުން ވާ ހެވީ ފިއުލް އޮއިލް، މެރިން ގޭސް އޮއިލް ރާއްޖޭން ލިބޭނެ
  •  ޑިމާންޑް އޮތް ކަމުގައި ވާނަމަ، ކުރިއައް އޮތް ތާނގައި އެލްއެންޖީ އަދި ބަޔޯ ފިއުލް ވެސް ވިއްކާނެ

މަސައްކަތް ފެށުން ހޯރަފުށީ ފަޅުން

ވިޓޯލްއާއި ސަރުކާރުގެ އެސްޓީއޯ ގުޅިގެން މި މަސައްކަތް ފެށުމަށްފަހު ސަރުކާރުން މިކަން ކުރަން އުފެއްދި އިކޮނޮމިކް ޒޯން ކުންފުނިން ވަސީލަތް ގާއިމް ކުރާނެ އެވެ.  މި މަސައްކަތް ފަށަން ތައްޔާރުވަނީ މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް މި މަސައްކަތް ފަށަން ހިތުލައިގެން ހުރި ހޯރަފުށީ ކައިރީފަ އެވެ. މިއީ މިހާރު އިހަވަންދިއްޕޮޅުގެ ދެވަނަ "މާލެ" އަށް ވަމުންދާ ސަރަހަރެވެ. މިދިޔަ ސަރުކާރުން ވެސް ގިނަ ވަސީލަތް ތަކެއް ގާއިމްކޮށް އެއާޕޯޓެއް ވަނީ ހަދާފަ އެވެ. މި ސަރުކާރުން ނިންމާފައިވަނީ މި ތަނުގެ އެއާޕޯޓް ބޮޑު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްލުމަށެވެ. މިއާއެކު ބަންކަރިންގެ މަސައްކަތް ފެށުމަށްޓަކައި ހޯރަށީ ފަޅުން ގާތްގަނޑަކަށް 2،500 ހެކްޓަރު ނުވަތަ ހުޅުމާލެ ވަރުގެ 12 ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ހިންގާނެ އެވެ. މި މަސައްކަތް ފަށާ ސަރަހައްދަކީ ހޯރަފުށީ ފަޅުގެ މެދެންހާ ހިސާބުގަ އެވެ. މިތަން އޮންނަނީ މައިގަނޑަށްވާ ގޮތަަށްވުމާއެކު ރާއްޖެ ކައިރިން ދާ ބޯޓު ފަހަރަށް މި ސަރައްދުން ދިއުމެވެ. 

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ޖުލައި މަހު ފަށާއިރު ދިވެހި 60 ވަޒީފާ އުފެދިގެންދާނެ އެވެ. މިކަން ފަށާނީ ބާޖުތަކާއި ތެޔޮ ބޯޓުތައް  އަދި މިނޫންވެސް ވަސީލަތްތައް ވިޓޯލްއިން ގެނެސްގެނެވެ. 

އަވަހަށް ފަށަނީ ވަގުތައް ބަލާ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މި މަސައްކަތް އަވަސްކޮށް ސަރުކާރުން ފަށަން ނިންމި ސަބަބަކީ މި ވަގުތުގެ ފައިދާ ނެގުމެވެ. ފަލަސްތީނުގެ މައްސަލާގައި ޔަމަނުގެ ހޫތީން ބާބުލް މަންދަބު ހުރަސްކޮށްދާ ބޯޓު ފަހަރަށް ހަމަލަދޭން ފެށުމާއެކު ބޯޓު ފަހަރުގެ ދަތުރުތަކަށް ވަނީ ބަދަލު އައިސްފަ އެވެ. މިކަމުގެ ސަބަބުން ބަންކަރިން ވަސީލަތް ގާއިމްކޮށްފައިވާ މި ސަރަހައްދުގެ ގައުމުތަކަށް ދަނީ ބޮޑު ފައިދާއެއް ލިބެމުންނެވެ. އެހެންވެ މިކަން މި ވަގުތު އަވަހަށް ފަށަން ސަރުކާރުން ބޭނުންވެ އެވެ. އެކަމަށް ވިޓޯލްއިން ވެސް ލަފާދެ އެވެ. އެކަން އެނގުމުން ވިޓޯލްއާއި އެސްޓީއޯއިން ބަންކަރިން ފަށަން ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިޔާތައް ގޮސްހުރި ވިޓޯލްގެ ސީނިޔަ ވެރިއަކު ބުނި އަޑު އެހީމެމެވެ. މިހާރު މެދުއިރުމަތީގައި ޖެހިފައިވާ މައްސަލާއެކު އަވަށްޓެރި ބައެއް ގައުމުތަކަށް އޮތް ޑިމާންޑް ވަނީ 30 ގުނަ އިތުރުވެފަ އެވެ. އެމީހުންގެ އަތުގައި މިހާރު އޮތް ޑިމާންޑަށް ކޭޓާ ކުރެވޭނެ ކެޕޭސިޓީއެއް ނެތެވެ. އެހެންވެ މިއީ މި ވިޔަފާރި ފަށަން މިދިޔަ 30 އަހަރުތެރޭ ގެއްލިގެން ދިޔަ ފުރުސަތު އަލުން އަނބުރާ ލިބުން ފަދަ ރަނުގެ ފުރުސަތު ފަހިވާނެ ކަމަށްވާނެ އެވެ. 

މި ވިޔަފާރި ވެގެންދާނީ ރާއްޖޭގެ އިގްތިސޯދަށް އާ ދޮރެއް ހުޅުވިގެންދާނެ ވިޔަފާރިއަކަށެވެ. ސަރުކާރުން ޕްލޭން އޮތީ މިކަން ފިޔަވަހި ތަކަށް ބަހާލައިގެން ތަރައްގީ ކުރުމަށެވެ.  ސިފައިން ޑްރޯން ގެނައި އެއް ސަބަބަކީ ވެސް މި ބޯޓުތަކަށް ސަލާމަތްކަން ޔަގީންކޮށް ދިނުމެވެ. ހޯރަފުށީ ފަރުކައިރިން ފެށިގެން އަންނަ މި ވިޔަފާރި އެކި ފިޔަހިތަކުގައި ޕޯޓުގެ އިތުރުން ޓޫރިޒަމް ޒޯންތަކެއް ހެދުމާއި ރެސިޑެންޝަލް ވަސީލަތް ގާއިމް ކުރުންވެސް ހިމެނެ އެވެ. އެކަމަކު މި ހިސާބަށް ދިއުމުގެ ކުރިން ސަރުކާރުން މިހާރު ނިންމާފައިވަނީ މި މަސައްކަތް އަވަހަށް ފެށުމަށެވެ. އެކަން ޖުލައި މަހު ފެށިގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.